ENGLISH
22 އޭޕްރީލު 2025
މޮޅަދޫގައި އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
30 ޖެނުއަރީ 2025
|
ހއ.މޮޅަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ބެހެއްޓުމަށް ބޭންކާއި އެ ރަށު ކައުންސިލުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހއ.ގެ ބައެއް ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު މޮޅަދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށު ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މި އެއްބަސްވުމުގައި މޮޅަދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލުގެ ރައީސް މުޙައްމަދު ސިނާދެވެ. ބީއެމްއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ އަދި މެނޭޖިން ޑިރެކްޓާ މުޙައްމަދު ޝަރީފެވެ.
މިއީ ސަރުކާރުގެ އިސްނެންގެވުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ބަހައްޓައި ކޮންމެ ރައްޔިތަކަށް އެމީހަކު ދިރިއުޅޭ ފަސްގަނޑުން އޭޓީއެމްގެ ޚިދުމަތް ލިބޭކަން ކަށަވަރުކުރެއްވުމަށް ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން ޤާއިމުކުރެވުނު އެއްބަސްވުމެކެވެ.
ސަރުކާރުން މި އަހަރު ފެށި މި ޕްރޮގުރާމުގެ ތެރެއިން ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަނީ ކައުންސިލުތަކުންނެވެ. އެ މަސައްކަތް ކައުންސިލުތަކާ ހަވާލުކުރަނީ ބީއެމްއެލްއިންނެވެ. އަދި އޭޓީއެމް ބެހެއްޓުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެނީ އެ ބޭންކުންނެވެ.
ބޭންކުން ސަރުކާރުގެ މި ސިޔާސަތު ތަންފީޒުކުރެއްވުމަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވަައި ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ ބީއެމްއެލްއަކީ ރައްޔިތުންގެ ބޭންކުކަން އެ ކުންފުނިން ސާބިތުކޮށްދެމުން އަންނަ ކަމަށެވެ.