ENGLISH
22 އޭޕްރީލު 2025
މޮޅަދޫ ކައުންސިލުގެ އުދާހަކީ ތަރައްޤީ މަޑުޖެހިފައި އޮތުން، ރައީސް ޔަޤީންކޮށްދެއްވީ ޙައްލު
30 ޖެނުއަރީ 2025
|
މޮޅަދޫ ކައުންސިލާއި ރަށުގެ ވެރިންނާ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ހއ.މޮޅަދޫގައި ހިންގަން ފަށާފައި ހުރި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މަޑުޖެހިފައިވާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކުރުމާއެކު، އެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ހއ.އަތޮޅުގެ ދިހަ ރަށަކަށް ރައީސް ކުރައްވަމުންގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު މޮޅަދޫއަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމުން، އެބޭފުޅުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވީ ތަރައްޤީގެ މަޝްރޫޢުތައް މަޑުޖެހިފައި އޮތުމެވެ.
އެގޮތުން ކުރީ ސަރުކާރުގައި އެ ރަށުގައި ހިންގަން ފެށި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢާއި އެރަށުގެ ކުނި މެނޭޖުކުރުމުގެ ނިޒާމުގެ މަސައްކަތް މަޑުޖެހިފައި އޮތްކަން އެ ރަށު ކައުންސިލުން ފާހަގަކުރިއެވެ.
އޭގެ އިތުރަށް ކައުންސިލު ޢިމާރާތުގެ ޖާގައިގެ ދަތިކަމާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްނުކުރެވި އޮތުމުގެ ކަންބޮޑުވުމާއި، ޞިއްޙީ މަރުކަޒު މަރާމާތުނުކުރެވި ދުވަސްވެ ވީރާނާވެފައި ހުރުމާއި، ރަށަށް އައު ޞިއްޙީ މަރުކަޒެއް ބޭނުންވާކަމަށް ކައުންސިލާއި ރަށުގެ ވެރިން ރައީސް އަރުހުގައި ދެންނެވިއެވެ.
އޭގެ އިތުރަށް އައު ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓަކާއި ކުޑަކުދިންގެ ޕާކެއްގެ އިތުރަށް ޒުވާނުންނާއި އިޖުތިމާއީ މަރުކަޒެއް ރަށުގައި ޤާއިމުކުރަން ބޭނުންފުޅުވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
އެ ބޭފުޅުންގެ ވާހަކަފުޅުތަކާ ގުޅިގެން ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އަދި ރައީސް އަރިހުގައި ދަތުރުކުރައްވާ ވަފުދުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ކައުންސިލާ ޙިއްސާކުރައްވާފައެވެ.