ENGLISH
22 އޭޕްރީލު 2025
މާލީ ދަތިތަކުގެ ތެރެއިންވެސް ހޯރަފުއްޓަށް ކާމިޔާބުތަކެއް ހާސިލުކުރެވިފައިވޭ: ޢަލީ މޫސާ
30 ޖެނުއަރީ 2025
|
ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ މޫސާ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ދިވެހިރާއްޖެއަށް ކުރިމަތިވެފައި އޮތް މާލީ ދަތިތަކާއެކުވެސް ފާއިތުވި އަހަރެއްހައި ދުވަހުގެ ތެރޭގައި ހއ.ހޯރަފުއްޓަށް ތަރައްޤީގެ ގޮތުން ކާމިޔާބުތަކެއް ޙާޞިލުކުރެވިފައިވާކަމަށް ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު ޢަލީ މޫސާ ވިދާޅުވެއްޖެއެވެ.
ހއ.އަތޮޅުގެ ދިހަ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ޢަލީ މޫސާ ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިޤުތިޞާދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ.
އެގޮތުން ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފަދަ މާލީ އިދާރާތަކުން ރާއްޖެ ބަނގުރޫޓޫވެދާނެކަމުގެ އިންޒާރު ދެމުންއައިކަން ފާހަގަކުރައްވަމުން މެންބަރު ވިދާޅުވީ ފާއިތުވި އަހަރެއްހައި ދުވަހު ރައީސް ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން ބަނގުރޫޓުވުމުގެ ތުންފަތްމަތިން ރާއްޖެ ސަލާމަތްވެފައިވާ ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ ސަރުކާރު ފެށިގެންއައިއިރު ކުރިމަތިވެފައި ހުރި މާލީ ދަތިތަކާއެކުވެސް ފާއިތުވި އަހަރުގެ ތެރޭގައި ހޯރަފުށީގެ ތަރައްޤީއަށް ކާމިޔާބުތަކެއް ހޯދިފައިވާ ކަމަށެވެ. އެގޮތުން އެ ރަށުގައި މިހާރު ހިނގަމުން އަންނަ ތަރައްޤީގެ މުހިއްމު ބައެއް މަޝްރޫޢުތަކުގެ މައްޗަށް މެންބަރު އަލިއަޅުވައިލެއްވިއެވެ.
"މީގެ ދެ އަހަރު ކުރިން ވޯލްޑް ބޭންކާއި އައިއެމްއެފްއާއި ދުނިޔޭގެ ހުރިހާ ފައިނޭންޝަލް އިންސްޓިޓޫޝަންތަކަކުންވަނީ ދިވެހިރާއްޖެ އޮތީ އިޤުތިޞާދީ ގޮތުން ބަނގުރޫޓުވެފައިކަން ހާމަކޮށްފަ. އޭގެ މިސާލެއްގެ ގޮތުން ދިވެހިރާއްޖެވަނީ 129 ބިލިއަން ރުފިޔާއިން ދަރަނިވެރިވެފައި. ނަމަވެސް މި އުދަގޫ ދަތިތަކާއެކުވެސް ހޯރަފުށީގައި ވޭތުވެދިޔަ އަހަރުވަނީ ކުރިއެރުންތަކެއް ހޯދާފައި" - ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ މޫސާ
ފާއިތުވި އަހަރު ހޯރަފުއްޓަށް ހާސިލުވި ކާމިޔާބުތަކުގެ ގޮތުގައި މެންބަރު ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހޯރަފުށީ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ހިމެނެއެވެ. އެމްޓީސީސީއާ ޙަވާލުކޮށްގެން ހިންގާ 30 މިލިއަން ރުފިޔާގެ އެ މަޝްރޫޢު ދާދި އަވަހަށް ނިމޭނެކަން މެންބަރު ފާހަގަކުރެއްވިއެވެ. އަދި އެ ފައިސާ ދައްކާ ހަލާސްކުރައްވަނީ މި ސަރުކާރުންކަން މެންބަރު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރަށް ހޯރަފުށީ އެއާޕޯޓުގެ ހުޅަނގު ފަރާތަށް ފަސްއަޅައި ހިއްކުމަށް 80 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގަމުންދާ މަޝްރޫޢަކީ މި ސަރުކާރުން ފަށައި ނިންމާފައިވާ މަޝްރޫޢެއްކަން މެންބަރު ފާހަގަކުރެއްވިއެވެ.
"ހޯރަފުށީ އެއާޕޯޓުގެ ހުޅަނގު ފަރާތަށް ފަސްއަޅައި ހިއްކުމުގެ މަޝްރޫޢަކީ މުޅި ޖުމްލަ ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ޕްރޮޖެކްޓެއް. އެ ޕްރޮޖެކްޓު ފަށައި، އެ ޕްރޮޖެކްޓު ނިމިގެން މިދިޔައީ ވޭތުވެދިޔަ އަހަރު ތެރޭ. " - ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ މޫސާ
އޭގެ އިތުރަށް ކުރީ ސަރުކާރުން ފަށާފައިވާ ހޯރަފުށީ ހޮސްޕިޓަލުގެ މަޝްރޫޢާ ގުޅޭ ގޮތުންވެސް މެންބަރު ވާހަކަދެއްކެވިއެވެ. އެ މަޝްރޫޢު ޙަވާލުކުރި ކުންފުންޏަށް ކުރީ ސަރުކާރުން ދައްކާފައިވަނީ 15 މިލިއަން ރުފިޔާކަން ފާހަގަކުރައްވައި ޢަލީ މޫސާ ވިދާޅުވީ އެ ކުންފުންޏަށް ޖުމްލަ 180 މިލިއަން ރުފިޔާ ނުދައްކައި އޮތް ކަމަށެވެ. އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ ބޮޑު ބައެއް މި ސަރުކާރުން ދައްކަވައި މި މަހު އެ މަސައްކަތް އަލުން ފަށައި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ނިންމައިލެވޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވާފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
އެ ރަށުގެ މަގުހެދުމުގެ ދެވަނަ ފިޔަވަހި މަޑުޖެހިފައި އޮތީ މަސައްކަތުގެ ޑިޒައިން ބަދަލުކޮށް ފެން ހިންދުމުގެ ރަނގަޅު ނިޒާމެއް ޤާއިމުކުރެވޭނެހެން މަގުތައް ފަރުމާކުރަން މަސައްކަތްކުރާތީކަން ފާހަގަކުރައްވައި ޢަލީ މޫސާ ވިދާޅުވީ އެ މަސައްކަތް ނިމުނުހައި އަވަހަކަށް ހަލުއިކޮށް މަގުހެދުމުގެ މަސައްކަތްވެސް ކުރެވޭނެ ކަމަށެވެ.