ENGLISH

22 އޭޕްރީލު 2025

Advertisement

ރާއްޖޭގެ ހުރިހާ އާންމު ޚިދުމަތެއް ޑިޖިޓަލްކޮށް ދޭން ފެށުމުން، ކޮރަޕްޝަން ވަރަށް ބޮޑަށް ހައްލުވާނެ: ރައީސް

21 ޖެނުއަރީ 2025

|

އަހުމަދު ސައީދު

ރާއްޖޭއަކީ އާންމު ހުރިހާ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭ ޤައުމަކަށް ހައްދަވަން މަސައްކަތް ފައްޓަވާފައިވާ ކަމަށާއި ޑިޖިޓަލައިޒްކޮށް ޚިދުމަތް ދިނުމަކީ ކޮރަޕްޝަން މަދުކުރުމަށް ވަރަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރ. އަތޮޅަށް ރައީސް ޑރ. މުޢިއްޒު މިއަދު ފެއްޓެވި ދަތުރުފުޅުގައި މިރޭ އުނގޫފާރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން، އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދަންނަވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ. ސަރުކާރުގެ މުއައްސަސާތަކުގައި އަބަދުވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާކަމަށާއި އެކަން ހުއްޓުވުމަށް، ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް 100 ޕަސެންޓް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭން މަސައްކަތް ފައްޓަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މިދިޔަ ހަފުތާގައި އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ތަރައްޤީގެ މަގުގައި ކުރިއަށްދާއިރު، ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒް ކުރުމަށް އެސްޓޯނިއާއިން އެކަމާ ބެހޭ މައުލޫމާތާއި އެހީތެރިކަން ހޯއްދެވުމަށް ކުރެއްވި ދަތުރުފުޅެއްގައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެސްޓޯނިއާގައި ހުރިހާ އާންމު ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭއިރު، އެކަމުގެ ނަތީޖާއެއްގެ ގޮތުން އެ ޤައުމަކީ ކޮރަޕްޝަން މަދު ޤައުމެއްކަމަށެވެ.

"އެންމެ ރަނގަޅަށް އެކަމަށް (ކޮރަޕްޝަން ނައްތާލުމަށް) ކުރެވޭނެ އެއްކަމަކީ ދައުލަތުގެ ހުރިހާ ޚިދުމަތްތަކެއް، މަސައްކަތްތަކެއް، އެއީ ޑިޖިޓަލައިޒް ކުރެވިގެން ދެވޭ ޚިދުމަތްތަކެއްގެ ގޮތުގައި ޤާއިމުކުރުން، ހިއުމަން އިންޓަވެންޝަރުނުވުން، އަމާލީ މަސައްކަތްތަކެއް ކޮށްގެން ކުރާ މަސައްކަތް މަދު ކުރެވުނު ވަރަކަށް ޑިޖިޓަލް ނިޒާމެއް ޤާއިމުކުރެވި ކުރެވޭ ކޮންމެ ކަމެއްގެ ރިކޯޑިން ބެލެހެއްޓޭ ނިޒާމެއް ޤާއިމު ކުރެވިގެން ދިޔައީމަ، ވަރަށް ބޮޑަށް އެކަން (ކޮރަޕްޝަން) ހުއްޓުވޭނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހުރިހާ ޚިދުމަތަކެއް ޑިޖިޓަލައިޒް ކުރުމަށް، އެސްޓޯނިއާ އިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށެވެ. ދެ ޤައުމުގެ މެދުގައި އެކަމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ކަމާ ގުޅޭ ޤާނޫނުތައް ހެދުމަށްވެސް އެސްޓޯނިއާ ސަރުކާރުން އެހީތެރިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެސްޓޯނިއާގައި ދޭ ޚިދުމަތްތަކަށް ރައްޔިތުން ވަރަށް ބޮޑަށް އިތުބާރުކުރާ ކަމަށެވެ. ޑިޖިޓަލައިޒް ކުރުމަކީ ތަފާތު ކުރުމާއި ނާޖާއިޒު ގޮތުގައި ޚިދުމަތްދިނުން ހުއްޓުވޭނެ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކުރެއްވުމެވެ. އޭގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި ކައުންސިލުތަކުން ދޭ ޚިދުމަތްތަކާއި ކުންފުނިތައް އަދި އެހެނިހެން މުއްސަސާތަކުން ދޭ ޚިދުމަތްތައް ވެސް ހިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިގޮތުން ބަލާއިރުގައި އެންމެ ފުރަތަމަ ކުރާނެ ކަންކަމުގެ ގޮތުގައި ޑިޖިޓަލް އައިޑީކާޑު ނިޒާމެއް ތައާރަފުކުރުން އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް، އެސްޓޯނިއާގައި އެކަން ކޮށްފައިވާ ފެންވަރުގައި އަޅުގަނޑުމެން ކުރާނެ ކަމެއް، އެ ވަސީލަތުން ދެން ހުރި ހުރިހާ ޚިދުމަތަކެއް ހޯދޭ، ވަރަށް ފުރިހަމައަށް އިންޓަގެރޭޓް ކުރެވިފައިވާ ވިއުގައަކުން ގުޅާލެވިފައިވާ ނިޒާމެއްގެ ތެރެއިން އެކަން ކުރާނީ،" ރައީސް ޑރ. މުޢިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނު ބޭނުންފުޅުވަނީ ދެފުއްފެންނަ ގޮތަށް ސަރުކާރާއި ދައުލަތުގެ މުއްސަސާތަކުން ވެސް ކަންކަން ކުރިއަށްގެންދަވާށެވެ. އަދި ރާއްޖެ ތަރަޤީކުރުމުގައި ޑިޖިޓައިޒްކުރުމަށް އިސްކަން ދިނުމަކީ ދަރިންގެ ދަރިންނަށް ވެސް ކޮށްދެވޭނެ ވަރަށް ބޮޑު ޚިދުމަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ މިކަމުގައި ހުރިހާ ދިވެހި ރައްޔިތުންގެ އެއްބާރުލުން ބޭނުންފުޅުވާ ކަމަށާއި، 2040 އަންނައިރު ރާއްޖެ އަކީ ތަރައްގީވެފައިވާ ޤައުމަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު