ENGLISH
22 އޭޕްރީލު 2025
ހިޖުރަކުރުމާ މެދު ރަށްރަށުގެ ރައްޔިތުން ދެކޭ ގޮތް ބަލަން ސާވޭއެއް ހަދަނީ
31 ޖެނުއަރީ 2025
|
މިނިސްޓްރީ އޮފް ސިޓީޒް، ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވާކްސްގެ ފަސް އަހަރުގެ އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު
ރަށްރަށުގެ ރައްޔިތުން އެހެން ތަނަކަށް ހިޖުރަކުރުމާ ގުޅޭގޮތުން އެ ރައްޔިތުންގެ ވިސްނުން ބެލުމަށް ސާވޭއެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިނިސްޓްރީ އޮފް ލޯކަލް ސިޓީޒް، ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވާކްސްއަށް އަންގަވައިފިއެވެ.
މިނިސްޓަރ އޮފް ސިޓީޒް، ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް ޢުމަރު މިކަން ހާމަކުރައްވާފައިވަނީ އެ މިނިސްޓްރީގެ ފަސް އަހަރުގެ އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ލޯކަލް ގަވަރްމަންޓް މިނިސްޓްރީއާ ހަވާލުކުރައްވާފައިވާ މަސައްކަތްތަކާ ގުޅިގެން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވަރަށް މުހިއްމު ދެ މަސައްކަތެއް ރައީސް އެ މިނިސްޓްރީއާ ހަވާލުކުރައްވާފައިވާ ކަމަށެވެ. ފުރަތަމަ މަސައްކަތަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި، އެހެން ތަނަކަށް ހިޖުރަކުރުމާ ގުޅޭގޮތުން ރަށްރަށުގެ ރައްޔިތުންގެ ވިސްނުން ބެލުމަށް ސަވޭއެއް ކުރުމެވެ. ދެން ހަވާލުކުއްވީ ހދ. ހިރިމަރަދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމެވެ.
"މިއަދު ރައިސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް، އަޅުގަނޑަށް އިރުޝާދު ދެއްވާފައިވޭ ރާއްޖޭގައި މި ވަގުތު ހުރި ރަށްރަށުގެ ތެރެއިން ޚާއްސަގޮތެއްގައި އެ ރަށްރަށުގެ ރައްޔިތުންގެ ވިސްނުމާއި ފިކުރު އެބޭފުޅުން އެހެން ތަނަކަށް ހިޖުރަކުރުމާ ދޭތެރޭގައި ވިސްނުންފުޅު ހުންނަ ގޮތެއް ދެނެގަތުމުގެ ސާވޭއެއް ކުރުމަށް. ހަމައެއާއެކު ރައިސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ހަވާލާކުރައްވާފައިވާ އެހެން މަސައްކަތެއް އެއީ ހދ. ހިރިމަރަދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް އަޅުގަނޑުމެންގެ މިނިސްޓްރީން އިސްނަންގަވައިގެން ކުރިއަށް ގެންގޮސްދެއްވުން،" - މިނިސްޓަރ އޮފް ލޯކަލް ސިޓީޒް، ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް
ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަން ރައީސް އެންގެވިއިރު އެ ރަށު ރައްޔިތުން ބޭނުންވަނީ މާލޭ ސަރަހައްދުގެ ރަށަކަށް ހިޖުރަކުރަން ކަމަށް މީގެކުރިން އެ ރަށު ކައުންސިލުން ވަނީ މިނިސްޓަރާއި ހިއްސާކުރައްވާފައެވެ. އެގޮތުން ރަށު ރައްޔިތުން ކ. ތުލުސްދޫ ޚިޔާރުކޮށްފައިވާ ކަމަށާއި އެއީ، އެ ރަށުގައި ހިޖުރަކުރެވޭ ވަރަށް ބިން އޮތުމުން ކަމަށް ކައުންސިލުން ވިދާޅުވެއެވެ.
އެކަން އެގޮތަށް ކޮށްދެއްވާނެ ކަމުގެ ޔަގީން އޭރު ވެސް މިނިސްޓަރު ދެއްވި އެވެ. ހިރިމަރަދޫގެ ގިނަ ރައްޔިތުން މިހާރު އެހެން ރަށްރަށަށް ހިޖުރަކޮށްފައިވާއިރު އެ ރަށުގެ އާބާދީއަކީ އެންމެ ފަހުގެ ބޯހިމެނުމުން ދައްކާގޮތުގައި 293 އެވެ.
ލޯކަލް ގަވާމެންޓް މިނިސްޓްރީގެ ފަސް އަހަރުގެ އެސްއޭޕީއާ އެކު މި ހިނގާ 2025 ވަނަ އަހަރުގެ ޕްލޭން އިފްތިތާހުކޮށްފައިވާއިރު ފަސް އަހަރުގެ ޕްލޭނުގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކާއި އަދި ސަރުކާރުން ބޭނުންވާ ކަންތައްތައް ޙާޞިލްކުރުމަށް ޓަކައި، މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.