ENGLISH
22 އޭޕްރީލު 2025
އެމްޑީޕީން މަގުމައްޗަށް ނުކުތީ ސަރުކާރު ވައްޓައިނުލެވުމުން: އިބްރާހީމް ދީދީ
01 ފެބްރުއަރީ 2025
|
ރައްޔިތުންގެ މަޖިލީހުގެ ގެމަނަަފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ، ފޮޓޯ: އެމްއެމްޓީވީ
އިދިކޮޅު އެމްޑީޕީން މަގުމައްޗަށް ނުކުމެ މަގުމަތީ ހަރަކާތްތައް ހިންގަން ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން އެމަނިކުފާނުގެ ވެރިކަން ބަދަލުކުރުމަށް އެ ޕާޓީން ކުރަމުން އައި މަސައްކަތްތައް ނާކާމިޔާބުވެ ސަރުކާރު ނުވެއްޓޭނެކަން ކަށަވަރުވުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަަފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ އެމްޑީޕީން ނޫން ބަޔަކު ރާއްޖޭގެ ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކުވެސް އެ ޕާޓީން މަސައްކަތްކުރަމުން އަންނަނީ އެ ވެރިކަމެއް ކުރިއަށްދިޔަނުދިނުމަށް ކަމަށެވެ. އިތުރަށް މެންބަރު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިގެން އުޅޭ އުދާހަކީ ރައީސް ޑރ.މުޢިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު، އެމަނިކުފާނުގެ ވެރިކަަން ވެއްޓޭނެކަމަށް އެ ޕާޓީން ކުރި އުންމީދު ހާސިލުނުވުމުގެ އުދާސް ކަމަށެވެ.
މެންބަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ ވެރިކަން ބަދަލުވުމާއެކު އެ ޕާޓީން މަސައްކަތްކުރަމުން އައީ ރައީސް ޑރ.މުޢިއްޒުގެ ސަރުކާރު ވައްޓައިލާ ބަދަލުކުރުމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު އެކުލަވައިލުމުގެ މަރުހަލާއިން ފެށިގެންވެސް ސަރުކާރު ވައްޓައިލައި ބަދަލުކުރުމަށް ރާވާއިގެން މަސައްކަތްކުރަމުން ގެންދިޔަކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
"މިހާރު ދިމާވެގެން މިއުޅޭ މައްސަލަތަކަކީ، އެމްޑީޕީ ތެރޭގައި މިހާރު އުފެދިގެން މިއުޅޭ ހިތްހަމަނުޖެހުމަކީވެސް އެބޭފުޅުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޤަބޫލުކޮށްގެން ތިބީ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމަކީ ދާދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނިމިގެންދާނޭ ވެރިކަމެކޭ. އެބޭފުޅުން ޕްލޭންކޮށްގެންވެސް ތިބީ އެގޮތަށް. 2023 ވަނަ އަހަރުގެ ބަޖެޓުން ފެށިގެންވެސް އެ ބޭފުޅުން މަސައްކަތްކުރަމުންދިޔައީ އެގޮތަށް. " - ރައްޔިތުންގެ މަޖިލީހުގެ ގެމަނަަފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ
ދީދީ ވިދާޅުވި ގޮތުގައި ރައީސް ޑރ.މުޢިއްޒުގެ ސަރުކާރު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަދަލުވާނެކަމުގެ އުންމީދުގައި އެމްޑީޕީގެ އިސްވެރިން ތިއްބެވި ނަމަވެސް ވެރިކަން ވައްޓައިލުމަށް އެ ބޭފުޅުން ޖެއްސެވި ހުރިހާ މަޅިތަކުން ރައީސް ޑރ.މުޢިއްޒު ސަލާމަތްވެވަޑައިގެން، ޤައުމުގެ އިޤުތިޞާދު ހަމަމަގަށް އެޅުއްވުމަށްޓަކައި ޤާނޫނުތަކަށް ގެންނަވަންޖެހޭ އިޞްލާޙީ ބަދަލުތައް ގެންނަވައިގެން ރައީސް ފައްޓަވާފައިވާ މަސައްކަތްޕުޅުތަކުގެ ސަބަބުން، އެ ބޭފުޅުން ބޭނުންފުޅުވާ ގޮތަށް ވެރިކަން ބަދަލުނުވާނެކަން އެނގިވަޑައިގެން މަގުމަތިން ޤައުމު ހަލަބޮލިކުރަން އެމްޑީޕީ ނުކުތީއެވެ.
އިތުރަށް ދީދީ ވިދާޅުވީ އެމްޑީޕީ ނޫން ޕާޓީއެއްގެ ވެރިކަމެއް ރާއްޖޭގައި އޮންނަ ކޮންމެ ފަހަރަކުވެސް އެ ޕާޓީން މަސައްކަތްކުރަނީ އެއިރެއްގައި ހުންނަވާ ރައީސެއްގެ އިސްތަށިފުޅުގައި އެއްވެސް ޙަޤީޤަތެއް ނެތް ބޮޑެތި ތުހުމަތުތައް އަޅުވައިގެން ބޮޑެތި ދޮގުތައް ހަދައިގެން ސަރުކާރު ވައްޓައިލުމަށް ކަމަށެވެ.
އަދި އެމްޑީޕީން މިގޮތަށް ހިންގަމުންދާ ޢަމަލުތަކުގެ ސަބަބުން ރާއްޖޭގެ އިޖުތިމާޢީ ފޭރާން އެއްކޮށް ވީދި ކުދިކުދިވެގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން ދީދީ ވިދާޅުވީ މިހާރު ރާއްޖޭގައި އެންމެ އިޙުތިރާމުކުރާ ބަޔަކު އަދި މުއައްސަސާއެއްވެސް ނެތްކަމަށެވެ. އަދި އެ ޢަމަލުތަކުގެ ސަބަބުން ރާއްޖޭގެ މަގުތަކުގައި އަމާންކަމާއި ރައްކާތެރިކަން ނެތިގޮސްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ މުޅި އިޖުތިމާޢީ ފޭރާން އެއްކޮށް ވީދިގެން މިދިޔައީ އެމްޑީޕީން މިޖަހަންފެށި ސަރަކާތަކުން. އިހުތިރާމްކުރާ ބަޔަކު އަޅުގަނޑުމެންނަށް ނުފެނި މިދަނީ. މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަމެއް ނެތި މިދަނީ. " - ރައްޔިތުންގެ މަޖިލީހުގެ ގެމަނަަފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ
ދީދީ އިތުރަށް ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނޫނިއްޔާ ރާއްޖޭގައި ޞުލްޙަވެރިކަން ދެމެހެއްޓެވުމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެއްވުމަށާއި، ރާއްޖޭގެ އިޤުތިޞާދު ކުރިއެރުވުމަށް ހުރި ޤާނޫނީ ހުރަސްތައް ނައްތަވައިލެއްވުމަށް މަސައްކަތްކުރައްވާ ވެރިޔަކު ނެތް ކަމަށެވެ.
އަދި ރައީސް ޑރ.މުޢިއްޒަކީ ރައްޔިތުން އަރިހަށް ވަޑައިގެން އެ ރައްޔިތުންގެ އަޑުއައްސަވައިގެން ވެރިކަންކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ ރައީސްގެ ވެރިކަން މިގޮތަށް ކުރިއަށްގޮސްފިނަމަ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެމްޑީޕީއަށް ރާއްޖޭގެ ވެރިކަމަށް ނާދެވޭނެކަން އެ ޕާޓީގެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ބޭފުޅުން މަގުމަތީ ހަރަކާތަށް ނުކުމެވަޑައިގެން އުޅުއްވަނީ އެ ޙަޤީޤަތް އެނގިވަޑައިގަންނަވާތީ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ މިއަދު ވިސްނަވާ ވިސްނުމާއި ގެންދަވާ އުސޫލުތަކަށް ބަލާފައި، އެ ބޭފުޅުންނަށް ޤަބޫލުވޭ މިގޮތުގައި މިދެމިގެން ގޮސްފިއްޔާ ތިމަންނަމެންނަށް ވެރިކަން ދެން ލިބޭނެ އެއްވެސް ގޮތެއް ދެން ނެތޭ. " - ރައްޔިތުންގެ މަޖިލީހުގެ ގެމަނަަފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ
މެންބަރު އިތުރަށް ތުހުމަތުކުރެއްވި ގޮތުގައި އިދިކޮޅު އެމްޑީޕީން މަގުމައްޗަށް ނުކުމެ ހިންގަމުންދާ އިހުތިޖާޖުތަކަކީ ސަރުކާރުގެ ދުވެއްޔާއި ސަރުކާރުން ކުރަމުންދާ ރަނގަޅު މަސައްކަތްތައް ހުއްޓުވައިލުމުގެ ނިޔަތުގައި ކުރަމުންދާ ކަންތައްތަކެއް ކަމަށެވެ.