ENGLISH

22 އޭޕްރީލު 2025

Advertisement

މިހާތަނަށް ކުރެވުނު މަސައްކަތުން އެމްބީއެސްއަށް ލޭ ލިބޭ ނިސްބަތް 33 އިންސައްތަ އިތުރުވެފައިވޭ: މިނިސްޓަރ އަބްދުﷲ ނާޒިމް

31 ޖެނުއަރީ 2025

|

އާމިނަތު މައިހާ

ޖޮއިން ދަ ހީރޯސް"ގެ ނަމުގައި ލޭ ހަދިޔާ ކުރުމުގެ ޤައުމީ ކެމްޕެއިންގެ ތެރެއިން / ފޮޓޯ: މިނިސްޓްރީ އޮފް ހެލްތް

މިހާތަނަށް ކުރެވުނު މަސައްކަތުން 2023 ވަނަ އަހަރާ އަޅާ ބަލާއިރު 2024 ވަނަ އަހަރު މޯލްޑިވްސް ބްލަޑް ސޮސައިޓީ (އެމްބީއެސް) އަށް ލިބޭ ލޭ 33 އިންސައްތަ އިތުރުކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރ، އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި "ޖޮއިން ދަ ހީރޯސް" ކެމްޕެއިން އިފްތިތާޙު ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މޯލްޑިވްސް ބްލަޑް ސޮސައިޓީއަށް ލިބޭ ލޭގެ 35 އިންސައްތަ އަކީ ވޮލަންޓިއާސްގެ ގޮތުގައި ލިބޭ ލޭ ކަމަށެވެ. އަދި އަމާޒަކީ އެންމެން ގުޅިގެން ކުރާ މަސައްކަތުން މި އިންސައްތަ އިތުރު ކުރުން ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ޢަމާޒަކީ އެންމެންނަށް ވެސް ސިއްޙީ ޚިދުމަތް ހަމަހަމަގޮތެއްގައި އެއްވެސް ތަފާތު ކުރުމެއް ނެތި ފޯރުކޮށްދިނުން ކަމަށް ވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެންނަށް ވެސް އަތްފޯރާފަށުގައި ސިއްޙީ ޚިދުމަތް ލިބިގެން ދިއުމާއި، ނާޖާއިޒް ގޮތުގައި ފައިސާ ޚަރަދުވާ ނިޒާމަކަށް މިކަން ނުވުމަކީ އެންމެ ބޮޑު އިސްކަމެއްދީގެން މިހާރުގެ ސަރުކާރުން ކުރަމުން އަންނަ އެއް ކަންތައް ކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ސީ އެމްބިއުލެންސްގެ ޚިދުމަތް ހަރުދަނާ ކުރުމާއި އެއަރ އެމްބިއުލަންސްގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުން ހިމެނެއެވެ.

ކޮންމެ މުޖުތަމައުއެއްގައި ވެސް ޚާއްސަ އަޅާލުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ޚިދުމަތް ފޯރުކޮށްދެއްވުމަށް މުހިންމުކަންދެއްވާ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހެލްތު ސިޔާސަތުގައި ތެލަސީމިއާގެ ޕޭޝަންޓުންނަށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ ވަޢުދަކީ ވަރަށް ކުލަ ގަދަކޮށް ލިޔެވިފައިވާ ވަޢުދެއް ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދު ފުއްދެވުމުގައި ތަފާތު ލަނޑުދަނޑިތައް މިހާރު ހުރަސްކޮށް ގިރާކުރަމުންދާ ކަމަށް ވެސް މިނިސްޓަރ އަބްދުﷲ ނާޒިމް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި އެމްބީއެސްގެ ޚިދުމަތް އިތުރަށް ފުޅާކުރުމާއި ތެލަސީމިއާ ކުދިންނަށް ބޭނުންވާ ނަމަވެސް މިއަދު ލިބެން ނެތް ޚިދުމަތްތަކާއި، އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު ތަޢާރަފްކުރެވިފައި ނެތް ޚިދުމަތްތައް ތަޢާރަފްކުރުމުގެ މަރުހަލާގެ މަސައްކަތްތަކުގެ އިތުރުން ފަސޭހައިން ލޭ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ކުރެވެމުންދާ ކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވާފަވެއެވެ.

"އަޅުގަނޑުމެން ޢަމާޒު މި ހިފަނީ މި ދެންނެވި މަޤްސަދު ހާސިލްކުރުމަށް ޓަކައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުން މިއަދަށް ވުރެ މާ ފަހިކޮށް ފަސޭހަކޮށް މިކަމަށް މީހުން ހޭލުންތެރިވުމުގެ ނަތީޖާއެއްގެ ގޮތުން ލޭ ލިބޭނެ ނިޒާމު ފަހިވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. އަދި ހަމައެއާއެކު ލިބޭ ލޭ ރަނގަޅު ގޮތުގައި ރައްކާތެރިކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްވެފައި އޮތުމަކީ ވަރަށް މުހިންމުކަމެއް" މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވިއެވެ.  

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހެލްތު ސެކްޓަރގެ ވަޢުދުފުޅުތަކުގެ ތެރޭގައި ބްލަޑް ބޭންކްތައް ހަރުދަނާކޮށް އިތުރަށް ތަރައްޤީކުރުން ހިމެނިފައިވެއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލެއްގެ ބްލަޑް ބޭންކް ޤާއިމްކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިހާރު ހުރީ ކުރެވިފައެވެ. މަޤްސަދަކީ ރާއްޖޭގެ ހުރިހާ ރީޖަނެއްގައި ބްލަޑް ބޭންކްތައް ޤާއިމްކުރެވި، އެ ބޭންކްތަކުގެ ޒަރީއާއިން ވޮލަންޓިއާސް ހަދިޔާކުރާ ލޭ ރަނގަޅު ގޮތުގައި ރައްކާކުރެވި އެންމެ ބޭނުންވާ މީހާއަށް ރައްކާތެރިކަމާއެކު ލޭ ފޯރުކޮށްދިނުމެވެ. 

ހެލްތު މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ތެލަސީމިއާގެ ރައްކާތެރިކަން މުޖުތަމައުގައި ކަށަވަރުކުރުމަށް ޓަކައި މާސްޓަރ ޕްލޭނެއް ހެދި އެ ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު