ENGLISH
22 އޭޕްރީލު 2025
ރަސްގެތީމު ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެންބަރުންނާ ރައީސް ބަައްދަލު ކުރައްވައިފި
21 ޖެނުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ރަސްގެތީމު ކައުންސިލް އިދާރާގައެވެ.
މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަަރައްޤީއަށް ބޭނުން މުހިންމު ކަންކަން ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ. މިގޮތުން ރަސްގެތީމުގެ ބަނދަރުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށާއި، ރަށުގެ ކަރަންޓު ވިއުގަ މަރާމާތުކޮށްދެއްވުމަށާއި، ފެނާއި ނަރުދަމާގެ ކަނެކްޝަންގެ މައްސަލަ ހައްލު ކޮށްދެއްވުމަށާއި، ރަސްގެތީމު ސުކޫލުގެ ޖާގައިގެ ދަތިކަން ހުރުމާއިއެކު، އިތުރު ކުލާސް ރޫމް ތަކަކާއެކު، މަލްޓި ޕާރޕަސް ހޯލެއް ޤާއިމުކޮށްދެއްވުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށުގައި ކުޑަ ކުދިންގެ ޕާރކެއްގެ މުހިންމުކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި ރަނގަޅު ޙައްލެއް ގެނައުމަށް މަސައްކަތްކޮށްދެއްވާނެކަމަށެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ރަސްގެތީމުގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.