ENGLISH
22 އޭޕްރީލު 2025
ހުއްޓިފައި ހުރި މަޝްރޫޢުތައް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކުރައްވަައިގެން ނިންމަވަނީ
30 ޖެނުއަރީ 2025
|
ކުރީ ސަރުކާރުން ފެށުމަށް ފަހު ކުރިއަށް ނުގެންދެވި މަޑުޖެހިފައި ހުރި ގިނަ މަޝްރޫޢުތަކެއް، އެރަށެއްގައި އެހެން މަޝްރޫޢެއްގެ މަސައްކަތްކުރަމުން އަންނަ ސަރުކާރުގެ ކުންފުންޏަކާ ޙަވާލުކުރައްވައިގެން ކުރިއަށްގެންދަވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ތިލަދުންމަތީ އުތުރުބުރީގެ 10 ރަށަކަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ހއ. އުލިގަމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށުގައި ހިންގަން ހުރި އެކި މަޝްރޫޢުތަކަށް އަލިއަޅުއްވައިލައްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ވަރަށް ގިނަ ރަށްރަށުގައި އެކި ދާއިރާތަކުން ހިންގަން ފަށާފައި ހުރި ތަރައްޤީގެ ވަރަށް ގިނަ މަސައްކަތްތައް ހުރީ މަޑުޖެހިފައެވެ.
އެގޮތުން އުލިގަމުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް، ކުރީ ސަރުކާރުން ބަޔަކާ ޙަވާލުކޮށްފައި އޮތީ މަޝްރޫޢު ނިމޭއިރު ދަނޑަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަނުވާ ގޮތަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ފުޓުބޯޅަ ދަނޑުގެ މަސައްކަތް މުޅިން ޙަވާލުކޮށްފައި ހުރީ އެގޮތަށް ކަމަަށެވެ. އެމަނިކުފާނު ވިދާޅުވީ ދަނޑުގެ މަސައްކަތްތައް ބައިބައަށް ބަހާލައިގެން އެކި ކުންފުނިތަކާ ހަވާލުކުރުމުގެ ސަބަބުން އެއްކޮށް ހުރިހާ މަސައްކަތެއް ނިންމައިނުލެވޭ ކަމަށެވެ.
އެކަން ޙައްލުކުރެއްވުމަށް މި ސަރުކާރުން ސިޔާސަތެއް އެކަށައަޅުއްވާފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ދަނޑެއްގެ މަސައްކަތް ޙަވާލުކުރައްވާނީ އެ މަސައްކަތާ ޙަވާލުވާ ބަޔަކު ދަނޑުގެ ހުރިހާ މަސައްކަތެއް އެކުއެކީ ފުރިހަމަކޮށް ނިންމަންޖެހޭ ގޮތަށް ކަމަށެވެ.
"މިރަށަށް ބަލާއިރު މިރަށުގެ ބޮޑު ފުޓުބޯޅަ ދަނޑުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން ހިނގާ މަސައްކަތެއް. ނިމޭއިރު އެ މަޝްރޫޢަކު ނެތް މުޅި ދަނޑަށް ބޭނުންވާ ހުރިހާ ކަމެއް ހިމެނިފައެއް. މިދިޔަ ސަރުކާރުގައި ދަނޑުގެ މަސައްކަތް ހަވާލުކޮށްފަައިހުރީ މުޅިން އެކަހަލަ ގޮތަކަށް. ދަނޑުގެ ޓާފް އެޅުން ވަކި ބަޔަކަށް، ފެންސުގެ މަސައްކަތް އެހެން ބަޔަކަށް. ލައިޓު ހަރުކުރުން އެހެން ބަޔަކަށް. މިހެން ގޮސް ބައިބަޔަށް ބަހާލާފައިހުރުމުގެ ސަބަބުން އެއްވެސް މަޝްރޫޢެއް ދާގޮތަށް އެއްކޮށް ނިންމާލެވޭ ގޮތަކަށް ނޫން ހުރީ." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ސަރުކާރުން އަލަށް ފަށާ ދަނޑުތަކުގެ މަޝްރޫޢުތައް ޙަވާލުކުރާއިރު ދަނޑުގައި ހިމެނޭ ހުރިހާ ބައިތަކެއް ފުރިހަމަކުރަން ޙަވާލުކުރެއްވުމުގެ އިތުރަށް މިހާރު ހިނގަހިނގައި ހުރި މަޝްރޫޢުތަކުގައި ވެސް ނުހިމެނިހުރި ބައިތައް ހިމަނައިގެން ފުރިހަމަކުރުމަށް އަންގަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
އުލިގަމު ދަނޑުގައި ފުރިހަމަކުރަންޖެހޭ ކަންކަމުގެ ތެރެއިން މިހާރު މަސައްކަތްކުރާ ކުންފުންޏާ ހަވާލުކޮށްފައި ނެތް މަސައްކަތްތައް ހަވާލުކުރައްވާނީ މިހާރު ވެސް އެރަށަށް މޯބަލައިޒްކޮށް އެހެން މަޝްރޫޢުތަކެއްގައި މަސައްކަތްކުރަމުން އަންނަ އެމްޓީސީސީއާކަން ރައީސް ހާމަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ނިންމަވާފައި އޮތީ ރަށެއްގައި ސަރުކާރު ހިއްސާވާ ނުވަތަ ސައްތައިން ސައްތަ ސަރުކާރު ކުންފުންޏެއް މަސައްކަތަކަށް މޯބަލައިޒްކޮށްފައި އޮތްނަމަ އެ ރަށެއްގައި, މިފަދައިން ނުނިމިހުރި މަޝްރޫޢުތައް ނިންމުން އެ ކުންފުންޏަކާ ހަވާލުކުރައްވައިގެން ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުވުމަށް ކަމަށެވެ. އަދި ސަރުކާރުގެ މިހާރުގެ އަމާޒަކީ ރަށްރަށުގައި މަޑުޖެހިފައިހުރި މަޝްރޫޢުތައް މި އިންތިޒާމުގެ ތެރެއިން ވީހާވެސް އަވަހަކަށް ކުރިއަށްގެންދަވައި ނިންމެވުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހާރު ސަރުކާރުން ނިންމާފައި އޮތީ، ސަރުކާރުގެ ކޮންމެވެސް ކުންފުންޏެއް، ސަރުކާރުގެ ހިއްސާ އޮންނަ ނޫނިއްޔާ ސަަރުކާރުގެ 100 ޕަސެންޓު ސަރުކާރު ކުންފުންޏެއް ރަށެއްގައި މޮބިލައިޒްކުރެވިފައި އޮތިއްޔާ އެފަރާތެއް މެދުވެރިކޮށް ވީހާވެސް މަސައްކަތްތައް ހިނގާ ގޮތް ހަދަންވެގެން. އެ ނިޒާމުގެ ތެރެއިން ރަށްރަށުގައި ހުއްޓިފައިހުރި ހުރިހާ މަޝްރޫޢުތަކެއް ރިސްޓާޓް ކުރުމުގެ މަސައްކަތް އިދާރީ ގޮތުން ހިނގަންޖެހޭ ކަންކަން އެބަ ހިނގާ." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ކުރައްވަމުންދާ މައިގަނޑު މަސައްކަތަކީ ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފަށައިގަތުމަށްޓަކައި ސަރުކާރު ކުންފުނިތަކާ އެ މަޝްރޫޢުތައް ޙަވާލުކުރުމަށް މިހާރު ހެދިފައި ހުރި އެއްބަސްވުންތައް ބާޠިލުކުރުން ފަދަ މަރުޙަލާތަކެވެ. އެ މަސައްކަތްތައް ބަންްޑާރަނަައިބާއި ކަމާބެހޭ ވުޒާރާތަކާ ގުޅިގެން ކުރައްވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ތަޢުލީމީ ދާއިރާ އާއި ޞިއްހީ ދާއިރާއާއި ފެނާއި ނަރުދަމާގެ މަޝްރޫޢުތައްވެސް ހުއްޓިފައި ހުރީ ދާދި އެއް ސަބަބުތަކާހުރެއެވެ. މައިގަނޑު ސަބަބަކީ ކުދި އަދި މެދުފަންތީގެ އެއް ކުންފުންޏަކާ ގިނަ ޢަދަދެއްގެ މަޝްރޫޢުތައް ހަވާލުކޮށްފައިހުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
އުލިގަމުގައި ކުރަންހުރި މަސައްކަތްތަކުގެ ތެރެއިން ރައީސް ވަނީ އެރަށުގެ ޞިއްޙީ މަރުކަޒުގެ ޢިމާރާތުގެ ޖާގަ ތަނަވަސްކުރުމާއި، އެ ރަށުގެ ސްކޫލުގެ މަސައްކަތް އަލުން ފެށުމާއެކު، ބަނދަރުގެ މަޝްރޫޢު ވެސް ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
އަދި ބަނދަރުގެ މަސައްކަތް ނިމޭއިރު އެ ރަށުގައި މޫދަށް އެރޭ ސަރަހައްދެއް ޤާއިމުކުރައްވާނެކަމަށް ވިދާޅުވެ ރައީސް ފާހަގަކުރެއްވީ މޫދަށް އެރޭނެ ސަރަހައްދުތަކާއި، ކުޑަކުދިންގެ ޕާކުތަކާއި، އައުޓްޑޯ ޖިމުތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމުކުރެއްވުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ކަމަށެވެ.