ENGLISH
22 އޭޕްރީލު 2025
ތިނަދޫ ހައުސިން ޔުނިޓުތަކަށް ކުރިމަތިލާން ހުޅުވައިލި އިއުލާން ބާތިލުކުރަން އަންގަވައިފި
01 ފެބްރުއަރީ 2025
|
ގއ.ތިނަދޫ ސިޓީ، ފޮޓޯ: މިހާރު
ގދ.ތިނަދޫގައި އަޅަމުންދާ 200 ހައުސިން ޔުނިޓަށް ކުރިމަތިލާން ހުޅުވައިލާ އެ ސިޓީގެ ކައުންސިލުން ނެރުނު އިޢުލާނު ބާތިލުކުރަން ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އަންގަވައިފިއެވެ.
ތިންދޫ ސިޓީ ކައުންސިލަށް އެ މިނިސްޓްރީން ފޮނުއްވި ސިޓީގައި ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ޢިމާރާތްކުރައްވާ ހައުސިން ޔުނިޓައް ބިނާކުރެއްވުމާއި އެތަންތަން އެކިފަރާތްތަކަށް ދޫކުރެއްވުމުގެ މަސައްކަތްކުރެއްވުމާއި އެ މަސައްކަތް ވިލަރެސްކުރެއްވުމަކީ އެ މިނިސްޓްރީން ހިންގަންޖެހޭ އެ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަންކަމެވެ.
އިތުރަށް އެމަނިސްޓްރީން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޢިމާރާތްކުރަމުންދާ ހައުސިން ޔުނިޓުތައް އެކި ފަރާތްތަކަށް ދޫކޮށް ޙަވާލުކުރަމުންދަނީ އެ މިނިސްޓްރީން އެންޑޯސްކުރައްވައި ހުއްދަ ދެއްވާ އުޞޫލެއްގެ މަތިން ކަމަށެވެ.
މިނިސްޓްރީން ބަޔާންކުރެއްވި ގޮތުގައި ތިންދޫ ސިޓީގައި ބިނާކުރަމުންދާ 200 ހައުސިން ޔުނިޓަކީ އެ މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން އަޅަމުންދާ ތަންތަނަށްވާތީ އެ ތަންތަން ދޫކުރުމުގެ ކުރިން ހައުސިން ޔުނިޓުތައް ދިނުމާ ގުޅޭ އުޞޫލު ފައިނަލުކުރުމާއި އެޕްލިކޭޝަން މަރުޙަލާ ކުރިއަށްގެންދަންޖެހޭނީ އެ މިނިސްޓްރީގެ އިރުޝާދުގެ ދަށުންނެވެ.
އަދި ތިނަދޫ ކައުންސިލުން އެ ހައުސިން ޔުނިޓުތަކަށް ކުރިމަތިލުމަށް ހުޅުވައިލާ 29 ޖަނަވަރީގައި ނެރުނު ޢިލާނަކީ މިނިސްޓްރީން ހުއްދަ ހޯދުމެއް ނެތި ޢާންމުކުރި އިޢުލާނެއްކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެހެންކަމުން އެ އިޢުލާނު ބާތިލުކުރުމަށް ތިނަދޫ ސިޓީ ކައުންސިލަށް މިނިސްޓްރީން އަންގަވާފައިވެއެވެ. އެއާއެކު މިނިސްޓްރީން އެދިވަޑައިގެންފަައިވަނީ އެ ސިޓީގައި ބިނާކުރާ 200 ހައުސިން ޔުނިޓުތައް ލިބޭފަރާތްތައް ކަނޑައެޅުމަށް ބޭނުންވާ އުޞޫލު އެކުލަވަައިލާ އެންޑޯސްކުރުމަށް މިނިސްޓްރީއަށް ފޮނުވައިދިނުމަށެވެ. އަދި މިނިސްޓްރީގެ އިރުޝާދުގެ ދަށުން ހައުސިން ޔުނިޓުތައް ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށްވެސް އެ މިނިސްޓްރީން އިލްތިމާސްކުރެއްވިއެވެ.