ENGLISH

22 އޭޕްރީލު 2025

Advertisement

މާލޭގެ ފިހާރައެއްގެ ގުދަނުގައި އަލިފާން ރޯވެ 22 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

23 ޖެނުއަރީ 2025

|

ނަޒާހާ އިބްރާހީމް

މާފަންނުގައި ހުންނަ ފްރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނެއްގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގެ އަސަރު ކުރި ގެތަކުގެ ތެރެއިން ފަސް ގެއެއްގެ 22 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވި ގޮތުގައި މ. ސްޕްރިންގ ރިވާގައި އަލިފާނުގެ ހާދިސާ ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 4:20 ހާއިރު އެވެ. އެ ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އަލިފާން ރޯވި ސަރަހައްދަށް ފަޔަރފައިޓަރުން ގޮސް ކުރި މަސަތްކަތުން އަލިފާން ކޮންޓްރޯލު ކުރެވިފައިވަނީ 5:25 ހާއިރު ކަމަށާއި އެއްކޮށް އަލިފާން ނިއްވާލެވުނީ 6:00 ގައި ކަމަށް އެއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

މއ. ސްޕްރިންގް ރިވާ ގޭ 1ވަނަ ފަންގިފިލާގަ ހުންނަ، ފްރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގެ އަލިިފާން ނިންވުމުގެ މަސައްކަތުގެ ތެރެއިން

އެންޑީއެމްއޭ އިން ހާމަކުރެއްވި ގޮތުގައި އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބިސީއެއްގެ 33 ފަރާތެއް ފާހަގަކުރެވުނެވެ. އަދި އޭގެ ތެރެއިން ފަސް ގޭބިސީއެއްގެ 14 ބިދޭސީންނަށް އަދި 8 ދިވެހިންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދީފަައިވާ ކަމަށް އެން.ޑީ.އެމް.އޭ އިން ވިދާޅުވިއެވެ. 

އެމްއެންޑީއެފްގެ މާލޭ ފަޔަރ ސްޓޭޝަންގެ އޮފިސަރ ކޮމާންޑަރ، ލެފްޓިނެންޓް އަޙުމަދު ފިރުޝާން ވިދާޅުވީ މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ގޮތުން، އެ ސަރަޙައްދުގެ ބައެއް އިމާރާތްތަކަށް ފެންޖެހުމާއި، އަދި އިމާރާތްތަކުން މީހުން ހުސްކުރީ ކަމަށެވެ. އަލިފާން ނިންވުމުގެ މަސައްކަތުގައި ފުލުހުންނާ އަދި އައްމު ރައްޔިތުންގެ ބޮޑު އެހީތެރިކަމެއް ލިބުނުކަމަށް އެމްއެންޑީއެފުން ފާހަގަކުރެއްވިވެ.

ކިޔުންތެރިންގެ ހިޔާލު