ENGLISH

22 އޭޕްރީލު 2025

Advertisement

ހަޤީޤީ މާނައިގައި ލާމަރުކަޒީ ނިޒާމް ފައްކާކުރަން މަސައްކަތް ކުރައްވަނީ މި ސަރުކާރުން: ޑެޕިއުޓީ މޭޔަރު

21 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

ހަޤީޤީ މާނައިގައި ރާއްޖޭގައި ލާމަރުކަޒީ ނިޒާމް ފައްކާކުރުމަށް މަސައްކަތް ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިއަދު ވިދާޅުވެއްޖެ އެވެ.

"އެކްސް"ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަރީޝް މިގޮތަށް ވިދާޅުވީ، ކައުންސިލް އިދާރާތައް އަލުން އިމާރާތްކުރުމަށް ރައީސް މުޢިއްޒު ނިންމެވި ނިންމެވުނުގެ ދަށުން މަސައްކަތް ފަށަން ތައްޔާރުވެފައިވާ 55 ކައުންސިލް އިދާރާގެ ލިސްޓު ހިއްސާކުރައްވަމުން ނެވެ.

ނަރީޝް ވިދާޅުވި ގޮތުގައި އެތަކެއް ޒަމާންވަންދެން އެ ކައުންސިލް އިދާރާތައް ހުރީ މާބޮޑެތި މަރާމާތުތަކެއް ނެތި ވީރާނަވާން ދޫކޮށްލެވިފައި ކަމަށާއި "ލާމަރުކަޒު ކުރަން އެންމެ ބޮޑަށް ވަކާލާތުކުރި ޕާޓީ" އެމްޑީޕީގެ ދެ ވެރިކަން ނިމިގެންދިޔައިރުވެސް ކައުންސިލް އިދާރާތައް ހުރީ ކުރިން ވެސް ހުރި ހާލުގައި ކަމަށެވެ.

އެހެންނަމަވެސް އެކަން ބަދަލުކުލެއްވީ ރައީސް މުޢިއްޒުގެ ސަރުކާރުން ކަމަށް ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ. އެގޮތުން ކައުންސިލް އިދާރާތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ރައީސް ނިންމަވައި މަސައްކަތް ފަށަން ބަޔަކާ ހަވާލުކުރެވުމަކީ މިކަމުގެ ހެއްކެއް ކަމަށް ވެސް ވިދާޅުވި އެވެ. ނަރީޝް ވިދާޅުވީ، އެކަމުން ވެސް އެނގިގެންދަނީ ލާމަރުކަޒީ ނިޒާމް އެންމެ ފުޅާމިނުގައި ތަންފީޒުކުރުމަށް ރައީސް ދެއްވާ އަހައްމިއްޔަތާއި އިސްކަން ކަމަށެވެ.

އަލަށް އިމާރަތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާއިގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުގެ ދަށުން މަސައްކަތް ކުރިއަށް ގެންދާނީ މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ "ހެކްސްޓަރ ގްލޯބަލް" އިންނެވެ. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ވިދާޅުވީ ހިނގަމުން މިދާ ހަފުތާގެ ތެރޭ، މީގެ ތެރެއިން ބައެއް ތަންތަނުގެ ބިންގާ އެޅިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު