ENGLISH

22 އޭޕްރީލު 2025

Advertisement

ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ގިނަ މީހުން ބަންދުގައި ތިބޭތާ އަހަރަކަށްވުރެ ދުވަސްވެއްޖެ

01 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ޝަަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން ގިނަ މީހުން ބަންދުގައި ތިބޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އާަންމުކޮށްފަައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

ޕްރޮސެކިއުޓާ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފުގެ އިސްނެންގެވުމަށް ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބާފައި ތިބޭ މީހުންގެ މައްސަލަ ޙައްލުކުރުމާމެދު ކަމާ ގުޅޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރުމަށް ބާއްވަަމުންދާ "ބަންދުފޯރަމު"ގައި ޕީޖީ އޮފީހުން ހިއްސާކޮށްފަައިވާ ހިސާބުތަކަށް ބަލާއިރު، ޝަރީޢަތް ނިމެންދެން ބަަންދުކޮށްފައި 364 މީހަަކު އެބަތިއްބެވެ. 

ބަންދުގައި ތިބި މީހުންގެ ތެރެއިން 354 މީހުންނަކީ ފިރިހެނުންނެވެ. އަދި އެއިން 10 މީހުންނަކީ އަންހެނުންނެވެ. އެމީހުންގެ ތެރެއިން 86 މީހުން ނުވަތަ 23.6 އިންސައްތަ މީހުންނަކީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހުންނެވެ. އަދި އެއިން 122 މީހުން ނުވަތަ %33.5 މީހުންނަކީ އުމުރުން 26 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނެވެ. އަދި 26.9 އިންސައްތަ މީހުންނަކީ އުމުރުން 36 އަަހަރާއި 45 އަހަރާ ދެމެދުގެ މީހުންނެވެ. 

އަދި ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބާފައިވާ 29 މީހަކީ ޢުމުރުން 46 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނެވެ. އަދި 56 އަހަރުން މަތީގެ 29 މީހަކު ޝަަރީޢަތް ނިމެންދެން ބަންދުގައި އެބަތިއްބެވެ.

މި ހިސާބުތަކަށް ބަލާއިރު ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބާފައި ތިބި މީހުންގެ ތެރެއިން 60.4 އިންސައްތަ މީހުންނަކީ ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނެވެ. 

ބަންދުގައި ތިބި މީހުންގެ ތެރެއިން 25.3 އިންސައްތަ މީހުންނަކީ ބަންދުގައި އަހަރަކާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ހޭދަކޮށްފައިވާ މީހުންނެވެ. 10.4 އިންސައްތަ މީހުންނަކީ 3 އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތެއް ބަންދުގައި ހޭދަކުރި މީހުންނަށްވާއިރު 18.4 އިންސައްތަ މީހުންވަަނީ 2 އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތެއް ބަންދުގައި ހޭދަކޮށްފައެވެ. އަދި 5 އަހަރާއި 6 އަހަރާ ދެމެދުގެ މުއްދަތެއް ބަންދުގައި ހޭދަކުރި 8 މީހަކު ތިބިއިރު 6 އަހަރަށްވުރެ ދިގު މުއްދަތެއް ބަންދުގައި ހޭދަކޮށްފަައިވާ 4 މީހަކު ތިބިކަން ޕީޖީ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ. 

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ 30.8 އިންސައްތަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނެވެ.  ދެން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ބަންދުގައި ތިބި މީހުންނެވެ. އެއީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަައިވާ މީހުންގެ 26.4 އިންސައްތަ މީހުންނެވެ. އަދި ބަންދުގައި ތިބި މީހުންގެ 21.7 އިންސައްތަ މީހުންނަކީ ގޭންގު މާރާމާރީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި މީހުންނެވެ. ޓެރަރިޒަމުގެ މައްސަލަތަކުގައި ބަންދުކޮށްފަައި ތިބީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ 4.7 އިންސައްތަކަމަށްވާ 17 މީހުންނެވެ. 

ޝަރީޢަތް ނިމެންދެން ބަންދުކުރާ މީހުން ބަންދުގައި ގިނަ ދުވަސް ހޭދަކުރަންޖެހުމުގެ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ. ޝަރީޢަތް ކުރިއަށްނުދާތީ އެއިން ގިނަ ބަޔަކު ވަރަށް ދިގު މުއްދަތެއް ބަންދުގައި ހޭދަކުރަންޖެހެއެވެ. 

"ވާނުވާ ބަންދު"ގެ ގޮތުގައި ޢާންމުންގެ މެދުގައި މަޝްހޫރުވެފައިވާ މި މައްސަލައަށް އެކަށީގެންވާ ޙައްލެއް ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅާ އެއްގޮތަށް އެ މަސައްކަތްކުރުމަށް ސަރުކާރުން ގެންދަވަނީ ބައެއް ޤާނޫނުތައް އިޞްލާހުކުރެއްވުމަށް މަސައްކަތްކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު