ENGLISH
22 އޭޕްރީލު 2025
ހއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
30 ޖެނުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ހއ. އުލިގަމަށް ވަޑައިގެންނެވުން. ފޮޓޯ: ރައީސް އޮފީސް
ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.
ރައީސް ޑރ. މުޢިއްޒު ހއ. އަތޮޅުގެ 10 ރަށަކަށް ވަނީ ވަޑައިގެން އެރަށްރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ވަނީ ފައްޓަވައިދެއްވައިފައެވެ. ރައީސް ޑރ. މުޢިއްޒުގެ ދަތުރުފުޅުގައި ހއ. އަތޮޅުން ވަޑައިގަތީ، ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަން އަދި އުތީމަށެވެ.
ދަތުރުފުޅުގައި ރަށްރަށުގައި ބައެއް މަޝްރޫޢުތައް ނިންމެވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ބައިވެރިވެވަޑައިގަތެވެ. އެގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން، އަދި ފަސޭހަކަމާއެކު ބޭންކިންގގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅު ފުއްދެއްވުމަށްޓަކައި، އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ރަށްރަށުގެ ކައުންސިލްތަކާއި ޙަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ޑރ. މުޢިއްޒުގެ ދަތުރުފުޅުގައި އެރަށްތަކުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ހއ. އަތޮޅަށް ރައީސް ޑރ. މުޢިއްޒު ވަޑައިގަތުމުން ރަށްރަށުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ވަނީ ކިޔައިފައެވެ. ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ ސަރުކާރުގެ ވަޢުދާއި އެއްގޮތަށް ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައިފައެވެ. އަދި، ރައްޔިތުންގެ ކުރިއެރުމަށް އެންމެ ބޭނުންޖެހިފައިވާ ކަންކަން ބައްލަވައި، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވާނެކަމުގެ އުއްމީދު ރައީސް ޑރ. މުޢިއްޒު ވަނީ ދެއްވައިފައެވެ.
ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒުގެ އަރިހުގައި އެކިއެކި ވަޒީރުންނާއި، ސަރުކާރުގެ ބައެއް މުޢައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. ޑރ. މުޢިއްޒު ވިދާޅުވީ ވަޒީރުންނާއި މުޢައްސަސާތަކުގެ އިސްވެރިން ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަނީ، ކައުންސިލްތަކާއި މުޢައްސަސާތަކާއި ވަޒީރުންނާއި ބައްދަލުވެ، ވާހަކަދެކެވިގެން، މައްސަލަތައް ޙައްލުކުރެވި، އަވަހަށް ކުރިއަށް ދެވޭނެ ގޮތްތަކާއި، ނަތީޖާއާ ހަމައަށް ވާޞިލުވެވޭނެގޮތްތައް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައިވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާގޮތްވާތީ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ ސިޓީތަކާއި، އަތޮޅުތައް އަދި ރަށްތަކަށް ދަތުރުކުރައްވަން ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން ދަތުރުފުޅެކެވެ.