ENGLISH
22 އޭޕްރީލު 2025
މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަޤާމަށް އެ ކޮމިޝަނުގެ މެންބަރު ޞަފާ ޝަފީޤު އިންތިޚާބުކޮށްފިއެވެ.
ބްރޯޑްކޮމްގެ ރައީސްގެ މަޤާމު ހުސްވީ އެ މަޤާމުގައި ކުރިން ހުންނެވި މަރިޔަމް ވަހީދާގެ ދައުރު މިދިޔަ ޑިސެމްބަރު މަހު ހަމަވުމާ ގުޅިގެންނެވެ.
ދ. މީދޫ، ބިއްލޫރިވިލާ، ޞަފާ ޝަފީޤު ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަންކޮށްފައި ވަނީ 9 މެއި 2023 ގައެވެ.
ޞަފާ ޝަފީޤަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން، މާސްޓަރ އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ، އަދި މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓަރ އޮފް ކޮމިއުނިކޭޝަން ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ. ޞަފާ ވަނީ، 2006 ވަނަ އަހަރުން ފެށިގެން، ޓީވީއެމްގެ ޕްރޮގްރާމްތައް ހުށަހަޅުއްވައިފައެވެ.
ބްރޯޑްކޮމް އިން ހުސްވެފައިވާ ދެ މަގާމަށް ވެސް މިހާރު ވަނީ މެންބަރުން އައްޔަންކޮށްފަ އެވެ. އެ ދެ މަޤާމަށް އައްޔަންކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު، މުޙައްމަދު ޢަބްދުالله (މުހަންމާ) އާއި ބްރޯޑްކޮމްގެ ކުރީގެ މެމްބަރު ސަރާހަތު އިއްޒަތު ސިދުޤީ އެވެ.
ރައްޔިތުން މަޖިލީހުގެ، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ސަރާހަތު ބްރޯޑްކޮމަށް އައްޔަން ކުރަން ފާސްކުރީ 68 މެމްބަރުންގެ ވޯޓުންނެވެ. އަދި މުހަންމާ އައްޔަން ކުރަން ފާސްކޮށްފައިވަނީ 58 މެމްބަރުންގެ ވޯޓުންނެވެ.