ENGLISH
22 އޭޕްރީލު 2025
ދިވެހިންގެ ހިތްހެޔޮކަން ތަޖުރިބާކޮށް، އިޓަލީގެ ފަތުރުވެރިއަކު އިސްލާމްވެއްޖެ
31 ޖެނުއަރީ 2025
|
ޗުއްޓީ ހޭދަކުރަން ރާއްޖެ އައި އިޓަލީގެ ފިރިހެން ފަތުރުވެރިއަކު ރާއްޖޭގައި އިސްލާމްދީން ޤަބޫލުކޮށް މުސްލިމަކަށް ވެއްޖެ އެވެ.
އިޓަލީގެ އެ ފަތުރުވެރިޔާ ސޯޝަލް މީޑިއާގެ ޕްލެޓްފޯމް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، އިސްލާމްދީން ޤަބޫލުކުރީ ޗުއްޓީގައި ހޭދަކުރި މުއްދަތުގައި ދިވެހިންނާއެކު ކުރެވުނު ތަޖުރިބާއިން ކަމަށެވެ. އެގޮތުން އޭނާ އިސްލާމްވުމަށް މެދުވެރިވި ސަބަބު އޭނާއަށް ދިމާވި ހާދިސާއާ ގުޅުވައި ވަނީ ކިޔައިދީފައެވެ.
ފަތުރުވެރިޔާ ބުނީ އޭނާގެ ލޯބިވެރިޔާއާއެކު ރާއްޖޭގައި ސްނޯކްލިންގައި އުޅެނިކޮށް އަންހެން މީހާގެ ފޯނު މޫދަށް ގެއްލުނު ކަމަށާއި، އެ ފޯނުގައި އެދެމީހުންގެ ހަނދާންތައް ފޮރުވިފައިވާނެ ކަމަށެވެ. ފޯނު ފެންނާނެކަމުގެ އުއްމީދު ގެއްލިފައިވަނިކޮށް ދިވެއްސަކު މޫދުގައި އެތައް ވަގުތެއް ހޭދަކޮށް އޭނާއަށް ފޯނު ހޯދައިދިންކަމަށް ބުނެފައިވެއެވެ. އެއީ ވޯޓަރ ޕްރޫފް ފޯނަކަށް ވުމާއެކު، ފޯނު ފެނުނުއިރު އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ފަތުރުވެރިޔާ ބުނެފައިވެއެވެ.
ދިވެހިންގެ އޯގާތެރިކަން ފެނި އެކަމުގެ ފަހަތުގައި ވަނީ އިސްލާމްދީންތޯ ސުވާލުކުރުމަށްފަހު، އޭނާވެސް އިސްލާމްވާން ބޭނުންވާކަމަށް ފަތުރުވެރިޔާ ވަނީ ބުނެފައެވެ.
ރާއްޖޭގައި އިތުރު ފަސްދުވަހު މަޑުކުރުމަށްފަހު ފަތުރުވެރިޔާ ވަނީ ޝެއިޚަކާ ބައްދަލުކޮށް އިސްލާމްދީނާއި ގުޅޭ މަޢުލޫމާތު ހޯދައިފައެވެ. އެގޮތުން ނަމާދުގެ ވަގުތުތަކާއި، ޒަކާތް ދިނުމާއި، އިސްލާމް ދީނާ ބެހޭ ވާހަކަތައް އޭނާ ވަނީ އަޑުއަހައިފައެވެ.
ޝަހާދަތް ކިޔައި އޭނާ މިހާރު އިސްލާމްވެފައިވާކަމަށާއި، އިސްލާމް ދީނާއި ގުޅޭގޮތުން އެއްކުރި މަޢުލޫމާތުތަކުގެ ތެރެއިން ޒަކާތުގެ މާތްކަން އެނގުމުން އޭނާގެ ލޮލުން ކަރުނަ އައި ކަމަށް ފަތުރުވެރިޔާ ބުނެފައިވެއެވެ.
އިސްލާމް ދީން ޤަބޫލުކުރުމަށްފަހު އިޓަލީގެ ފަތުރުވެރިޔާ ވަނީ އެކަމުގައި ދިވެހިންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރުއަދާކޮށްފައެވެ.