ENGLISH
22 އޭޕްރީލު 2025
ރ. އަތޮޅުގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފައްޓަވައިފި
22 ޖެނުއަރީ 2025
|
ރ. އަތޮޅުގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފައްޓަވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތު.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓުގެ ޚިދުމަތް ރ. އަތޮޅުގައި ފަށައިފިއެވެ.
މި ދެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި މި ދެ ޚިދުމަތް ރ. އަތޮޅުގައި ރަސްމީކޮށް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ރ. އަތޮޅު ކައުންސިލުގެ ރައީސް ޙުސެއިން ނާސިފެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓުގެ ޚިދުމަތް ރ. އަތޮޅުގައި ފަށާފަވާއިރު މިއަދުން ފެށިގެން "އިމުގާ" މެދުވެރިކޮށް ހުށަހަޅާ ޕާސްޕޯޓުތައް ރ. އުނގޫފާރުން ދޫކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު ރައީސް ޑރ. މުޢިއްޒު އިފްތިތާހުކޮށްދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 16 ވަނަ ދުވަހުއެވެ.
އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އެއްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނިޔަލަށެވެ.
ހަމަމިއާއެކު ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތާއި އައިޑީކާޑު ޕްރިންޓް ކުރުމާއި ދޫކުރުމުގެ ޚިދުމަތް ފަށާނެ ރަށްރަށުގެ މަގުޗާޓު ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މަގުޗާޓުގައިވާ ގޮތުން ދެން އެންމެ އަވަހަށް އައިޑީކާޑުގެ ޚިދުމަތް ފަށާނީ ހދ. މަކުނުދޫގައެވެ. އަދި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ތ. ވޭމަންޑޫގައެވެ. މި ދެ ޚިދުމަތް އެ ދެރަށުގައި ފަށަނީ އަންނަ މަހުއެވެ.