ENGLISH
22 އޭޕްރީލު 2025
ރަސްމާދޫގެ ތަރައްޤީއަށް ކުރަން ހުރި ކަންކަން ހަޤީޤަތަކަށް ހަދައިދޭނަން: ރައީސް
22 ޖެނުއަރީ 2025
|
ރ. ރަސްމާދޫގެ ތަރައްޤީއަށް ކުރަން ހުރި ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ރ. ރަސްމާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުތައް ފުއްދުމަށްޓަކައި ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަން އެރަށުގައި ވެސް ފައްޓަވާނެ ކަމަށެވެ.
"މިދިޔަ އަހަރު އޭގެ ތެރެއިން ބައެއް ކަންކަން ނުވެ އެ ހުރީ. އަޅުގަނޑުމެނަށް ބަޖެޓުގެ ތެރެއިންނާއި އިޤުތިސާދީ ހާލަތު ރަނގަޅު ކުރަން ކުރާންޖެހުނު މަސައްކަތުގެ ތެރެއިން ފަހި ނުވެ ދިޔައީމަ. އެއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެކަން މިދިޔަ އަހަރުގެ ތެރޭގައި މައިގަނޑު ގޮތެއްގައި އެކަންވީ ސަބަބަކީ" - ރައީސް ވިދާޅުވިއެވެ.
ރަސްމާދޫގައި ހިންގަވާނެ ބައެއް މަޝްރޫއުތަކުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ ރަސްމާދޫގައި ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއަށް އިސްކަމެއް ދެއްވައިގެން މި އަހަރު ކުރިއަށް ގެންދަވާނެ ކަމަށެވެ.
އަދި ވިދާޅުވީ އެރަށުގައި މިހާރު އަޅަމުންދާ ސްކޫލު އިމާރާތުގެ މަސައްކަތް ނިންމުމުގެ އިތުރުން ރަށުގެ ހެލްތު ސެންޓަރުގެ މަސައްކަތް ވެސް ނިންމާ ދެއްވާނެ ކަމަށެވެ.
"ހެލްތު ސެންޓަރަށްވެސް ވަރަށް މުހިންމު ކަންތައްތަކެއް ކުރަން ޖެހޭ. މީގެ ގިނަ ކަންތައްތަކަކީ އަޅުގަނޑު ކެމްޕެއިންތެރޭ ވަޢުދުވެސް ވެފައި ހުރި ކަންކަން. ޞިއްޙީ މަރުކަޒުގެވެސް ޖާގަ އިތުރުކޮށްދީ އަދި ލެބޯޓްރީއެއް ހިމެނޭހެންގޮތަށް ޖާގަ އިތުރުކޮށްދިނުމަކީ އަޅުގަނޑު ހަމަ ކުރިއަށް ގެންދާނެ ކަމެއްކަން ތި ބޭފުޅުންނަށް ދަންވާލަން،" - ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން އެކަން ކަމަށް ބައްލަވާނެ ކަމަށާއި ރަށުގެ މޫދަށް އެރޭ ވަކި ސަރަހައްދެއް ކަނޑައަޅުއްވާދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ކުރީކޮޅު އެރަށުގައި ފުލުހުންގެ ޚިދުމަތް ފައްޓަވާދެއްވާނެ ކަމަށާއި ރަސްމާދޫގެ ފުޓުބޯޅަ ދަނޑާއި އިޖުތިމާއީ މަރުކަޒުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ރަސްމާދޫގެ ފެނުގެ މަޝްރޫއު ހުއްޓިފައި އޮތުމުން އެކަން ފަށައި އެ މަޝްރޫއު ނިންމަވާ ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ޖުމްލަ ގޮތެއްގައި ދަންވާލަން ބޭނުން މިރަށުގެ ތަރައްޤީއަށް ކުރަން ހުރި ކަންކަމުގައި އަމަލީ ސިފަ ގެނެސްދޭނެކަން. ކުލަ ޖައްސަދޭނެކަން. އަދި އޭގެ ސަބަބުން ފުރިހަމަ ނަފާ ލިބިދިނުމަކީ އަޅުގަނޑުގެ ހުރިހާވެސް އެދުމަކީ" - ރައީސް ވިދާޅުވިއެވެ.