ENGLISH
22 އޭޕްރީލު 2025
މޮޅަދޫއަށް ރައީސް ދެއްވީ މަޝްރޫޢުތައް އަވަސްކޮށްދެއްވާނެކަމުގެ ޔަޤީންކަން
30 ޖެނުއަރީ 2025
|
މިހާރު ހއ.މޮޅަދޫގައި މަޑުޖެހިފައި ހުރި މަޝްރޫޢުތައް ނިންމެވުމާއެކު، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިއްމު މަސައްކަތްތައް ނިންމަވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ހއ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މޮޅަދޫއަށް މިއަދު ކުރެއްވި ޒިޔާރާތުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި މޮޅަދޫގައި ކުރީ ސަރުކާރުން ފެށި ބައެއް މަޝްރޫޢުތައް ހުރީ މަޑުޖެހިފައެވެ. އެ މަޝްރޫޢުތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ މަޝްރޫޢާއި ކުނި މެނޭޖުކުރުމުގެ ނިޒާމުގެ މަޝްރޫޢަށް އަލިއަޅުއްވައިލައްވައި އެ ދެ މަޝްރޫޢު އަވަސްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި މޮޅަދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރަން ޙަވާލުކުރި ކުންފުންޏަށް ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ކުރީ ސަރުކާރުން ޙަވާލުކުރި ނަމަވެސް އެ ރަށްތަކުގައިވެސް އެ މަސައްކަތްތައް އޮތީ ނުކުރެވިއެވެ.
"މި މައްސަލައަށް ބަލާއިރުގައި މި މަޝްރޫޢު ޙަވާލުކޮށްފައިވާ ކުންފުންޏާ މިދިޔަ ސަރުކާރުގަ އެބަހުރި ބައިވަރު އެހެން ރަށްތައްވެސް ޙަވާލުކޮށްފައި. ދެން ހަމަ ހުރިހާ ތަނެއްވެސް ހުރީ މިގޮތަށް ހުއްޓިފައި. ދެން ހަމައާއެކީގައި އެހެން މަޝްރޫޢަކަށް ދާނަން. ކުނި ކޮށި ޤާއިމުކުރުން ކުނި މެނޭޖުކުރާ ސެންޓަރު ޤާއިމުކުރުން. އެއް ކުންފުންޏަކާ 21 ރަށެއްގެ މަސައްކަތް މިދިޔަ ސަރުކާރުގަ އެބައޮތް ޙަވާލުކޮށްފަ. މިކަހަލަ ގޮތަކަށް ހުރީ. " - ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
ކުނި މެނޭޖުކުރާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢަކީ ބޭރުގެ ފަންޑު ހަމަޖެހިފައިވާ މަޝްރޫޢެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފެނާއި ނަރުދަމާ ފަދަ ދައުލަތުގެ ބަޖެޓުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން މިފަދައިން ހުއްޓިފައި ހުރި މަސައްކަތްތައް އަވަސްކުރުމަށް ބަޖެޓުގެ ތެރެއިން ޙައްލުތަކެއް ސަރުކާރުން ހޯއްދަވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ނިންމަވާފައިވާ ގޮތަށް މޮޅަދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވައި ނިންމަވައިދެއްވާނެ ކަމަށެވެ.
މޮޅަދޫއަކީ ހިތްގައިމު ބޮޑު ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ތައާރަފުކުރުމަށް ބިންތަކެއް ކުއްޔަށް ދޫކުރަން ރަށު ކައުންސިލުން ނިންމާފައިވާއިރު، އެ ސަރަހައްދަށް ކަރަންޓާއި ފެނާއި ނަރަދުމާގެ ޚިދުމަތް ޤާއިމުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި މިދަތުރުފުޅަށްފަހު މިނިސްޓްރީތަކާއި ކުންފުނިތަކާއި ކައުންސިލު ޝާމިލުވާހެން އެ ޚިދުމަތްތައް ޤާއިމުކުރެވޭނެ ގޮތާމެދު މަޝްވަރާކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް އެރަށުގެ ތަޢުލީމީ ދާއިރާއަށް ބޭނުންވެފައިހުރި ވަސީލަތްތައް ޤާއިމުކުރައްވާނެކަމުގެ ޔަޤީންކަންދެއްވަމުން ރައީސް ވިދާޅުވީ އާބާދީގެ ކުޑަބޮޑުމިނަށް ބައްލަވައިގެން ރަށްރަށުގެ މެދުގައި ތަފާތުނުކުރައްވާނެ ކަމަށެވެ. މޮޅަދޫ ސްކޫލުގައި ފެށިފައި ހުރި މަޝްރޫޢު ނިންމެވުމާއެކު، ސްކޫލުގައި ހަމަޖައްސަންޖެހިފައިހުރި ކަންކަން ހަމަޖައްސަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ރަނގަޅުކުރުމަށްޓަކައި އައު ޢިމާރާތެއް އެޅުމާއި ތަނަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް އިތުރުކުރުމުގެ ތެރެއިން ކުރަންޖެހޭ ކަންކަން މި އަހަރުގެ ބަޖެޓުގެ ތެރެއިން ކޮށްދެއްވާނެ ކަމަށެވެ.
"ތަޢުލީމީ ދާއިރާއަށް ޢުމްރާނީ ތަރައްޤީގެ ގޮތުން ވަސީލަތުގެ ގޮތުން އަދި ޞިއްޙީ ދާއިރާއަށްވެސް ޢިމާރާތުގެ ގޮތުންނާއި ވަސީލަތުގެ ގޮތުން ކޮށްދޭންޖެހޭ ކަންކަން މިއަހަރުގެ ބަޖެޓުގެ ތެރެއިން ކޮށްދީ ނިންމާނަން." - ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
ކުނި ކޮށީގެ މަޝްރޫޢަކީ ބޭރުގެ ފަންޑުގައި ހިންގާ މަޝްރޫޢަކަށްވާތީ އެފަދަ މަޝްރޫޢެއްގެ އެއްބަސްވުން ބާޠިލުކުރުމަށް ފުރިހަމަކުރަންޖެހޭ ޚާއްޞަ އިޖުރާއާތުތަކެއް ހުންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަޝްރޫޢު މަޑުޖެހިފައި އޮތުމާއެކު، 21 ރަށެއްގައި އެމަސައްކަތްކުރަން އެއް ކުންފުންޏަކާއެކު ހަދާފައިވާ އެއްބަސްވުން ބާޠިލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާކަމަށެވެ.
މި މަޝްރޫޢުތަކުގެ އިތުރަށް ހަށިހެޔޮކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް މޮޅަދޫގައި ޤާއިމުކޮށްދެއްވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ޒުވާނުންގެ މަރުކަޒަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމުގެ މަސައްކަތްކުރައްވާނެ ކަމަށާއި ކުޅިވަރު ކުޅުމަށް ބޭނުންވާ އިތުރު ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
އޭގެ އިތުރަށް މޮޅަދޫ ރައްޔިތުންނަށް ގޯތި ދޫކުރެވޭނެ ބިން އޮތުމާއެކު، އެކަމަށް އެދޭ ރައްޔިތުންނަށް ބިން ދޫކުރަން ރައީސް ކައުންސިލުގެ ކިބައިން އެދިވަޑައިގެންނެވިއެވެ.