ENGLISH

22 އޭޕްރީލު 2025

Advertisement

މާތްﷲ އެއްވެސް އަޅަކަށް ނުއުފުލެވޭވަރުގެ ތަކުލީފެއް ނުޖައްސަވާނެ: ޚުތުބާ

31 ޖެނުއަރީ 2025

|

ފަޒީލް ޢަބްދުލް ލަތީފު

 މާތްﷲ އީ އެންމެ އަދުލުވެރި، އެއްވެސް އަޅަކަށް އަނިޔާވެރިވެވޮޑި ނުގަންނަވާ ރަސްކަލާނގެކަމަށާއި އަދި އެކަލާނގެ އެއްވެސް އަޅަކަށް ނުއުފުލޭވަރުގެ ތަކުލީފެއް ނުޖައްސަވާނެ ކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ދިމާވާ މުސީބާތްތަކުގައި އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ޤަޟާ ޤަދަރަށް އީމާންވުމާއި، ކެތްތެރިކަން އިސްކުރުން ކަމަށާއި އީމާންކަމާއި، ކެތްތެރިކަމުން ހިމާޔަތް ލިބިގެންފިނަމަ، ދުނިޔެއާއި އާޚިރަތުގައި ދަރުމައާއި، ސަވާބު ހިސާބެއް ނެތި ދެއްވާނެކަން ހަނދާންކޮށްދީ ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ޤަޟާ ޤަދަރަށް އީމާންވުން"، މި މައުޟޫއުގެ މައްޗަށެވެ.

ގަޟާ ގަދަރަށް ފުރިހަމައަށް އީމާންނުވާނަމަ އީމާންކަން ފުރިހަމަ ނުވާނެކަމަށް މިއަދުގެ ހުތުބާގައި ހަނދާންކޮށްދީފައިވެއެވެ. ޤަޟާ ޤަދަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ހަވަނަ ރުކުނެވެ. އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނަކަށް އިންކާރުކޮށްފި މީހާ އީމާންވި ކަމުގައެއް ނުވާނެ ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

އީމާންކަމަކީ ކޮބައިތޯ، ސަލާމްލެއްވި ޖިބްރީލުގެފާނު، ކީރިތި ރަސޫލާގެ އަރިހުގައި، ސުވާލުދެންނެވުމުން ޙަދީޘްކުރެއްވިއެވެ. "އެއީ، الله އަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކަށާއި، އެކަލާނގެ ފޮނުއްވި ރަސޫލުންނަށާއި، އާޚިރަތް ދުވަހަށާއި، ހެޔޮ މިންވަރާއި ނުބައި މިންވަރަށް ތިބާ އީމާންވުމެވެ." ޚުތުބާގައި ވިދާޅުވިއެވެ.

ޤަޟާ ޤަދަރަށް ނުވަތަ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމުގައި ހަތަރު ކަމަކަށް އީމާންވާން ޖެހެއެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ، މާތް ﷲ ހުރިހައި ކަމެއް ދެނެވޮޑިގެންވާކަމަށް އީމާންވުމެވެ. ދެވަނަކަމަކީ ލައުހުލް މަހްފޫޒް ގައި މާތް ﷲ ހުރިހާ ކަމެއް ލިޔުއްވާފައިވާކަމަށް އިމާންވުމެވެ. އަދި ތިންވަނަ ކަމަކީ، ކޮންމެ ކަމެއްވެސް ހިނގަމުންދަނީ އެކަލާނގެ އިރާދަފުޅުންކަމާއި، އިރާދަފުޅާ ނުލައި އެއްވެސްކަމެއް ނުހިނގާނެކަމަށް އީމާންވުމެވެ. ހަތަރު ވަނަ ކަމަކީ ކައުނާއި ކައުނުގައި ވާހައި ތަކެއްޗެއް ހެއްދެވީ މާތް ﷲ ކަމަށް އީމާންވުމެވެ.

ދިމާވާ މުޞީބާތްތަކުގައި، އީމާންކަމާއި، ކެތްތެރިކަމުން ހިމާޔަތް ލިބިގެންފިނަމަ، ދުނިޔެއާއި އާޚިރަތުގައި ދަރުމައާއި ސަވާބު ހިސާބެއްނެތި ދެއްވާނެކަމަށްވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ. ހުކުރު ހުޠުބާގައި ވިދާޅުވީ ޤަޟާ ޤަދަރަށް އީމާންވާ މީހަކު އޭނާގެ ޙަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކުގައިކަމަށެވެ. ފިތުނައިގެ ސަބަބުން އެ ފަދަ މީހަކު ގުޑުގުޑުއަޅައިގެން ނުދާނެ ކަމަށެވެ. އަދި ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ވެސް ނުދާނެ ކަމަށާއި، ހުރިހާ ކަމެއް މެދުވެރިވެގެންދަނީ މާތް اللهގެ ޢިލްމުފުޅާއި އެކަލާނގެ އިރާދަފުޅުންކަން އިޢުތިޤާދުކުރާ ބަޔަކު ބިރުގަނެ، ހިތްނުތަނަވަސްވެ، މާޔޫސްވާކަށް ނުޖެހޭނެކަން ހުކުރު ޚުތުބާގައިވަނީ ހަނދާންކޮށްދީފައެވެ. އަދި ދިމާވެފައިވާ ކަންކަމާ، ހިތާމަކޮށް ފުރާނައަށް ގެއްލުމެއް ނުދޭނެކަން ވެސް ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު