ENGLISH

22 އޭޕްރީލު 2025

Advertisement

އިދިކޮޅުގެ ހިނގައިލުމުން ފެނުނީ ދުސްތޫރީ ޙައްޤުތައް މި ސަރުކާރުން ދަމަހައްޓަވާނެކަން: ތަރުޖަމާން

01 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު، ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވި ބޮޑު އެއްވުމަށް ސަރުކާރުން ފުރުސަތު ދިނުމުން ފެނިގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތައް ޙިމާޔަތްކުރައްވައި ނަގަހައްޓަވާނެކަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

އެމްޑީޕީން އިސްނަގައިގެން ރޭ މާލޭގައި ބޭއްވި ހިނގައިލުން އާޓިފިޝަލް ބީޗު ސަރަހައްދުން ފަށައިގެން ބޮޑުތަކުރުފާނު މަގުން ފަށައިގެން އަމީނީ މަގުން ގޮސް އަނބުރާ ބީޗު ސަރަހައްދަށް ނިންމައިލާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޙިމާޔަތުގައެވެ. އެ އެއްވުން ހުއްޓުވުމަށް ފުލުހުންގެ ޚިދުމަތުން އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވެއެވެ. 

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓު 

މި ހިނގައިލުމާ ގުޅިގެން ހީނާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ މިރޭ އިދިކޮޅުން ބޭއްވި އެއްވުން ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ ގޮތަކީ މި ސަރުކާރުން،  ޤާނޫނުއަސާސީން ފޯރުކޮށްދޭ ޚިޔާލު ފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން ފަދަ އަސާސީ ޙައްޤުތައް އަގުކުރައްވާ މިންވަރުގެ ދަލީލެއް ކަމަށެވެ. 

އިތުރަށް ހީނާ ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ޚިޔާލު ފާޅުކުރުމުގެ ޙައްޤު ރައްކާތެރިކުރައްވައި ނެގެހެއްޓެވުން ކަމަށެވެ. 

އިދިކޮޅު އެމްޑީޕީން މާލޭ ސަރަހައްދުގައި ފުރިހަމަ މިނިވަންކަމާއެކު ބޮޑު އެއްވުމެއް ކުރިއަށްގެންދިޔައިރު، އެ ޕާޓީގެ ވެރިކަމުގައި އެއިރުގެ އިދިކޮޅު ޕީޕީއެމް/ޕީއެންސީން މާލޭގައި އިހުތިޖާޖުތައް ކުރިއަށްގެންދަން މަސައްކަތްކުރުމުން ފުލުހުން ފޮނުވައިގެން އެ  އެއްވުންތަކަށް އެއިރުގެ ސަރުކާރުން ހުރަސްއަޅުއްވާފައިވެއެވެ. 

އެގޮތުން ބައެއް އިޙުތިޖާޖުތައް ކުރިއަށްދިޔައިރު ޕާޓީ އޮފީސް ހުންނަ ސަަރަހައްދު ބަންދުކޮށް، މުޒާހަރާވެރިންނަށް ޕާޓީ އޮފީހުގެ ދޮރުމަތިން ދުރަށް ނުދެވޭނެހެން ހިފަހއްޓާފައިވެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިފަހުން ތަކުރާރުކޮށް ވިދާޅުވަމުންދަނީ ޤާނޫނުއަަސާސީއާއި ޤާނޫނުތަކުގެ އިމުގެ ތެރޭގައި ސިޔާސީ ޙަރަކާތްތައް ހިންގުމަށް އެއްވެސް ގޮތަކަށް ހުރަސްނާޅުއްވާނެ ކަމަށެވެ. އަދި ސިޔާސީ ވާދަވެރިންނާމެދު ބަދަލުހިފުމުގެ ރޫޙުގައި ޤާނޫނުއަސާސީގެ އިމުން ބޭރުން ފިޔަވަޅުތައް ނާޅުއްވާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު