ENGLISH
22 އޭޕްރީލު 2025
ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކްލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތް މިއަހަރު ނިމޭނެ: ރައީސް
22 ޖެނުއަރީ 2025
|
ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސްކޫލްތަކެއްގެ ކްލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއެޖެއެވެ.
މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހުޅުދުއްފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ސްކޫލް ދަރިވަރުން ތަޢުލީމު ހާސިލުކުރާ މާހައުލަކީ ރަނގަޅު މާހައުލަކަށް ހެދުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި، ކުލާސްރޫމްތައް ފިނިކުރުމަށް ފަށާފައިވާ މަޝްރޫޢު މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ނިންމުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
"މި އަހަރުގައި ދެން އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ މިރަށާއި ރާއްޖޭގެ ދެން އޮތް ހުރިހާ ރަށެއްގައި ހުރިހާ ސްކޫލްތަކެއްގެ ހުރިހާ ކްލާސްރޫމްތަކެއް، އިޔާދަކުރަނިވި ހަކަތައިގެ ބޭނުންކޮށްގެން އޭސީކޮށްދީ ފިނިކޮށްދޭނަން... އަޅުގަނޑުމެން މި އަމާޒުކުރަނީވެސް ވީހާވެސް އަވަހަކަށް، ސެޕްޓެމްބަރު މަހާ ހަމައަށް ދާންވާއިރަށް ވެސް ނިންމާލެވޭތޯ، އެއީ ހައެއްކަ މަސްދުވަސް އަށެއްކަ މަސްދުވަސް ބޭނުންވާނެ މުޅި ރާއްޖެ އެއްކޮށް ނިންމާލަން،" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކްލާސްރޫމްތައް އޭސީކުރުމުގެ މަސައްކަތަށް ބޭނުންވާ ކަންކަން ފުރިހަމަކުރެވި ވަރަށް ރަނގަޅު ހިސާބަކަށް މަސައްކަތް ވަނީ ކުރިއަށް ގެންދެވިފައެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި ކަރަންޓަށްކުރާ ހޭދަ ކުޑަކުރެއްވުމަށްޓަކައި ކްލާސްރޫމްތައް އޭސީ ކުރާނީ ސޯލާ ހަކަތަ ބޭނުންކޮށްގެންނެވެ.
ހާހަކަށްވުރެ ގިނަ މީހުން ދިރިއުޅޭ ހުޅުދުއްފާރުގައި ހުއްޓިފައިވާ މަޝްރޫޢުތައް ވަރަށް އަވަހަށް ފައްޓަވައިދެއްވާ، އެރަށުގެ ރަށްޔިތުން ބޭނުންވާ ޖުމްލަކޮށް ހުރިހާ ކަމެއްވެސް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ހައްލުކޮށް ދެއްްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމް ޚިދުމަތް ފެށުމަށް، އެ ދެ ބޭންކާއި ހުޅުއްްދުއްފާރު ކައުންސިލާދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.