ENGLISH
22 އޭޕްރީލު 2025
ލާމަރުކަޒީ ނިޒާމަށް އެންމެ ބޮޑަށް އަޅާލަނީ މި ސަރުކާރުން: ފަތުޙީ
01 ފެބްރުއަރީ 2025
|
ކައުންސިލްތަކުން އެންމެ ބޮޑަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެނީ މި ސަރުކާރުން ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމަށް އޮތީ އިހްމާލުވެފައި ކަމަށް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކްވޯކްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމް ވިދާޅުވެއްޖެ އެވެ.
އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަތުޙީ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލުކުރެއްވި އަދަދާ ގާތްކުރާ އަދަދަށްވެސް މީގެ ކުރިން އެހެން ވެރިއަކަށް ބައްދަލު ކުރެއްވިފައެއް ނުވެއެވެ. ރައީސް ޑރ. މުޢިއްޒު ވަނީ މިހާތަނަށް ހުރިހާ ސިޓީ ކައުންސިލްތަކެއްގެ އިތުރުން ގާތްގަނޑަކަށް ހުރިހާ ރަށުކައުންސިލްތަކާ އަދި އަންހެނުން ކުރިއަރުވާ ކޮމެޓީތަކާ ބައްދަލުކުރައްވާފައިވާފަ އެވެ. މިއީ މީގެ ކުރިން އެއްވެސް ރައީސަކަށް ކުރެއްވުނު ކަމެއް ނޫން ކަމަށްކަން ފާހަގަކުރައްވައި ފަތުޙީ ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ކައުންސިލްތަކާ ބައްދަލު ކުރެއްވުމުގައި ކައުންސިލްތަކުން ބޭނުންވާ ވާހަކައެއް ހުށައެޅުއްވުމަށް ވަގުތު ދެއްވާ ކަމަށެވެ.
"ބައްދަލުކުރައްވަން ކުޑަ ވަގުތުކޮޅެއް ނޫން ދެއްވަނީކީ. އެ ބޭފުޅުން (ކައުންސިލް މެމްބަރުން) ބޭނުން ވާހަކައެއް ދައްކަވަން (ވަގުތު ދެއްވާ). އެ ބޭފުޅުން ވިދާޅުވާ ކަންތައްތަކުގެ ތެރެއިން ކަމެއް ދޫކޮށްލެއްވިއްޖެއްޔާ އެބަ ވިދާޅުވޭ ތިމަންމަނިކުފާނުގެ ވަޢުދުފޮތުގައި މިވެނި ދުވަހަކު މިރަށް އައިސް ދެއްކެވި ވާހަކަ މިއޮތީ ނޫންހޭ. އެ ވާހަކަ ތިޔަ ބޭފުޅުން ނުދައްކަވަނީ ކީއްވެހޭ. އެވަރަށް މީގެ ތެރެއަށް ވަންނަވައިގެން ކުރިއަށް ގެންދަވަނީ. އެގޮތުން 700 އާ ގާތްކުރާ އަދަދެއްގެ ހުށައެޅުން އެބޭފުޅާގެ އަތްޕުޅުން ނޯޓުކުރައްވައިފި. މިއީ ތަފާތަކީ،" ފަތުޙީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކައުންސިލްތަކާ ބައްދަކުރައްވައި، އެބޭފުޅުންގެ ހުށަހެޅުންތައް ރައީސުލް ޖުމްހޫރިއްޔާ ސީދާ ނޯޓުކުރައްވައިގެން ގެންނަވައި، މަސައްކަތްކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރައްވުގެ އިތުރުން ކައުންސިލްތަކުގެ މަސައްކަތްތައް ހަފްތާއެކު އެއްފަހަރު ރައީސް ޑރ. މުޢިއްޒު ބައްލަވާ ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުގައި ލާމަރުކަޒީ ނިޒާމަށް އަޅާލާފައިނުވާކަން ފާހަގަ ކުރައްވަމުން ފަތުޙީ ވިދާޅުވީ ކައުންސިލް އިމާރާތްތައް އެޅުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ މަސައްކަތަކީ ތާރީޚީ މަސައްކަތެއް ކަމަށެވެ. އެގޮތުން 105 ރަށެއްގެ ކައުންސިލް އިދާރާ އެޅުމުގެ މަސައްކަތް މިހާރު އިއުލާން ކުރައްވައިގެން ކުރިއަށްދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އެމްޑީޕީން ދެ ދައުރުވެރިކަން ކުރިއިރު ރާއްޖޭގެ ކައުންސިލް އިމާރާތްތައް އެޅުމުގެ އެއްވެސް ޕްލޭނެއް އެބަ އޮތްތޯ. މިއީ ކައުންސިލްތަކަށް އެންމެ ދަތިވެފައިހުރި ކަންތައްތައް ޑރ. މުޢިއްޒު މަޝްރޫއު އެކުލަވާލައްވައިފި،" ފަތުޙީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ކައުންސިލްތަކުގެ އުމްރާނީ ތަރައްޤީއަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދީފައިނުވާ ކަމަށާއި އޭގެ ބަދަލުގައި ހިންގާފައިވަނީ ކޮރަޕްޝަނުގެ އަމަލުތަކެއް ކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެން ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ އިޤްސާދީ ހާލަތު ރަނގަޅުކުރައްވަން ކުރަންޖެހިވަޑައިގެން މަސައްކަތްޕުޅު ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތީ އުމްރާނީ މަސައްކަތްތަކެއް ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެމްޑީޕީން ޔަޤީންކޮށްގެން ތިބީ ޤައުމު ބަނގުރޫޓުވާނެ ކަމަށް، އެ ނުރައްކަލުން ސަލާމަތްކޮށްދެއްވި. ދުނިޔޭގެ މާލީ އިދާރާތަކުން މިކަމުގެ ފެހި ސިގުނަލް ދީފިނޫންތޯ. ރާއްޖޭގެ ކްރެޑިޓް ރޭޓް އެއްވަރެއްގައި ހިފަހައްޓާދީފި ނޫންތޯ އެ ބޮޑު ދަރަނި އޮއްވާ،" އޭނާ ވިދާޅުވިއެވެ.
ފަތުޙީ ވިދާޅުވީ ކައުންސިލްތަކަށް އިޤުތިސާދީ ބާރުވެރިކަން ހޯދާދިނުމަށް އެންމެ ބޮޑު މަސައްކަތެއް ކުރަނީ ވެސް މި ސަރުކާރުންނެވެ. އެގޮތުން މީގެ ކުރީން އެއްވެސް ސަރުކާރުން ނުދޭ ވަރަށް ފަޅުރަށްތައް އެކި ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރަން މި ސަރުކާރުން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.