ENGLISH
22 އޭޕްރީލު 2025
ކިނޮޅަހުގެ ޓޫރިޒަމް ޒޯނުގައި ސަރުކާރުން ފެނާއި ނަރުދަމާ ޤާއިމުކޮށްދެނީ
23 ޖެނުއަރީ 2025
|
ރައީސް ޑރ. މުހައްމަދު މުޢިއްޒު ކިނޮޅަހަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)
ރ. ކިނޮޅަހުގައި ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ސަރުކާރުން ފެނާއި ނަރުދަމާ ހަމަޖައްސައިދެއްވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރިއަށް މިހާރު ކުރައްވަމުންގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި އެ އަތޮޅު ކިނޮޅަހަށް ވަޑައިގެން ރައްޔިތުންނާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ކިނޮޅަހަކީ ފަތުރުވެރިކަމުގެ ތަފާތު ކޮންސެޕްޓެއް ގެންގުޅޭ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވަނީ، އެކަން ރަށުގައި ކުރިއެރުވުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ކިނޮޅަހުގައި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އެހީތެރިވެދިނުމުގެ ގޮތުން، އެ ރަށުގައި ލޯކަލް ޓޫރިޒަމް ހިންގަން ކަނޑައަޅާފައިވާ ސަރަހައްދަށް ސަރުކާރުން ފެނާއި ނަރުދަމާ ގާއިމުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއީ އަޅުގަނޑު ވަރަށް ދެކެން ބޭނުންވާ ކަމެއް މި ރަށުގަ ތިބޭފުޅުން ބޭނުންވާ ގޮތަށް ލޯކަލް ޓޫރިޒަމްގެ ކަންތައްތައް ކަނޑައަޅާފައި އޮތް ސަރަހައްދުގައި ފެށޭ ގޮތް ވާން. އެހެންވެ އެކަމަށް ދޭ އެހީތެރިކަމެއްގެ ގޮތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ސަރަހައްދަށް ފެނާއި ނަރުދަމާގެ އެކްސްޓެންޝަންގެ ކަންތައް ކޮށްދޭނެ ކަމަށް ދަންނަވަން. އެހެން އެކަން ހަމަޖެހުނީމަ ޓޫރިޒަމްގެ ދާއިރާއަށް ތިބޭފުޅުންނަށް ވަދެވިގެންދާ." - ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކިނޮޅޮހުގެ ކައުންސިލުން އިސްނަގައިގެން އެ ރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ، އެ ރަށުގެ ބަނދަރުމަތީގައި ހުންނަ "އިބްނު ބަތޫތާ މަންޒިލެވެ". މީލާދީން 14 ވަނަ ގަރުނުގައި ރާއްޖެ ވަޑައިގެންނެވި ސައްޔާހެއް ކަމަށްވާ އިބްނު ބަތޫތާ ދެ ފަހަރެއްގެ މަތިން އެ ރަށަށް ވަޑައިގެންނެވި އެވެ. އެ ރަށުގެ އެންމެ މަގުބޫލު އެއް މަންޒިލަކީ އިބްނު ބަތޫތާ ދުނިޔޭގެ ގައުމުތަކަށް ކުރެއްވި ދަތުރުގެ މަގު ޗާޓު ފެންނަ ގޮތަށް ކުރަހާފައިވާ ކުރެހުމަކާއި އެކު ބަނދަރުމަތީގައި ހުންނަ ޕާކެވެ.