ENGLISH
22 އޭޕްރީލު 2025
ސަޢުދީއާ އެކު ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ޑރ. ޚަލީލް މަޝްވަރާކުރައްވައިފި
30 ޖެނުއަރީ 2025
|
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސައުދީ އަރަބިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން.
ދިވެހި ރާއްޖެއާއި ސަޢުދީ އަރަބިއާއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ސަޢުދީ އަރަބިއާގެ ކޮމަރސް މިނިސްޓަރާއެކު ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މަޝްވަރާކުރައްވައިފިއެވެ.
ސަޢުދީ އަރަބިއާއަށް ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، ސަޢުދީ އަރަބިއާގެ މިނިސްޓަރ އޮފް ކޮމަރސް ހިޒް އެކްސެލެންސީ ޑރ. މާޖިދު ބިން ޢަބްދުﷲ އަލް ޤަސާބީއާއެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވެވީ އިއްޔެ އެވެ.
ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ސަޢުދީ އަރަބިއާއާ ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ރާއްޖޭގައި ސަޢުދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި މަޝްވަރާގައި، ސަޢުދީ އަރަބިއާއާ އެކު އޮންނަ ގާތްގުޅުން އިތުރަށް ވަރުގަދަކުރުމަށާއި، މުހިއްމު ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ދެ ވަޒީރުން އެއްބަސްވެވަޑައިގަތެވެ.
މަޝްވަރާ ބައްދަލުވުން ފެއްޓެވުމުގެ ކުރިން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ސަޢުދީ އަރަބިއާގެ ޝާހީ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ، އަލްއަމީރު މުޙައްމަދު ބިން ފަހުދު އަލް ސަޢޫދު އަވަހާރަވުމާއި ގުޅިގެން ސަޢުދީ ޝާހީ އާއިލާގެ މެމްބަރުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
ދަތުރުފުޅުގައި ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ވަނީ ދެކުނު އޭޝިއާގެ ސައުދީ ޑިވެލޮޕްމަންޓް ފަންޑުގެ ޑިރެކްޓަރ ޖެނެރަލް ޑރ. ސައުދު އަލްޝަމާރީއާ ބައްދަލުކުރައްވާފައެވެ. އެ މަޝްވަރާ ބައްދަލުކުރެއްވުމުގައި ސައުދީ ޑިވެލޮޕްމަންޓް ފަންޑާ އޮތް ގުޅުން ހަރުދަނާ ކުރެއްވުމާއި ގުޅޭގޮތުން ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ މަޝްވަރާކުރައްވާފައެވެ.