ENGLISH

22 އޭޕްރީލު 2025

Advertisement

ޔޮޓު މެރީނާގެ އަމަލީ މަސައްކަތް 6 މަސް ތެރޭގައި ފެށޭނެ: ރައީސް

30 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

ހއ. އުލިގަމުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނި (ފޮޓޯ/ ރައީސް އޮފީސް)

ހއ. އުލިގަމުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ޔޮޓް މެރީނާ ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ތިލަދުންމަތީ އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު މަންޒިލު ކަަމަށްވާ އެ އަތޮޅުގެ އުލިގަމަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ސަފާރީތަކަށް މަޝްހޫރު މަންޒިލެއްގެ ގޮތުގައި ޒަމާންތަކެއް ވަންދެން އޮތް އުލިގަމުގައި ޔޮޓު މެރީނާއެއް ތަރައްގީކުރުމަށްޓަކައި އެމްޕީއެލްއާއެކު އެ ރަށު ކައުންސިލުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެމްޕީއެލް އިން އޭރު ވިދާޅުވީ ޔޮޓު މެރީނާގެ މަސައްކަތް އެ އަހަރު ތެރޭގައި ފައްޓަވާނެ ކަމަށެވެ. އަދި އެކަމުގެ ކޮންސެޕްޓު ހަދައި އިންވެސްޓަރުންނާއި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެކަމާ ގުޅިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޔޮޓު މެރީނާ ގާއިމުކުރުމުގެ މަސައްކަތް ފެށުމުގެ ހުރިހާ މަރުހަލާއެއް ނިމި، ފައިނޭންސިންގެ ކަންތައްތައް ވެސް ކުރިއަށް އޮތް މަސްތަކުގައި ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށާއި، އެކަން އެމަގުން ހިނގާތޯ ބައްލަވާނެ ކަމަށް  އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދުގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން އެމްޕީއެލްގެ ސީއީއޯ ވިދާޅުވި ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތްތައް ޔޮޓު މެރީނާ ގާއިމުކުރުމުގެ ކަންތައް ފެށޭނެ ކަމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަންތައްތައް އެގޮތަށް ދޭތޯ ޔަގީންކޮށްދޭނަން."

ސަރުކާރުގެ އަމާޒަކީ ރައީސް ވިދާޅުވި ގޮތުގައި އެ ރަށުގައި ދާއިމީ ގޮތެއްގައި ޔޮޓު މެރީނާގެ ހިދުމަތްތައް ދެވޭނެ ގޮތަކަށް އެ މަސައްކަތް ކުރުމެވެ.

މީގެއިތުރުން ކުރިއަށް އޮތް ދެ އަހަރަށް ބަހާލައިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މޫދަށް އެރޭނެ ސަރަހައްދުތަކާއި، ކުޑަކުދިންގެ ޕާކުތަކާއި، އައުޓްޑޯ ޖިމުތައް ގާއިމުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.  

" އެއީ ދުޅަހެޔޮކަން، ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި މިކަހަލަ ކަންކަން ހުންނަން ޖެހޭނެތީ. އެހެންވީމާ މިއަހަރާއި މި އަންނަ އަހަރާއި، 2025 އަދި 2026. މި ދެ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކު، ހަމަ ފެސިލިޓީޒް ހަމަކުރެވިގެން، ކުޅޭ އެކި ކަހަލަ ސާމާނު ހަރުކުރެވިގެން ކުޑަކުދިންގެ ޕާކު ހެދުމުގެ ޕްރޮޖެކްޓެއް ކުރިއަށްދާނެ."

ރައީސް ވިދާޅުވީ ޕާކުތައް މިހާރު ހުރި ރަށްރަށުގެ ތެރެއިން މަދު ސާމާނު ހުރި ތަންތަނަށް ވެސް ބޭނުންވާ ތަކެތި ހޯއްދަވައިދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު