ENGLISH

22 އޭޕްރީލު 2025

Advertisement

ޞުލްޙަވެރި ސިޔާސީ ޙަރަކާތަށް ޖާގަަދެއްވުމުން ރައީސަށް ޢާޒިމާގެ ތާރީފު

01 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ޢާޒިމާ ޝަކޫރު، ފޮޓޯ: ދެން

ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ކުރިއަށްގެންދިޔަ ހިނގައިލުމަށް ސަރުކާރުން ހުރަސްނާޅުއްވައި ހިނގައިލުން ނިންމައިލުމަށް ފުރުސަތު ދެއްވީތީ، ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ޢާޒިމާ ޝަކޫރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށާއި، ދިވެހި ފުލުހުންގެ ޚިދުމަތަށް ތާރީފުކުރައްވައިފިއެވެ. 

2008 ވަނަ އަހަރު ޢަމަލުކުރަން ފެށި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން އެއްވެއުޅުމާއި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤު ކަށަވަރުކޮށްދީފައި އޮތް ނަމަވެސް ފާއިތުވި 16 ވަރަކަށް އަހަރު ތެރޭ ތަފާތު ސަރުކާރުތަކުން އެ ޙައްޤުތައް ހަނިކުރައްވައި ހިފަހައްޓަވައި، އެ ޙައްޤު ބޭނުންކުރުމަށް ގެންދެވީ ހުރަސްއަޅުއްވަމުންނެވެ. 

އެގޮތުން 2018 އިން 2023 އަށް އެމްޑީޕީން ރާއްޖޭގައި ވެރިކަންކުރި ދުވަސްވަރު އެއިރުގެ އިދިކޮޅު ޕާޓީތަކުން މާލޭގައި މުޒާހަރާކުރަން އުޅުމުން، ފުލުހުން މެދުވެރިކޮށް އެއިރުގެ ޕީޕީއެމް އޮފީސް ކުރިމަތީ މުޒާހަރާވެރިން ހިފަހައްޓައި ކުރިއަށްދިޔަ ނުދީ ހުރަސްއަޅާފައިވެއެވެ. 

އޭގެ އިތުރަށް ކުޑަކުދިންނާއި އަންހެނުންނަށް ދޭ ޖިންސީ އަނިޔާތަކާ ދެކޮޅަށް ޒުވާނުން އިސްނަގައިގެން މާލޭ ސަރަހައްދުގައި ބޭއްވި އެއްވުންތަކަށްވެސް އެއިރުގެ ސަރުކާރުން ހުރަސްއެޅުއްވިއެވެ. އެ އެއްވުންތަކުގައި ޒުވާން އަންހެންކުދިން ހައްޔަރުކުރުމުގައި ފުލުހުން ޢަމަލުކުރި ގޮތުން ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން އެއިރުގެ ސަރުކާރަށް އަމާޒުވިއެވެ. 

އެގޮތުން އެއިން އެއްވުމެއްގައި ބައިވެރިވި އަންހެންކުއްޖަކު ދަމާ ކޫއްތާފައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ފެންނަ ވީޑިޔޯތައް ސޯޝަލްމީޑިޔާ މަންސަތަކުގައި ދައުރުވެ ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. 

އޭގެ ކުރީގެ ސަރުކާރުތަކުގައިވެސް އެއްވެއުޅުމުގެ މިނިވަންކަން ހަނިކުރައްވައި ހިފަހައްޓަވާފައިވެއެވެ. އެގޮތުން ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި މޭޑޭ އެއްވުމާ ދެކޮޅަށް ފުލުހުން ނެރުއްވައިގެން ބާރުގެ ބޭނުންކުރައްވައި އެއްވުން ރޫޅަައިލެއްވި ގޮތުގެ ސަބަބުން ބޭރާއި އެތެރެއިން އެމަނިކުފާނަށާއި އެއިރުގެ ސަރުކާރަށް ފާޑުކިޔުން އަމާޒުވެ، ރާއްޖެއަށް އެކި މިންވަރުގެ ފިއްތުންތައް ކުރިމަތިވެގެންދިޔައެވެ. 

މިކަންކަމުގެ އަލީގައި ރޭ ޢާޒިމާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭ ރައީސް ޑރ.މުޢިއްޒު ދެއްވީ ހިތްޕުޅަށް ފިނިކަން ގެނުވި މެސެޖެއް ކަމަށެވެ. ސިޔާސީ ވާދަވެރިންނަށް ޞުލްޙަވެރިކަމާއެކު އެއްވެ ޚިޔާލުފާޅުކުރުމުގެ ޙައްޤު ކަށަވަރުކޮށްދެއްވީތީ ރައީސަށާއި ފުލުހުންނަށް ޢާޒިމާ މަރުޙަބާ ވިދާޅުވިއެވެ.

ސިޔާސީ ވާދަވެރިންނަށް ދުސްތޫރީ ސިޔާސީ އަދި މަދަނީ ޙައްޤުތައް އޭގެ ފުރިހަމަ މާނާގައި ބޭނުންކުރުމުގެ މަގުފަހިކޮށްދެއްވުމުން ރައީސް ޑރ.މުޢިއްޒާއި ސަރުކާރުން ދައްކަވައިދެއްވީ ފުރިހަމަ ރިވެތި ނަމޫނާއެއްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު