ENGLISH

22 އޭޕްރީލު 2025

Advertisement

ޝަހީދުންގެ ދުވަހުގެ ޚާއްސަ ސިންތާ؛ ތާރީޚުން އަގުހުރި ގިނަ މަޢުލޫމާތުތަކެއް

01 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

މިއަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ސިންތާގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ތާރީޚުން އަގުހުރި ގިނަ މަޢުލޫމާތުތަކެއް ހިއްސާކޮށްފައިވެއެވެ.

"ދިވެހީންގެ ޝަހީދުން" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ޚާއްސަ ސިންތާގައި ދާރިސުންގެ ގޮތުގައި ބައިވެރިވީ ވުޒާރާގެ ތާރީޚާ ބެހޭ ކޮންސަލްޓެންޓް އަޙްމަދު ޢަލާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސީނިއަރ ލެކްޗަރަރ އަލްއުސްތާޛު މުޙައްމަދު ދީދީ އަދި ދިވެހި ބަހުގެ އެކަޑަމީގެ މެންބަރު އިޔާޒު ޖާދުﷲ ނަސީމްއެވެ. 

ދިވެހި ބަހާ ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބޭއްވި މި ސިންތާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ދިވެހި ތާރީޚުން ފެންނަގޮތުގައި ކޮންމެ 200 އަހަރަކުން ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރާފައިވާ ކަމަށެވެ. މިފަދަ ކަންތައްތަކުގެ ޒިކުރާ އާކުރަންޖެހެނީ މާއްދީ ތަރިކަ ގެއްލުނަ ނުދިނުމަށް ކަމަށާއި، މާއްދީ ގޮތުން ގެއްލުން ވަނީ ކަމާ ބެހޭ ހޭލުންތެރިކަން ނެތުމުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ހިންގުމަށް ހަމަޖެހިފައިވާ ޤައުމިއްޔަތުގެ މަޝްރޫއުގެ ދަށުން ޢިލްމީ ގިނަ ވާހަކަތަކެއް ހިއްސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ނުވަވަނަ ހަސަން ރަސްގެފާނަށް ވެރިކަން ނުދީ ޕޯޗުގީޒުން ރާއްޖެއަށް ވެރިވެ 15 އަހަރާއި 6 މަސް ދުވަސް ވަންދެން ތިއްބެވެ. ތިލަދުންމަތީގައި ނަގާކިޔާ އެންމެ އިޙްތިރާމްކުރާ އާއިލާ އޮތީ އުތީމުގައި ކަމާއި އެ އާއިލާއަކީ ހުސެއިން ޚަތީބް ތަކުރުފާނުގެ އާއިލާއެވެ. 

އުތީމު ތިންބެއިން ނިންމެވީ މަނަވަރެއް ބެންނެވުމަށެވެ. އަދި މި މަނަވަރުގެ އެހީގައި ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. ޤައުމުގެ ދިފާޢުގައި މި ޖިހާދު ފެއްޓެވީ އެކަމަށް ބަޔަކު އަގެއް ދީގެން ނުވަތަ ބަޔަކު އިސްވެ އެބޭފުޅުން ކިބައިން އެކަމަށް އެދިގެންނެއް ނޫނެވެ.  އެ ޖިހާދު ފެއްޓެވީ އެ ބޭފުޅުންނަކީ ދިވެހި ދަރިންނަށް ވީތީއެވެ. ޤައުމުގެ ހާލަތު އަމިއްލަފުޅަށް ދެނެވަޑައިގެން، ރާއްޖޭގެ ރައްޔިތުންނަށް ލިބެމުންދިޔަ އަނިޔާއާ ކެކުޅުމާއި ވޭން ފެނިވަޑައިގަންނަވާތީއެވެ. ދިވެހިން ތިބި ދީން މަޑުމަޑުން ގެއްލި ނަސްރާނިއްޔަތު ފެތުރުމަށް ޖާގަދެވެމުންދާތީއެވެ. 

ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ދާރިސުން ވިދާޅުވީ ޢަލިރަސްގެފާނަކީ ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ މައްޗަށް ކޮމާންޑްކުރެއްވި ވަރުގަދަ ވެރިއެއްކަމަށެވެ. އަލި ރަސްގެފާނަކީ ޔަމަނުކަރައިގެ އައްސައްޔިދު ޢަބްދުއްރަޙްމާން ދޮށިމޭނާކިލެގެއާއި އަރި އަތޮޅު ފެރިދޫ ސިއްތި ކަނބައިދި ކިލެގެގެ  ދަރިކަލެކެވެ. އެ ރަދުން ޕޯޗުގީޒުންގެ ނައުފަހަރުތައް ހިއްޕަވާ އެބައިމީހުންގެ މުދާ ޣަނީމާކުރެއްވި ވާހަކަ ދިވެހި ތާރީޚުން ފެންނަން އެބައޮތެވެ. 

މި ޕެނަލް ޑިސްކަޝަންގެ ބައިވެރިން ފާހަގަކުރެއްވި ގޮތުގައި،  ދިވެހި ތާރީޚު ދުށް އެންމެންގެ ހަނދާނުގައި ބިންވަޅު ނެގިފައިވާ ހިތްވަރުގަދަ ތިން ޝަހީދުންކަމަށްވާ އައްސުލްޠާނުލް ޢަލީ (ހަވަނަ) ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުންނާއި ޢަލީ ތަކުރުފާނާއި ޝަހީދު ކޯޕަރަލް ޙުސައިން އާދަމެެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޝަހީދުންގެ ދަރަޖަ މާތްﷲ (ސުބްޙާނަހޫ ވަތަޢާލާ) ގެ ހަޟްރަތުގައި މަތުވެރިވެގެންވާ ކަމެވެ. ޤައުމުގެ މިނިވަންކަމާއި ދީނަށް ޓަކައި ޤައުމުގެ ރަސްރަސްކަލުންނާއި ރައްޔިތުން ވެވަޑައިގެންނެވި ޤުރުބާނީއަކީ ވަރަށް މަތިވެރި ޤުރުބާނީއެއް ކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ ޤައުމިއްޔަތާއި ދީނަށް ހުރަސްއެޅޭނެހެން ކުރެވެމުންދާ ފިކުރީ ހަނގުރާމަތަކުގައި ނުޖެހި އަމިއްލަވަންތަ ސިފަ އިސްކުރުމަކީ މުހިންމުކަމެއް ކަމަށެވެ. 

ޝަހީދުންގެ ދުވަހަކީ ދިވެހި ޤައުމިއްޔަތާއި މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި މިނިވަންކަން ދިފާޢުކުރެއްވުމަށް ޝަހީދުވެ ވަޑައިގެންނެވި އަބްޠާލުންގެ ހަނދާން އައުކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. 

ކިޔުންތެރިންގެ ހިޔާލު