ENGLISH
22 އޭޕްރީލު 2025
ޓޫރިޒަމާއި އެންވަޔަރަމެންޓު މިނިސްޓްރީ އެއްކޮށްލައްވައި ޠާރިޤު މިނިސްޓަރަކަށް ޢައްޔަންކުރައްވައިފި
01 ފެބްރުއަރީ 2025
|
މިނިސްޓަރ އިބްރާހީމް ޠާރިޤު މިއަދު މަޤާމުގެ ހުވައިކުރެއްވުން، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަމެންޓު މިނިސްޓްރީ އެއްކޮށްލައްވައި އެ މިނިސްޓްރީގެ މިނިސްޓަރުކަމަށް މިހާތަނަށް ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނަރޖީގެ މަޤާމުގައި ހުންނެވި ޠާރިޤު އިބްރާހީމް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަމެންޓު މިނިސްޓްރީ އެއްކޮށްލެއްވުމަށްފަހު އަލަށް އުފެއްދެވި މިނިސްޓްރީއަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތުގައި އައު މިނިސްޓްރީގެ މިނިސްޓަރުކަމާ ޙަވާލުވެވަޑައިގަތުމަށް މިނިސްޓަރު ޠާރިޤުވަނީ މަޤާމުގެ ހުވައިކުރައްވާފައެވެ.
މަޤާމުގެ ހުވައިލާދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި އައު މިނިސްޓްރީގެ މިނިސްޓަރުކަމުގެ ފަތްކޮޅު ޠާރިޤަށް ރައީސްވަނީ ޙަވާލުކުރައްވާފައެވެ.
މަޤާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަަށްފަހު ރައީސްވަނީ މިނިސްޓަރ ޠާރިޤާ ބައްދަލުކުރައްވައި، ތިމާވެއްޓާއި ފަތުރުވެރިކަން ގުޅުވައިގެން ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރެއްވުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.
ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަމެންޓު މިނިސްޓްރީ އެއްކޮށްލެއްވިއިރު ކުރިން ޓޫރިޒަމް މިނިސްޓަރގެ މަޤާމުގައި ހުންނެވި އިބްރާހީމް ފައިޞަލު މަޤާމުން ވަކިކުރެއްވީ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެވެ.