ENGLISH

22 އޭޕްރީލު 2025

Advertisement

ޝަހީދުންގެ ދުވަސް: ޤައުމަށްޓަކައި ފަސްޖެހުމެއް ނެތި ޖާނާއި މާލުން ޤުރުބާންވި އަބްޠާލުންގެ ޒިކުރާގެ ދުވަސް

31 ޖެނުއަރީ 2025

|

ޝަރާ އަބްދުﷲ

ދިވެހި ދިދަ....ފޮޓޯ: ސޯޝަލް މީޑިއާ

މި ދިވެހި ޤައުމަށްޓަކައި ފަސްޖެހުމެއް ނެތި ޖާނާއި މާލުން ޤުރުބާންވި އަބްޠާލުންގެ ޒިކުރާ އައުކުރުމަކީ މި ދިވެހި ލޭ ހިނގާ ކޮންމެ ދަރިއެއްގެ ވެސް ޒިންމާއެކެވެ. އެގޮތުން މިއަދު ރާއްޖޭގައި ފާހަގަކުރަމުން މިދާ ޝަހީދުންގެ ދުވަހަކީ އެފަދަ އަބްޠާލުންގެ ހަނދާން އައު ކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

ތާރީޚީ ރެކޯޑްތަކުން ދައްކާ ގޮތުގައި މީލާދީން ގާތްގަނޑަކަށް 1550 ގައި ރާއްޖޭގެ ރަސްކަމުގައި އިންނެވި 9 ވަނަ ޙަސަން ރަސްގެފާނު ދީން ބައްދަލުކުރައްވައި ނަޞްރާނީއަކަށް ވެވަޑައިގަންނަވައި ރާއްޖެ ދޫކުރައްވައި ކޮއްޗޭއަށް ވަޑައިގެންނެވިއެވެ. އެއަށްފަހު ކޮއްޗޭގައި ތިބި ޕޯޗުގީޒުންގެ ދަރިކަނބަލަކާ ކައިވެނި ބައްލަވައިގަތެވެ. އަދި އަނބުރާ ރާއްޖެ ވަޑައިގެން ރާއްޖޭގެ ތަޚުތު ހޯދުމަށް ޕޯޗުގީޒުންގެ އެހީ ހޯއްދެވިއެވެ. އެގޮތުން 9 ވަނަ ޙަސަން ރަސްގެފާނަށް ފަހު ތަޚުތުގައި އިންނެވި އަބޫބަކުރު ރަސްގެފާނުގެ ރަސްކަމުގައި ދެ ފަހަރަކު ޕޯޗުގީޒުން ރާއްޖެއާ ހަނގުރާމައަށް ފޮނުއްވިއެވެ. އެހެން ނަމަވެސް މި ދެ ފަހަރުވެސް އެމީހުންނަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބާއެވެ.

މި ކަންތައްގަނޑުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން އެއިރު ރަސްކަމުގައި ހުންނެވި އަބޫބަކުރު ރަސްގެފާނު ޝަހީދުވެވަޑައިގަތެވެ. ދެން ރާއްޖޭގެ ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން ޢަލީ ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން އަލި ރަސްގެފާނެވެ. އަލި ރަސްގެފާނަކީ ޔަމަނުކަރައިގެ އައްސައްޔިދު ޢަބްދުއްރަޙްމާން ދޮށިމޭނާކިލެގެއާއި އަރި އަތޮޅު ފެރިދޫ ސިއްތި ކަނބައިދި ކިލެގެ  ދަރިކަލެކެވެ. އަލި ރަސްގެފާނުގެ އަނބިކަނބަލުންގެ ނަންފުޅަކީ ކަނބާ އައިސާއެވެ. ބުނެވޭ ގޮތުން ޕޯޗުގީޒުންނާ ކުރިމަތިވި ނާކާމިޔާބީގެ ސަބަބުން އަލި ރަސްގެފާނުގެ ރަސްކަމަށް ގާތްގަނޑަކަށް ދެ މަސްވިތަނާ ތިންވަނަ ފަހަރު ޕޯޗުގީޒުންގެ މާ ވަރުގަދަ ލަޝްކަރެއް މާލެ ފޮނުވިއެވެ. މި ލަޝްކަރުގެ ބޮޑު މީހަކަށް ހުރީ ދިވެހިންގެ ތެރޭގައި އުޅެ ބޮޑުވި މީހެކެވެ.

އޭނާއަށް ދިވެހިން ކިޔަނީ އަނދިރި އަނދިރިންނެވެ. މާލެއާ ދެކޮޅަށް އައި ޕޯޗުގީޒުންގެ ލަޝްކަރު މާލޭގެ ބޭރު ބަނދަރުގައި ތިބެގެން ބޮޑުބަޑިން ހަމަލާތައް ދެމުން ދިޔަ ކަމަށް މީހުން ބުނެއެވެ. މާލެއިން ވެސް އޭގެ ރައްދުގައި ހަމަލާދެމުން ދިޔައެވެ. އެގޮތުން، ދެ ފަރާތުގެ ހަމަލާ ބަދަލުކުރުމުގައި ގިނަ ދުވަސްތަކެއް ވިއެވެ. މީގެ ސަބަބުން ދުޝްމިނުންގެ އަތުން ކާބޯތަކެއްޗާއި ބަޑިބޭހާއި އުންޑަ މަދުވެ އަދި ދިވެހީންގެ ލަޝްކަރުގެ ތެރޭގައި ދެކޮޅުވެރިކަމާއި ހަމަނުޖެހުން އުފެދުމުން ދިޔައެވެ. ދިވެހިންގެ ޤައުމީ ރޫޙު ކުޑަވެ "އައްޔަކަސް އަނދިރިއަކަސް " ވެރިކަމުގައި ހުރުން އެންމެ ރަނގަޅު ކަމަށް ބުނަމުން ދިޔަ ކަމަށް ދޫދޫމަތިއިން ކިޔަމުން އަންނަ ވާހަކަތަކުގައިވއެވެ. އަދި އަލި ރަސްގެފާނު ޝަހީދުވި ދުވަހު ޕޯޗުގީޒުންގެ މީހުން އެބައިމީހުންގެ ބަޑިތަކާއި ސިލޭހަތައް ހިފައިގެން މާލޭގެ ހުޅަނގު އުތުރު ފަރާތުން ފޭބިއެވެ.

އަލި ރަސްގެފާނު ރަސްކަންކުރެއްވި ގާތްގަނޑަކަށް 2 މަހާއި 15 ދުވަހުއެވެ. ޝަހީދުންގެ ދުވަހަކީ އަލި ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހެވެ. ޝަހީދުންގެ ދުވަސް ނިސްބަތްކުރެވެނީ މި ރަސްގެފާނަށެވެ. ޝަހީދުންގެ ދުވަހަކީ ދިވެހި ޤައުމިއްޔަތާއި މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި މިނިވަންކަން ދިފާޢުކުރެއްވުމަށް ޝަހީދުވެ ވަޑައިގެންނެވި އަބްޠާލުންގެ ހަނދާން އައުކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

ކިޔުންތެރިންގެ ހިޔާލު