ENGLISH
22 އޭޕްރީލު 2025
މިނިވަންކަމުގެ ހައްޤުގައި ޖިހާދުކުރި ބަޠަލުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ، އުޖާލާ މާދަމާއެއް ހޯދައިދިނުމަކީ އެންމެ އިސް ޤައުމީ ވާޖިބު: ރައީސް
31 ޖެނުއަރީ 2025
|
ދިވެހިންގެ މިނިވަންކަމުގެ ހައްޤުގައި ޖިހާދު ކުރި ބަޠަލުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ، އުޖާލާ މާދަމާއެއް ހޯދައިދިނުމަށް ހިންމަތްކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ޤައުމީ ވާޖިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާން މިހެން ވިދާޅުވީ ރާއްޖޭގައި މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ މިނިވަންކަމުގެ ހައްޤުގައި ޖިހާދު ކުރި ބަޠަލުންނާއި ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ، މި ވަޠަނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަށް ހިންމަތްކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ޤައުމީ ވާޖިބު ކަމަށެވެ.
ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުޙައްމަދު ލަޠީފް ވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޝަހީދުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާ ކަމަށާއި މިލޮބުވެތި ޤައުމުގެ ދިފާޢުގައި ޝަހީދުވި އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަށް އެދި ދުޢާ ކުރައްވައިފައެވެ.
ރާއްޖޭގައި ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހި ޤައުމާއި މިނިވަންކަން ދިފާޢުކޮށް މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި ހަނގުރާމަކުރައްވާ ޝަހީދުވެވަޑައިގެންނެވި ހިތްވަރުގަދަ ދިވެހި ބަޠަލް އައްސުލްޠާން ޢަލީ 6 ވަނަ ނުވަތަ ޢަލީރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށެވެ.
ޝަހީދުންގެ ދުވަސް ފާހަގަކުރަނީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ މިނިވަންކަމުގެ ދިފާޢުގައި ޖިހާދުވެވަޑައިގެންނެވި ޤައުމީ ބަޠަލުންގެ ޛިކުރާ އާކުރުމަށެވެ.
ޝަހީދުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޝަޢުބާން މަހުގެ 1 ވަނަ ދުވަހުއެވެ.