ENGLISH

22 އޭޕްރީލު 2025

Advertisement

އަހަރު ނިމުނުއިރު ޖުމްލަ ރިޒާވްގައި 821.8 މިލިއަން ޑޮލަރު، ބޭނުންކުރެވޭ ގޮތަށް 63 މިލިއަން

01 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

ފާއިތުވި އަހަރު ނިމުނުއިރު ދައުލަތުގެ ބޭރު ފައިސާގެ ޖުމްލަ ރިޒާވްގައި 821.8 މިިލިއަން ޑޮލަރު ހުރިއިރު އެއިން ބޭނުންކުރެވޭ ގޮތަށް 63 މިލިއަން ޑޮލަރު ހުރިކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

ކޮންމެ މަހަކު އެއްފަހަރު މަރުކަޒީ ބޭންކުން އާންމުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ދައުލަތުގެ ޖުމްލަ ރިޒާވްގެ ތެރެއިން ރަސްމީ ރިޒާވްގެ ގޮތުގައި ޑިސެންބަރު 2023 ގެ ނިޔަލަށް ހުރީ 673.2 މިލިއަން ޑޮލަރެވެ. 

ރަސްމީ ރިޒާވްގައި ނުހިމެނުނު ނަމަވެސް ޖުމްލަ ރިޒާވްގައި ގުނޭ ގޮތަށް ދިވެހިރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރި 146.3 މިލިއަން ޑޮލަރާއި ރަސްމީ ރިޒާވްގައި ނުހިމެނޭ ސެކިއުރިޓީސްގެ ގޮތުގައި ހުރި 2.3 މިލިއަން ޑޮލަރާއެކު، އަދަ ފޮރިން ކަރަންސީ އެސެޓްސް (ބޭރު ފައިސާގެ އެހެނިހެން އެސެޓު)ގެ ގޮތުގައި ޖުމްލަ 148.6 މިލިއަން ޑޮލަރު ހުއްޓެވެ. 

އެހެންކަމުން ރަސްމީ ރިޒާވާއި، ރަސްމީ ރިޒާވް އެސެޓުތަކުގެ ތެރޭގައި ނުހިމެނޭ ބޭރު ފައިސާގެ އެސެޓުތަކާއެކު ޖުމްލަ ރިޒާވްގެ ގޮތުގައި 821.8 މިލިއަން ޑޮލަރު ހުރިކަން އެމްއެމްއޭގެ ހިސާބުތަކުން ދައްކައެވެ. 

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން ރަސްމީ ރިޒާވްގެ ތެރެއިން ކުރު މުއްދަތުގައި އަދާކުރަންޖެހޭ މާލީ އިލްތިޒާމުތަކަށް ހޭދަވާނެ މިންވަރު އުނިކުރުމުން، ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްގެ ގޮތުގައި 63 މިލިއަން ޑޮލަރު ހުންނާނެއެވެ. 

ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވުމާއި ބޭރު ފައިސާއިން ކުރަންޖެހޭ މުއާމަލާތްތައް ގިނަވުމުގެ ސަބަބުން ދައުލަތުގެ ރަސްމީ ރިޒާވްއަށް ފިއްތުން ބޮޑުވެ، ރިޒާވް ދަށްވަމުންދިއުމަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްވުމުގެ މައިގަނޑު ސަބަބެވެ. 

އެމްއެމްއޭއިންވަނީ އިންޑިޔާގެ ރިޒާވް ބޭންކާއެކު ކަރަންސީ ސްވޮޕު އެއްބަސްވުމެއް ހަދައި 400 މިލިއަން ޑޮލަރު ހޯދާފައެވެ. މި ފައިސާ ހަމަޖެހުމާއެކު ރިޒާވްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވެއެވެ. ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓުކޮށްފައިވާ ފައިސާއަކީ މި ކަރަންސީ ސްވޮޕުން ހަމަޖެހުނު ފައިސާއެވެ. 

އަދި މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގައި ޓޫރިސްޓު ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ ބޭންކުތަކަށް މާރުކުރަންޖެހެއެވެ. 

އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހާމަކުރެއްވި ގޮތުގައި ބޭރު ފައިސާ މާރުކުރުން ލާޒިމުކުރި ޤަވާއިދުގެ ދަށުން ރިސޯޓުތަކާއި ޓޫރިޒަމްގެ އެހެނިހެން ވިޔަފާރިތަކުން ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވެއެވެ. 

އެމްއެމްއޭއިން ލަފާކުރާ ގޮތުގައި އޮކްޓޯބަރު މަހުގެ އާމްދަނީގެ ތެރެއިން ޓޫރިސްޓު ވިޔަފާރިތަކުން މާރުކުރަންޖެހޭ ފައިސާ މާރުކުރުމުން 40 މިލިއަނެއްހައި ޑޮލަރު މާލީ ނިޒާމުގެ ތެރެއަށް ވަންނާނެއެވެ. 

ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް ބޭރު ފައިސާ މާރުކުރަން ފެށުމުން ދައުލަތުގެ ރަސްމީ ރިޒާވްއިން ކުރަންޖެހޭ ހޭދަތައް ކުޑަކުރެވި ރިޒާވަށް އޮތް ފިއްތުންތައް ކުޑަކުރެވޭނެއެވެ. އަދި މާރުކުރާ ފައިސާގެ ތެރެއިން 60 އިންސައްތަ އެމްއެމްއޭއަށް ގަންނާތީ އެ ފައިސާވެސް ރިޒާވްއަށް އިތުރުވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު