ENGLISH
22 އޭޕްރީލު 2025
މިއަދާއި އިއްޔެ؛ ރައީސް ދެއްކެވީ ޙައްޤުތައް ކަށަވަރުކޮށްދެއްވުމުގެ ލާމަސީލު ނަމޫނާއެއް
01 ފެބްރުއަރީ 2025
|
ޕީޕީއެމް އޮފީހުގައި މުޒާހަރާވެރިން ބަންދުކޮށް ހުރަސްއެޅުން، ފޮޓޯ: މިހާރު
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް މަދަނީ އަދި ސިޔާސީ ގިނަ ޙައްޤުތަކެއް ކަށަވަރުކޮށްދީފައި އޮތް ނަމަވެސް، ފުރޮޅެމުން ބަދަލުވަމުންދާ ވެރިކަންތަކުގައި އެ ޙައްޤުތައް ރައްޔިތުންނަށް ލިއްބައިދެމުން ގޮސްފައިވަނީ އެކި ވަރަށެވެ.
ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކުގެ ތެރެއިން ސަރުކާރުތަކަށް ފުރިހަމަ މާނާގައި ފޯރުކޮށްދޭން އެންމެ އުދަަގޫ ޙައްޤަކީ އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްޤެވެ. ޚާއްޞަކޮށް ރާއްޖޭގެ ފަހުގެ ސިޔާސީ ތާރީޚަށް ބަލާއިރު މި ޙައްޤު ހިފަހައްޓައި، އެ ޙައްޤު ތަންފީޒުކުރުމަށް ހުރަސްނާޅާ ސަރުކާރެއް ނެތްކަމަށް ދެންނެވިދާނެއެވެ.
މަގުމަތީ ސިޔާސީ ޙަރަކާތް ދިވެހިންނަށް ދަސްކޮށްދީގެން ދިގު 30 އަހަރުގެ ވެރިކަމެއް ބަދަލުކޮށް، އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ ވާދަކުރި ފުރަމަތަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކުރުމާ ގުޅިގެން މާލޭގައި އެއިރު އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް ކުރަމުން އައި އިޙުތިޖާޖުތައް ހުއްޓުވަން ފުލުހުން މުގުރާއި ކަރުނަ ގޭސް ބޭނުންކުރިކަމީ ފެންނާން އޮތް ޙަޤީޤަތެކެވެ.
އެ އެއްވުންތަކުގެ ތެރެއިން މީހުން ހައްޔަރުކޮށް ބަންދުކުރިއެވެ. އެ އިޙުތިޖާޖުތައް ހުއްޓުވަން ފުލުހުން މެދުވެރިކޮށް އެއިރުގެ ސަރުކާރުން ހިންގަވަމުން ގެންދެވި ޢަމަލުތަކާމެދު ހިތްހަމަނުޖެހިގެން އެންމެ ފަހުން ފުލުހުން ސަރުކާރުގެ ޣައިރު ޤާނޫނީ އަމުރުތަކަށް ކިޔަމަންނުވާނެކަން އިއުލާނުކޮށް އިޙުތިޖާޖަށް ނުކުންނަންޖެހުނެވެ. ނަތީޖާއަކަށްވީ ސަލާމަތީ ބާރުތައް ދެކަފިވެ ހިތާމަވެރި ގޮތަކަށް ޑިމޮކްރެޓިކް ވެރިކަމެއް މަގުމަތިން ނިމުމަކަށް އައުމެވެެ.
އޭގެ ފަހުން އައީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމެވެ. އެއިރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި އެންމެ ބޮޑު އެއްވުމަކީ މަޝްހޫރު މޭޑޭ މުޒާހަރާއެވެ. ފުލުހުން މުޒާހަރާ ތެރެއަށް ވަދެގަނެ މުޒާހަރާ ހުއްޓުވަން އުޅުމުން އެއްވެ ތިބި މީހުންނާއި ފުލުހުންގެ މެދުގައި ކުރިމަތިލުންތައް ހިނގައި، ފުލުހަކަށް އަނިޔާވިއެވެ. މުޒާހަރާ ކަވަރުކުރަން އުޅުނު ނޫސްވެރިންނާއި މުޒާހަރާގެ ބައެއް ބައިވެރިންނަށް ފުލުހުންގެ ފަރާތުން އެކި މިންވަރުގެ އަނިޔާތައް ލިބުނެވެ.
އެ އެއްވުމަށްފަހު އެއިރުގެ ސަރުކާރުން ނިންމެވީ މާލޭ ސަރަހައްދުގައި އެއްވެ އުޅެވޭނެ ގޮތްތައް ރެގިއުލޭޓުކޮށް ހިފަހެއްޓެވުމަށެވެ. އެކަމަށްޓަކައި ޤާނޫނަށް ބަދަލުތަކެއް ގެންނަވައި ކުރިއާލައި ހުއްދަ ނަގައިގެން އެއްވުންތައް ބޭއްވޭނީ ވަކި ސަރަހައްދެއްގައި ކަމަށް ކަނޑައެޅިއެވެ.
ދާޚިލީ ވުޒާރާއިން ކަނޑައަޅާ ތަނެއްގައި ނޫން އެއްވެސް ތަނެއްގައި އެއްވެވޭނީ ކުރިއާލައި ހުއްދަ ހޯދައިގެން ކަމަށް ކަނޑައަޅުއްވައި، އެފަހުން އެހެން ތަނެއްގައި އެއްވުމެއް ބާއްވައިފިނަމަ އެ އެއްވުމެއް ފުލުހުން ގެންދިޔައީ ބާރުގެ ބޭނުންކޮށްގެން ރޫޅަައިލަމުންނެވެ.
އެއިރުގެ އިދިކޮޅު ފަރާތްތަކުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުތީ މިދެންނެވި މައްސަލަ ބޮޑު މައްސަލައެއްގެ ގޮތުގައި ހިފައިގެންނެވެ. އެ ޤާނޫނު ބަދަލުކުރެއްވުމަކީ އެމްޑީޕީގެ ރިޔާސީ ވަޢުދެކެވެ. ރައްޔިތުން ބޭނުންވީ އެ އަސާސީ ޙައްޤު ކަށަވަރުވާނެހެން ޤާނޫނު ބަދަލުކޮށް އެ ޙައްޤު އިޢާދަކުރުމެވެ.
ނަމަވެސް ފާއިތުވި ދައުރުގައިވެސް އެ ޤާނޫނެއް ބަދަލުނުކުރެވުނެވެ. ފެނިގެންދިޔަ މަންޒަރަކީ ސިޔާސީ އަދި ސިޔާސީ ނޫން އެއްވުންތަކަށްވެސް ސަރުކާރުން ހުރަސްއެޅުއްވި ތަނެވެ. މަގުމަތީ ޙަރަކާތްތަކުން އުފަންވި އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ފެނުނީ މަގުމަތީ ޙަރަކާތްތައް މުޅިންހެން ބަންދުކޮށް ތަޅުއަޅުވާފައި އޮތް ތަނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރަން ގޮވައިލާ ޒުވާނުންތަކެެއް މާލޭ މަގުމަތީގައި އިޙުތިޖާޖުކުރިއެވެ. އެ އިޙުތިޖާޖާ ގުޅިގެން ސަރުކާރުން ގެންގުޅުއްވި ސިޔާސަތަކަށްވީ އިޙުތިޖާޖުތަކަށް ހުރަސްއަޅުއްވައި އެ އިޙުތިޖާޖުތަކުގައި ބައިވެރިވި ޒުވާނުން ހައްޔަރުކުރައްވައި ފުލުހުން މެދުވެރިކޮށް އެ އެއްވުންތައް ރޫޅައިލެެއްވުމެވެެ.
ދެން ފެނުނީ އެއިރުގެ އިދިކޮޅު ޕާޓީތަކުން އެކި މައްސަލަތަކާ ގުޅިގެން އިޙުތިޖާޖަށް ނުކުތް މަންޒަރެވެ. ކޮންމެ އިޙުތިޖާޖެއް ފެށުމުގެ ކުރިން ފުލުހުންގެ ބޮޑު ފައުޖެއް އެއިރު ޕީޕީއެމް/ޕީއެންސީގެ އޮފީސް ކުރިމައްޗަށް ސަރުކާރުން ޖަމާކުރައްވައެވެ. އޮފީސް ވަށައިގެން ބެރިކޭޑު ޖަހައި، އެ ސަރަހައްދުން ދުރަށް ކައިވަތެއްހައި މިން ނުދެވޭނެހެން މުޒާހަރާވެރިން ކުޑަ "ގޮޅިއަކަށް" ފައްތައި ބަންދުކުރުވައެވެ.
އެއްވެއުޅުމުގެ ޙައްޤު ހަނިކުރުމާއި ހިފަހެއްޓުމާއި އެ ޙައްޤު ބޭނުންކުރުމަށް ހުރަސްއެޅުމުގެ އިތުރަށް ރާއްޖޭގެ ފަހުގެ ސިޔާސީ ތާރީޚުގެ މައިގަނޑު އެއް ޞިފައަކީ ކޮންމެ ވެރިކަމެއްގައިވެސް އެއިރެއްގައި އިދިކޮޅުގައި ތިއްބަވާ ލީޑަރުން ބަންދުކުރައްވައިގެން ސިޔާސީ ވާދަވެރިން ބަލިކަށިކުރައްވަމުން ގެންދެވުމެވެ. ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ފުލުހަށް ހާޒިރުކުރެއްވިއެވެ. އެއިރު އިދިކޮޅު ލީޑަރުންގެ ގޮތުގައި ތިއްބެވި ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް ފުލުހުންގެ ބަންދަށް ގެންދަވައި ދޫނިދޫގައި ހައްޔަރުކުރައްވައިގެން ގެންގުޅުއްވިއެވެ.
އެފަހުން ރައީސް ޔާމީނުގެ ވެރިކަމުގައި ރައީސް މުޙައްމަދު ނަޝީދާއި ޤާސިމާއި، މިހާރުގެ މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމާއި، މާފަންނު ހުޅަނގު ދާއިރާގެ މިހާރު މަޖިލިސް މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމު ހައްޔަރުކުރެއްވިއެވެ. ފަހުން ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނުވެސް ހައްޔަރުކުރެއްވިއެވެ.
ފާއިތުވި އެމްޑީޕީ ސަރުކާރުން ސިޔާސީ ޙައްޤުތައް ހަނިކޮށްފައި އޮތް އޮތުމުގެ ތެރެއިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނުކުމެވަޑައިގަތީ ސިޔާސީ އަދި މަދަނީ ޙައްޤުތައް އޭގެ ފުރިހަމަ މާނާގައި ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ޙުދޫދުގައި ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. އަދި ސިޔާސީ ވާދަވެރިން ބަންދުކޮށް އަނިޔާކުރުމުގެ ސަޤާފަތު ނިމުމަކަށް ގެންނެވުމަށް ވަޢުދުވެވަޑައިގެންނެވެ.
ރޭ މާލޭގައި އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމަކީ ރައީސް ޑރ.މުޢިއްޒުގެ ޒަޢާމަތުގައި މިހާތަނަށް މާލޭ ސަރަހައްދުގައި ބޭއްވުނު އެންމެ ބޮޑު ސިޔާސީ ޙަރަކާތަށްވުން ގާތެވެ. ޚާއްޞަކޮށް އިދިކޮޅު ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ބޮޑު އިޙުތިޖާޖެވެ. ޞުލްޙަވެރިކަމާއެކު ޤާނޫނުގެ އިމުގެ ތެރެއިން އިޙުތިޖާޖުކުރިއިރު ދިވެހި ފުލުުހުން ތިބީ މަގު ބަލަހައްޓައި އެެއްވުމަށް ރައްކާތެރިކަން ފޯރުކޮށްދޭށެވެ.
ފާއިތުވެދިޔަ އަހަރަކާއި ދެތިން މަސްދުވަހު އިދިކޮޅު ޕާޓީތައް ޙަރަކާތްތެރިވަމުން އަންނަނީ އެ ޕާޓީތަކުގެ ލީޑަރުންނާއެކުއެވެ. އެމްޑީޕީގެ ޗެއާޕާސަންއާއި ޕާޓީގެ ރައީސާއި ޕާޓީގެ މުޝީރުކަމުގައި ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާއާއި ދެންވެސް އިސްސަފުގައި ތިއްބެވިހައި ލީޑަރުންނެއް އެތިއްބެވީ މިނިވަންކަމާއެކުއެވެ. އިރުއިރުކޮޅާ ތަޙުޤީޤީ އިދާރާތަކަށް އެބޭފުޅުން ނުގެންދަވައެވެ. ސިޔާސީ ދަޢުވާތަކެއް ކޯޓުތަކުގައި ނުހިނގައެވެ. ތުހުމަތުކުރެވޭ މައްސަލަތައް، އޮންނަ ނިޒާމުގެ ތެރެއިން ތަޙުޤީޤުނުކުރެވޭ ވާހަކައެއް ނޫނެވެ. ނަމަވެސް ސިޔާސީ ބޭނުމަށް ބަދަލުހިއްޕެވުމުގެ ވިސްނުންފުޅުގައި މި ސަރުކާރުން އެއްވެސް ކަމެއް ކުރެއްވި މަންޒަރެއް ފެންނާން ނެތެވެ.
ރޭ ޞުލްޙަވެރިކަމާއެކު ދުސްތޫރީ ޙައްޤެއް ބޭނުންކުރަން ނުކުތް ރައްޔިތުންނާ ބައްދަލުކުރީ މާލެއަށް ޖެހެމުންދާ މިނިވަންކަމުގެ ވައެވެ. ރައްޔިތުން ރައްކާތެރިކުރަން ދައުލަތުން ފުލުހުންނަށް ފޯރުކޮށްދީފައިވާ މުގުރާއި، ކަރުނަ ގޭހެއް ނޫނެވެ. ޖަލު ބަންދުން ލީޑަރުން މިނިވަންކުރަން ކޮންމެ ފަސް އަހަރަކުން ކޮންމެވެސް އެއް ޕާޓީއެއްގެ ބަޔަކު ގޮވައިލަމުންދާ ގޮވެލީގެ އަޑެއް ރެޔަކު ނެތެވެ. އެމްޑީޕީގެ ލީޑަރުން ތިއްބެވީ މިނިވަންކަމާއެކު އެ ޕާޓީގެ ޙަރަކާތްތަކުގެ ކުރީ ސަފުގައެވެ. މިއީ ދުސްތޫރީ ޙައްޤުތައް ކަށަވަރުކޮށްދެއްވުމުގައި ރައީސް މުޢިއްޒު އިހުގެ ވެރިންނާއި، ވެރިކަމުގެ އުންމީދުގައި ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުންނަަށް ދެއްކެވި ލާމަސީލު ނަމޫނާއެކެވެ.