ENGLISH
22 އޭޕްރީލު 2025
ފައިނު އެއާޕޯޓްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ރައީސް
23 ޖެނުއަރީ 2025
|
ރައީސުލް ޖުމްހޫރިއްޔާ ޑ. މުޙައްމަދު މުޢިއްޒު ރ. ފައިނުގެ ރައްޔިތުންނާ މުޚާތަބް ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ރ. އަތޮޅު ފައިނުގައި އަޅައިދޭން ވަޢުދުވި އެއާޕޯޓްގެ މަސައްކަތް އަންނަ މަހު ފައްޓަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން، ފައިނު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރ. ފައިނުގައި އެއާޕޯޓު އަޅައިދިނުމަކީ ރައީސްގެ ރިޔާސީ ވަޢުދުފުޅެކެވެ. ރައީސް ވިދާޅުވީ، ފައިނުގައި އަޅަން ވަޢުދުވި އެއާޕޯޓުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާއެކު އަންނަ ފެބުރުއަރީ މަހު އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުން އެއާޕޯޓުގެ މަޝްރޫޢުއަށް ހުރަސް އެޅުމަށްޓަކައި އެރަށުގައި ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމްގެ ބައެއް ތަންތަން އެއާޕޯޓް އަޅާ ސަރަހައްދުގައި އަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް ފައިނު ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖެއްސުމަށްޓަކައި ރައްޔިތުން އެދޭ ގޮތަށް އެއާޕޯޓު އެޅުމަށް ބޭނުންވާ ޖާގަ ހުސްކޮށް ފެނާއި ނަރުދަމާގެ ޚިދުމަތް ނުހުއްޓި ވަރަށް އޮމާންކޮށް މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ފެނާއި ނަރުދަމާގެ މަސައްކަތްކޮށްފައިވާ ސަރަހައްދު އެއާރޕޯޓު ސަރަހައްދަށް އަރާތީ ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވޭ. މިދިޔަ ސަރުކާރުގައި އެއަރޕޯޓަށް ހުރަސް އެޅުމަށް ފެނާއި ނަރުދަމާގެ ބައެއް ތަންތަން އެތަނުގައި ހުރީ ހަދާފައި. ނަމަވެސް ރައްޔިތުން އެންމެ އެދޭގޮތަށް އެންމެ ކުޑަ ޚަރަދެއްކޮށްގެން އެއަރޕޯޓް އެޅުމަށް ބޭނުންވާ ޖާގަ ހެދުމަށް ފެނާއި ނަރުދަމާ ނުހުއްޓި، އެންމެ ރަނގަޅަށް އޮމާންކޮށް ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން ދެން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ފައިނު އެއަރޕޯޓް މަޝްރޫޢުއަކީ އެރަށާއި އެ އަތޮޅުގެ ހުރިހާ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އަދި އިޤްތިޞާދީ ގޮތުން ކުރިއެރުން އަންނާނެ މަޝްރޫޢުއެއް ކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް ވަޒީފާގެ ގިނަ ފުރުޞަތުތަކާއި ގިނަ ރިސޯޓްތައް އެ ސަރަހައްދަށް އަންނާނެ މަޝްރޫޢުއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރ. އަތޮޅުގައި ގިނަ ރިސޯޓްތަކެއް ހަދަން އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ އެކަމަށް ގިނަ ފުރުޞަތު ލިބި އިޤްތިޞާދީ ނަފާ ލިބޭނެ އިންވެސްޓްމަންޓަކަށް ވާނެ ކަމަށެވެ. އެހެންކަމުން އެއަރޕޯޓް މަޝްރޫޢުއަށް ވަރަށް އިސްކަންދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރަށަށް ބޭނުންވާ އިތުރު ތަރައްޤީގެ މަޝްރޫޢުތައް ކުރިަށްގެންދާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސިއްޙީ ދާއިރާ ތަރައްޤީކޮށް ވަސީލަތްތައް އިތުރުކޮށް، ފުޓްބޯޅަ ދަނޑެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ފައިނަށް ދެން ވަޑައިގަންނަވާނީ އެއާޕޯޓު ތަރަށްޤީކުރުމުގެ މަސައްކަތް ނިމި އެއާޕޯޓު ހުޅުވަން ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ފައިނުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލް އިދާރާ މެދުވެރިކޮށް ކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އާއި އެ ރަށު ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.