ENGLISH
22 އޭޕްރީލު 2025
އުނގޫފާރަކީ ހުރިހާ ޚިދުމަތެއް އެންމެ މަތީ ފެންވަރުގައި ލިބޭ ރަށަކަށް ހަދާނަން: ރައީސް
21 ޖެނުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --- ފޮޓޯ ރައީސް އޮފީސް
އެމަނިކުފާނުގެ ވިސްނުންފުޅާއި ވަޢުދުފުޅާ އެއްގޮތަށް ރ. އުނގޫފާރު ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރުގައި ހުރިހާ ޚިދުމަތެއް ލިބޭ ހޮސްޕިޓަލެއްގެ ގޮތުގައި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަ ކުރައްވައި، އެންމެ މަތީ ފެންވަރުގައި ހުރިހާ ޚިދުމަތެއް ލިބޭ ރަށަކަށް އުނގޫފާރު ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުނގޫފާރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ތަރައްޤީގެ މާސްޓަރ ޕްލޭނަކީ ދުރުރާސްތާއަށް ވިސްނަވައި، ސަރަޙައްދީ ތަރައްޤީއާއި ދެމެހެއްޓެނިވި ތަރައްޤީއަށް ކުރިއަށްގެންދަވާ މަސައްކަތެއް ކަމަށެވެ.
މީގެ އިތުރުން، އުނގޫފާރުގައި އާރބަން ސެންޓަރަކުން ލިބޭނެ ހުރިހާ ޚިދުމަތެއް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މިއަހަރާއި ކުރިއަށް އޮތް އަހަރުތަކުގައި ގިނަ މަޝްރޫއުތަކެއް ހިންގަން ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި އުނގޫފާރުގެ ބިން ހިއްކި ނަމަވެސް އެ ސަރަހައްދު ހިމާޔަތް ކުރެވިފައިނުވާތީ ގިރަމުންދާ ކަމަށާއި، އެހެންކަމުން އެ ބިން ފުރިހަމައަށް ހިއްކައި ހިމާޔަތްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އުނގޫފާރަކީ އާބަން ސެންޓަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަށަކަށްވުމުން އެންމެ މުހިންމީ ބޯހިޔާވަހިކަމުގެ މަސައްކަތް ހިންގުންކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި މި ދައުރުގައި 500 ހައުސިން ޔުނިޓް ތަރައްޤީކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އުނގޫފާރުގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި، އެއާއެކު ބިން ހިއްކުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެކަމަށް ބޭނުންވާ ބިމާއި، އެކަމަށް ބޭނުންވާ ފަންނީ މަސައްކަތްތައް ކައުންސިލާއި ކަމާ ބެހޭ ވުޒާރާތަކާއެކުގަ ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން މަސައްކަތްތައް ފަށާނަން." - ރައީސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އުނގޫފާރުގެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެ ހޮސްޕިޓަލުގައި ޚާއްސަ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުންނާއި ވަސީލަތްތައް އިތުރުކުރައްވާނެ ކަމަށެވެ.
ރައީސް ވަނީ މި ޖަނަވަރީ މަސް ނިމުމުގެ ކުރިން އެ މަޝްރޫއުތަކަށް ކޮންޓްރެކްޓަރުން ހޯދައި ވީހާވެސް އަވަހަށް މަސައްކަތްތައް ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.