ENGLISH

22 އޭޕްރީލު 2025

Advertisement

ވާނުވާ ބަންދު: ޕީޖީ ވިދާޅުވީ މިއީ" ފާރުކޮޅު ފޮރުވަން މަލަން އެޅުމުން" ވެއްޓުނު ހާލަތެއް ކަމަށް

01 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

"ބަންދު ފޯރަމް" ފައްޓަވައިދެއްވުމުގެ ގޮތުން ޕީޖީ އައްބާސް ޝަރީފް ވާހަކަދައްކަވަނީ (ފޮޓޯ/ އެމްއެމް)

ރާއްޖޭގެ ޝަރުއީ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ، ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ މައްސަލަ ނުވަތަ "ވާނުވާ ބަންދު"ގެ މައްސަލަ ބޮޑުވެ، މި ހާލަތަށް ވެއްޓިގެންދިޔައީ އެ މައްސަލަ ހައްލުކުރަން މަސައްކަތް ނުކޮށް، ހުރި މައްސަލަތައް ފޮރުވަން މަސައްކަތް ކުރުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޕީޖީ މިފަދައިން ވިދާޅުވީ "ވާނުވާ ބަންދުގެ" މައްސަލައާއި ގުޅިގެން އެ މައްސަލަ ހައްލުކުރުމަށްޓަކައި އިދާރާތަކުން އެއްވެ، މަޝްވަރާކުރުމަށް އެ އޮފީހުން  ބޭއްވި "ބަންދު ފޯރަމް" ފައްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމާއި ބަންދުކުރުމަށް ފަހު ދިގު މުއްދަތަކަށް ބަންދުގައި ބޭތިއްބުމުގެ މައްސަލައަކީ ހައްލުނުވެ އޮތް ޒަމާންވީ މައްސަލައެއްކަން ފާހަގަކުރައްވަމުން ޕީޖީ ވިދާޅުވީ އެ މައްސަލަ ހައްލުނުވެ އޮތީ މައްސަލަ ފޮރުވަން މަސައްކަތް ކުރުމުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަން މިހެން ދިމާވީ، މުޅި މައްސަލައަށް އެޑްރެސްކުރުމުގެ ބަދަލުގައި ފާރުކޮޅު ފޮރުވުމަށް މަލަން އެޅުމުގެ ބީދައިން އެކި ފަހަރު ދިމާވާ އެކި އެކި ކަންކަން ފޮރުވުމަށް މަލަން ފޮތި އަޅާ އުސޫލުން ކަން ކުރެވިފައިވާތީ."

މީގެކުރިން ވެސް އެ މައްސަލަ ހައްލުކުރަން އިދާރާތަކުން މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް ބަންދުގައި ބައިތިއްބަންޖެހޭ މީހުންގެ އަދަދު މަދުނުވާކަން އެއީ ހަގީގަތްކަން ޕީޖީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ޕީޖީ ވިދާޅުވީ ވާނުވާ ބަންދަކީ މުޅިން ހުއްޓާލެވޭނެ ކަމަކަށް ނުވި ނަމަވެސް އެކަން މަދުކުރެވިދާނެ ކަމަށެވެ. އަދި ބަންދުގައި ތިބޭ މީހުންގެ ހައްގުތަކާއި އިނާޔަތްތައް މިހާރަށް ވުރެ ފުރިހަމަ ގޮތެއްގައި ދީ، ބަންދުކުރުން ނޫން އިތުރު ގޮތެއް ހޯދުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.  

ޕީޖީ މިފަދައިން ވިދާޅުވި އިރު މިވަގުތު ވެސް ވާނުވާ ބަންދުގައި 354 މީހުން އެބަތިއްބެވެ. އެއީ 354 ފިރިހެނުންނާއި 10 އަންހެނުން ނެވެ.  

ޕީޖީ އޮފީހުން އިންތިޒާމްކުރި 'ބަންދު ފޯރަމް' ގައި ކަމާ ގުޅުންހުރި 6 އިދާރާއަކުން ބައިވެރިވެ އެވެ. މިއީ އެ ދާއިރާގައި ހިމެނޭ ހުރުހާ އިދާރާތައް ޝާމިލުވާ ގޮތަށް ބާއްވާ އެފަދަ ފުރަތަމަ ބައްދަލުވުން ވެސްމެއެވެ. 

ކިޔުންތެރިންގެ ހިޔާލު