ENGLISH

06 ޖުލައި 2025

Advertisement

ރ. މަޑުއްވަރީގެ އިހްތިޞާސް ތެރޭގައި އުފުލަންދޫ އަދި މީދޫގެ އިހްތިޞާސް ތެރޭގައި ތާވަތާ ހިމަނުއްވައިދެއްވަން ރައީސް ނިންމަވައިފި

22 ޖެނުއަރީ 2025

|

އަހުމަދު ސައީދު

ރ. މަޑުއްވަރީގެ އިހްތިޞާސްގެ ތެރޭގައި ހިމަނައިދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ރ. އުފުލަންދޫ.

ރ. އަތޮޅުގައި ބިން ފުރިފައިވާ ދެރަށް ކަމަށްވާ މަޑުއްވަރީގެ އިހްތިޞާސް ތެރޭގައި އުފުލަންދޫ އަދި މީދޫގެ އިހްތިޞާސް ތެރޭގައި ތާވަތާ ހިމަނުއްވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. 

މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަޑުއްވަރީއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކައްވާ ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ބިން ފުރިފައިވާ މަޑުއްވަރީ އާއި އެ އަތޮޅު މީދޫ އަކީ ބިން އިތުރުކުރޭވެ ޖާގައޮތް ދެ ރަށަށްނުވާތީ އެންމެ ފައިދާހުރި ގޮތަކީ އެ ދެ ރަށުގެ އިހްތިޞާސްގެ ތެރޭގައި ދެ ފަޅުރަށް ހިމަނައި، މީހުން ދިރިއުޅޭ ސަރަހައްދެއްގައި ކުރުން ރަނގަޅު ނޫން ހުރިހާ މަސައްކަތްތަކެއް އެ ދެ ރަށަށް ބަދަލުކުރުން ކަމަށެވެ.

ރ. މީދުގެ އިހްތިޞާސް ތެރޭގައި ހިމަނަށް ނިންމެވި ތާވަތާ. 

އުފުލަންދޫ އަކީ މަޑުއްވަރީ ކައިރީއޮތް ހިތްގައިމު ފަޅުރަށެކެވެ. އެންމެ 20 ހެކްޓަރު ހުންނަ މަޑުއްވަރީގައި 2،600 މީހުން ދިރިއުޅެއެވެ. މީދޫގައި 1،700 އަށްވުރެ ގިނަ މީހުން ދިރިއުޅޭއިރު އެރަށުގެ ބޮޑުމިނަކީ 30 ހެކްޓަރެވެ. ތާވަތާއަކީ މީދޫ ކައިރީ އޮންނަ ފަޅުރަށެކެވެ. 

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ބިން ފުރިފައިވާ މަޑުއްވަރީ އަކީ ފައިބަރު މަސައްކަތްކުރާ ރަށަށްވާއިރު، ފައިބަރު މަސައްކަތުގެ ސަބަބުން ސިއްހީ ނުރައްކާތަކާ ވެސް އެ ރަށުގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ މަޑުއްވަރީގެ ބިން ހިއްކައިގެން އިތުރުކުރެވެން އޮތީ އެންމެ ހައެއްކަ ހެކްޓަރު ކަމަށެވެ. އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތާއި ބަނދަރު ތަރައްޤީ ކުރުމާއި ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރުމާއި އެނޫން ވެސް ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. 

މެންދުރު މަޑުއްވަރީގައި މަޑުކުރެއްވުމަށްފަހު ރައީސް ދެން ވަޑައިގްނަވާނީ އެ އަތޮޅު ރަސްމާދޫއަށެެވެ. 

ކިޔުންތެރިންގެ ހިޔާލު