ENGLISH
22 އޭޕްރީލު 2025
ނުދަރާ ރާއްޖެއަށް ކުރިއަށްދެވުމަކީ ރައީސް ހޯއްދެވި އެންމެ ބޮޑު ކާމިޔާބު: ސަޢީދު
30 ޖެނުއަރީ 2025
|
އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ފޮޓޯ: ދިޔަރެސް
ރާއްޖޭގެ މާލީ ހާލަތު ވަރަށް ނާޒުކު ފައްތަރެއްގައި އޮއްވައި ވެރިކަމާ ޙަވާލުވެވަޑައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެ ނުދަރައި ކުރިއަށްދެވޭނެ މަގު ފަހިކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހޯއްދެވި އެންމެ ބޮޑު ކާމިޔާބުކަމަށް އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިފަދައިން ވިދާޅުވީ ހއ.ގެ ދިހަ ރަށަކަށް ރައީސް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ހއ.އުލިގަމަށް ކުރެއްވި ޒިޔާރަތުގައި އެރަށަށް އެމަނިކުފާނު ވަޑައިގެންނެވި ވަގުތު ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް)އަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ރައީސް ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ މާލީ ޙާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އެއިރު ރާއްޖޭގެ އިޤުތިޞާދު އޮތް ޙާލަތު ޞިފަކުރައްވަމުން ސަޢީދު ވިދާޅުވީ ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވެފައި އޮތްއިރު ރާއްޖޭގެ ރިޒާވްއާއި ދައުލަތުގެ ދަރަނި އަދާކުރުން ފަސޭހަކުރުމަށް އުފައްދާފައި އޮތް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގެ ޙާލަތު އޮތީ ހީނަރުވެފައި ކަމަށެވެ.
"ކޮން ފަދަ ހާލެއްގައިތޯ އޮތީ؟ މުޅި ޤައުމު އެފުށް މިފުށަށްޖެހި މާލީ ޙާލަތުގެ އިތުބާރު ގެއްލި، އަނެއްކޮޅުން ދަރާ ވިކި ހުސްވެފަ އޮތީ. އެއްވެސް ކަހަލަ އިންތިޒާމެއް ހިންގުމުގެ ނިޒާމުގެ ވައްޓަފާޅިއެއް ނެތި ބެލުންތެރިކަމެއް ނެތި ސަރުކާރުގެ ކުންފުނިތައް އޮތީ ދަރާފައި އިނގޭތޯ؟ ދަރުވާލާފައި އިނގޭތޯ؟ " - އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
ސަޢީދު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ކަންކަން ކުރަމުން އައީ އިންތިޚާބާ ދިމާކޮށް ކަޑަޖެހުމުގެ އުޞޫލުން ވޯޓު ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން 20 މިލިއަން ރުފިޔާއިން ހިންގޭ މަޝްރޫޢު ހިންގުމަށް ބަޖެޓުގައި ޖަހާފައި އޮންނަނީ ލައްކައެއްހައި ރުފިޔާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ނަތީޖާއަކަށްވީ ޖެހި ކަޑަ ފީވެގެންދާއިރުވެސް މަސައްކަތް ކުރިއަށްނުގޮސް މަޑުޖެހިފައި އޮތުން ކަމަށެވެ.
އިތުރަށް މިނިސްޓަރު ފާހަގަކުރެއްވީ ކޮންމެ އަހަރަކުވެސް ދަރަނި އަދާކުރުމަށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޚަރަދުކުރަންޖެހިފައިވާ ކަމަށެވެ. އަދި 2026 ގައި އެއް ބިލިއަން ރުފިޔާގެ ދަރަންޏެއް އަދާކުރަން އޮތްއިރު އެ ބޮޑު ދަރަނި އަދާކުރެވޭނެ އެއްވެސް އިންތިޒާމެއް ހަމަޖައްސާފައިނުވާކަން ފާހަގަކުރައްވަމުން ސަޢީދު ވިދާޅުވީ ރިޒާވްވެސް ހުސްވާން ކައިރިވެފައި އޮތްއިރު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު އޮތީ ގާތްގަނޑަކަށް ހުސްވެފައި ކަމަށެވެ.
ސަޢީދު ފާހަގަކުރެއްވި ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯއްދެވި އެންމެ ބޮޑު ކާމިޔާބަކީ މި ހުރިހާ ދަތިތަކެއްގެ ތެރެއިން އަރައިގަނެވި ހަމަނޭވާލައިގެން ކުރިއަށްދެވޭނެ މަގެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދައިދެއްވުމެވެ.