ENGLISH
06 ޖުލައި 2025
ހުރާއިން 46 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
30 ޖެނުއަރީ 2025
|
ހުރާގައި އިމިގްރޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނުގައި ކ. ހުރާގައި އިއްޔެ ކުރިއަށް ގެންދިޔަ ރެއިޑުގައި، އެރަށުގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 46 ބިދޭސީން ހޯދައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވީ، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައީ އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް އެރަށުގައި ކުރިއަށްގެންދިޔަ ޚާއްސަ ރެއިޑް އޮޕަރޭޝަނުގައި ކަމަށެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެށި މަސައްކަތުގެ ދަށުން މާލެ ސަރަޙައްދާއި އަތޮޅުތެރޭގެ ރަށްރަށުގައި ވެސް އަންނަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ.
އިމިގްރޭޝަނުން ހުރާގައި ހިންގި ރެއިޑުގައި ބިދޭސީންތަކެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދަނީ
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ފެށުމާއެކު، ބައެއް ރަށްރަށުގައި ދިރިއުޅޭ ބިދޭސީން ފިލައިގެން ރަށްރަށަށް ދާ މައްސަލަވެސް މިހާރު ވަނީ ފެންމަތިވެފައެވެ. އެގޮތުން، ރ. އަތޮޅުގައި އޮންނަ އެމެރަލްޑް ރިސޯޓަށް މޯލްޑިވްސް އިމިގްރޭޝަނުން ދާކަމަށް ހީކޮށް، ޖަނަވަރީ 20 ވަނަ ދުވަހު 60 ބިދޭސީއަކު ވަނީ ފިލަންވެގެން ރ. މަޑުއްވަރީއަށް ގޮސްފައެވެ.
މަޑުއްވަރީއަށް ދިޔަ 60 ބިދޭސީންގެ ތެރެއިން ކައުންސިލްގެ އެހީތެރިކަމާއެކު 19 މީހަކު ހޯދައި އަނބުރާ ރިސޯޓަށް ފޮނުވާލިއެވެ. އަދި، މިއަދު ވަނީ ބާކީ ތިބި 41 ބިދޭސީން ހޯދައި ރިސޯޓަށް އަނބުރާ ފޮނުވާލާފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ފަށާފައިވާ އޮޕަރޭޝަންގެ ދަށުން، މި ސަރުކާރުގެ ފުރަތަމަ އަހަރު 5،000 ބިދޭސީން ހޯދައި އަނބުރާ ޤައުމަށް ވަނީ ފޮނުވާލާފައެވެ. ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރޭގައި ޖިނާޢީ ކުށްތަކުގައި ޝާމިލްވާ ބިދޭސީން ވެސް ހިމެނެއެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބިދޭސީންގެ ބަޔޮމެޓޮރިކް މަޢުލޫމާތު ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.