ENGLISH
22 އޭޕްރީލު 2025
ދެކުނުގެ ސަރަހައްދަށްވެސް ވައިނުސާފުވެއްޖެ
30 ޖެނުއަރީ 2025
|
ރާއްޖޭގެ ސަރަހައްދަށް ވައި ނުސާފުވެފައި. ފޮޓޯ: ޕީއެސްއެމް
ދެކުނުގެ ސަރަހައްދުތަކަަށް މިއަދުން ފެށިގެން ވައިނުސާފުވާން ފަށާފައިވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް (މެޓް) އިން މައުލޫމާތުދީފިއެވެ.
"އެމްއެމް ޓީވީ" އަށް މަޢުލޫމާތު ދެއްވަމުން މެޓް އޮފީހުން ވިދާޅުވީ ޖެނުވަރީ 2 އިން ފެށިގެން ރާއްޖެއަށް އިރުވައި މޫސުމުގެ އަސަރު ކުރަމުންދާއިރު ވައި ތަޣައްޔަރުވަމުންދާ ކަމަށެވެ. މިއަހަރު ފެށުނު ހިސާބުން ގިނަ ދުވަސްތަކުގައި އުތުރާއި މެދުރާއްޖެތެރެއަށް އެކި މިންވަރަށް ވައިނުސާފުވަމުންދާ ކަމަށް މެޓް އިން ވިދާޅުވިއެވެ.
މެޓް އޮފީހުން ވިދާޅުވީ ވައި ނުސާފުވުމުގެ ސަބަބުން ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން މިވަނީ ގާތްގަނޑަކަށް 4 ކިލޯމީޓަރަށް ދަށްވެފައި ކަމަށެވެ. ދުންފުހުގެ ސަބަބުން މާލެއަށް މިވަގުތަށް ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން 2 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް މެޓް އޮފީހުން މަޢުލޫމާތުދީފައި ވެއެވެ. އަދި ދެކުނަށް ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން 5 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށްވެސް އެ އޮފީހުން މަޢުލޫމާތުދީފައި ވެއެވެ.
މެޓް އިން މަޢުލޫމާތު ދޭގޮތުގައި މިއަަދު ރާއްޖެ ސަރަހައްދުގައި ވައިގެ ނުސާފުކަން، އައި.ކިއު.އެއަރ އިން ދައްކާ ގޮތުގައި ހުރީ 150 އަށްވުރެ މަތީގައެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ މި ޙާލަތު ރާއްޖެއަށް މެދުވެރިވަމުންދަނީ އަވަށްޓެރި އިންޑިޔާގެ އުތުރު ސަރަހައްދުގައި ތަޣައްޔަރުވެފައިވާ ވައިގެ އަސަރު ރާއްޖެ ސަރަހައްދަށް ދައުރުވަމުންދާތީ ކަމަށެވެ.
ވާރޭ ވެހޭ ގަޑިތަކުގައި ކޮންމެވެސް ވަރަކަށް ވައި ސާފުވާނެ ކަމަށް ވިދާޅުވަމުން މެޓް އޮފީހުން ވަނީ ކުރިއަށް އޮންނަ 5 ދުވަހު ރާއްޖޭގެ މޫސުން ޢާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކުރައްވާފައެވެ.
މި ޙާލަތާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ފުއްޕާމޭ އަދި ހިތުގެ ބަލިތައް ފަދަ ސިއްހީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކުގެ އިތުރުން އެލާޖީ ހުންނަ ފަރާތްތަކުން ބޭރަށް ނުކުމެ އުޅުމުގައި ސަމާލުވުމަށް އިލްތިމާސްކުރަައްވާފައެވެ. އެގޮތުން، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލާޖީގެ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމާއި ބޭރަށް ނުކުންނަން ޖެހޭ ޙާލަތްތަކުގައި ރައްކާތެރި މާސްކެއް އެޅުން، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކުރައްވާފައި ވެއެވެ. އަދި ތުއްތު ކުދިން ބޭރަށް ނުނެރުން، ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން އަދި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ކަހަލަ ކަންތައްތައް މަޑުޖައްސާލުން ހިމެނެއެވެ.