ENGLISH

19 އޭޕްރީލު 2025

Advertisement

އާ ކުޅުންތެރިން ގެނެސް ސިޓީ ވަރުގަދަކުރަނީ

21 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ސިޓީގެ އެއްބަސްވުމުގައި ރެއިސް (ވ) ސޮއިކުރަނީ. --ފޮޓޯ: މެންޗެސްޓަރ ސިޓީ

ޖަނަވަރީ ޓްރާންސްފާ ބާޒާރުގައި އާ ކުޅުންތެރިން ގެނެސް މެންޗެސްޓާ ސިޓީ އިތުރަށް ވަރުގަދަކުރަން ފަށައިފި އެވެ.

ސިޓީން ވަނީ މިހާރު ކުރިއަށްދާ ޓްރާންސްފާ ބާޒާރުގައި ދެ ކުޅުންތެރިންގެ ސޮއި ހޯދާފަ އެވެ. އެޓީމަށް ގެނައީ އުޒްބެކިސްތާނުގެ ޑިފެންޑަރު އަބްދުކޮދީރު ކުސަނޯފް އާއި ބްރެޒިލްގެ ޑިފެންޑަރު ވިޓޯ ރެއިސް އެވެ.

ކުސަނޯފް އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކަށް ބަދަލުވި އުޒްބެކިސްތާނުގެ ފުރަތަމަ ކުޅުންތެރިޔާ އެވެ. ހަތަރު އަހަރާއި ބައިގެ މުއްދަތަކަށް އުމުރުން 20 އަހަރުގެ ޑިފެންޑަރު ސިޓީ އަށް ބަދަލުވީ 41 މިލިއަން ޑޮލަރަށެވެ.

ސިޓީއާ ގުޅުމުގެ ކުރިން ކުސަނޯފް ކުޅުނީ ފްރާންސްގެ ލޯންސް އަށެވެ. މި ސީޒަނުގައި އެޓީމަށް ކުސަނޯފް ވަނީ 16 މެޗު ކުޅެފަ އެވެ. އަދި 2023 ވަނަ އަހަރު ގައުމީ ޓީމުން ފުރުސަތު ހޯދައި މިހާތަނަށް 18 މެޗު ގައުމީ ޓީމަށް ކުޅެފައިވެ އެވެ.

ސްކޮޑު އިތުރަށް ވަރުގަދަކުރަން ސިޓީން ގެނައި 19 އަހަރުގެ ޑިފެންޑަރު ރެއިސް އެ ކުލަބާ ގުޅުނީ 36 މިލިއަން ޑޮލަރަށެވެ. ހަތަރު އަހަރާއި ބައިގެ މުއްދަތަށް ސިޓީ އަށް ބަދަލުވުމަށް ފަހު ރެއިސް ބުނީ، ބޮޑު ކުލަބަކަށް ބަދަލުވުމަކީ ކެރިއަރުގައި އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

ކުސަނޯފް ސިޓީގެ ޖާޒީ ދައްކާލަނީ. --ފޮޓޯ: މެންޗެސްޓަރ ސިޓީ

ރެއިސް ވަނީ ޕަލްމެއިރާސް އަށް 20 މެޗު ކުޅެދީ، ބްރެޒިލްގެ 17 އަހަރުން ދަށުގެ ޓީމަށް 8 މެޗު ކުޅެފަ އެވެ.

ޕަލްމެއިރާސް އިން އެންމެ ފުރަތަމަ ބޭނުންވީ މި ސީޒަން ނިމެންދެން ލޯނު އުސޫލުން ރެއިސް އެ ކުލަބުގައި ބަހައްޓާށެވެ. އެހެންނަމަވެސް ސިޓީން ނިންމީ ޓްރާންސްފާ އަގު ދެއްކުމަށް ފަހު، ވަގުތުން އެ ކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ރެއިސް ހިމަނާށެވެ.

މި ސީޒަނުގެ ލީގު ރޭހުން ބޭރުގައި ސިޓީ އޮތްއިރު، އެޓީމަށް އަނިޔާގެ ގިނަ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ.  

ދެ ކުޅުންތެރިންގެ ސޮއި ހޯދުމަށްފަހު ސިޓީން މިހާރު އަންނަނީ މިސްރުގެ ފޯވާޑް އުމަރު މާމޯޝްގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ޖަރުމަނުގެ އެއިންޓްރަކް ފްރެންކްފާޓަށް ކުޅެމުން އަންނަ ފޯވާޑުގެ ސޮއި ރަސްމީކޮށް ހޯދުމަށްފަހު ސިޓީން ވަރަށް އަވަހަށް އިޢްލާންކުރާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު