ENGLISH

22 އޭޕްރީލު 2025

Advertisement

ބޯޓް ބިލްޑިން އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުންނަށް ރަހުނަކާ ނުލާ ލޯނު ހަމަޖައްސައިދޭނަން: ރައީސް

22 ޖެނުއަރީ 2025

|

ޢަލީ ޝާހީން

އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގެ ވަޑިންނަށް ރަހުނަކާ ނުލައި ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންނަމާދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ވިދާޅުވީ، ބޯޓު ބިލްޑިން ނުވަތަ އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގެ ވަޑިންނަށް ރަހުނަކާ ނުލައި ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސަވައި، މި ދާއިރާއަށް މީހުން ބިނާކުރުމަށްޓަކައި ޚާއްސަ މަރުކަޒެއް އިންނަމާދޫގައި ތަރައްޤީ ކުރައްވާނެކަމަށެވެ.

 ރައީސުލްޖުމްހޫރިއްޔާ އިންނަމާދޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށުގެ ވަޑިންނާ ބައްދަލުކުރައްވާ އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އެފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ މަސައްކަތްކުރުމަށް ފައިސާ ލިބުމުގައި ހުރި ދަތިކަމާއި، ޒުވާނުން އެދާއިރާއަށް ވަނުމުގައިހުރި ގޮންޖެހުމުގެ ކަންބޮޑުވުންތަކެވެ.

އޮޑިދޯނުފަހަރު ބަނުމަކީ އިންނަމާދޫގައި އިޤްތިޞާދީގޮތުން ކުރާ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބޭންކިން ނިޒާމުގެ ތެރެއިން ރަހުނަކާ ނުލައި އެފަރާތްތަކަށް ލޯނު ލިބޭނެގޮތް ހަމަޖައްސަވައިދެއްވާނެކަމަށެވެ.

"މިރޭ ކުރެވުނު މަޝްވަރާގެ އަލީގައި އަދި މި ދެންނެވި ސިޔާސަތުގެ ތެރެއިން އެއް ކަމަކަށް މި ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަށް ބޭނުންވާ ކަންކަމުގެ ތެރެއިން ލުއި ގޮތެއްގައި ރަހުނަކާ ނުލައި ލޯނު ނެގޭނެ ގޮތް ބޭންކިން ނިޒާމު ތެރެއިން ހަމަޖައްސައިދޭނެ ކަމަށް ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޑިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި މިފަދަ މަސައްކަތްތަކަށް ބިން ދޫކުރުމުގައި ކައުންސިލްތަކަށް ދަތިތަކެއްހުރުމުން، އާމްދަނީ ލިބޭނެގޮތަށް ދިގު މުއްދަތަކަށް ކައުންސިލްތަކަށް ބިން ދޫކުރެވޭނެގޮތްވެސް ހަމަޖައްސަވާނެކަމަށެވެ. އެގޮތުން 20 އަހަރަށް ބިން ކުއްޔަށްދެވޭނެގޮތް ކަނޑައަޅުއްވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޝްރޫއުތައް ހިންގުމުގައި ދިވެހިންނަށް އިސްކަންދިނުމަކީ ވެސް ރައީސްގެ ރިޔާސީ ވައުދެކެވެ. ރައީސް ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ވެސް ބޯޓު ބިލްޑިންގެ މަސައްކަތުގައި ދިވެހިންގެ ޝާމިލުވުން އިތުރުކުރުމަށް ވަކިން ޚާއްސަ އިސްކަމެއް ދޭން ސަރުކާރުން ނިންމައިފައި ވެއެވެ.

"އަޅުގަނޑު ބޭނުމެއް ނޫން މި ދާއިރާގައި ބޭރު މީހުން ގެންގުޅޭކަށެއް. މިއީ ދިވެހީންނަށް ޚާއްސަކޮށް އަޅުގަނޑުމެންގެ މެނިފެސްޓޯގެ ތެރެއިން، އަޅުގަނޑުމެންގެ ސިޔާސަތުގައި އެލައިންކޮށްފައި އޮތް ގޮތުން ވެސް ދިވެހީންނަށް ޚާއްސަ ކުރަން ބޭނުންވާ ދާއިރާއެއް،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ، ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކޮށް، ގިރާ ސަރަހައްދު ހިމާޔަތްކޮށް، ނަރުދަމާ ނިޒާމުގައި ހުރި މައްސަލަތައް ވެސް ހައްލުކޮށްދެއްވާނެކަމަށެވެ. އަދި އެހުރިހާ ކަމެއް ތަރުތީބުކުރައްވައިގެން ދެ އަހަރު ދުވަހުގެ ތެރޭގައި މައްސަލަތަކަށް ފުރިހަމަ ޙައްލެއް ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު