ENGLISH
22 އޭޕްރީލު 2025
ފުލުހުންގެ ޚިދުމަތުގެ ޤާބިލުކަން އިތުރުކުރުމަށް އިންޑިއާއާ އެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
21 ޖެނުއަރީ 2025
|
ދިވެހިރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ފޮރެންސިކް ލެބޯޓަރީއަކާއި އެކި ދާއިރާތަކުން މަތީ ފެންވަރުގެ ތަމްރީނުތައް ހޯދަން އިންޑިއާގެ ފުންނާބު އުސް ތަމްރީނުދޭ މަރުކަޒުތަކަކާއެކު އެއްބަސްވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް ވަފުދެއް މި ހިނގާ ޖަނަވަރީ 12 އިން 17 އަށް އިންޑިއާއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުގައި، ފުލުހުންގެ ޚިދުމަތުގެ ތަހުޤީޤީ އަދި އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށްޓަކައި އެ ގައުމުގެ ފުންނާބު އުސް ތަމްރީނުދޭ މަރުކަޒުތަކާއެކު ކުރިން ވެފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން އިސްކޮށް ހުންނެވި މި ވަފުދުގައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްޠާން އަޙްމަދު ބިޝާރު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ފާއިޒް އަދި އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އިޝާމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މުއައްސަސާތަކާއެކު ކުރިން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، ޚާއްސަ ތަހުޤީޤުތަކާއި، ސައިބަރ ފޮރެންސިކްސް، އަދި އިންޓެލިޖެންސްގެ ދާއިރާތަކުން މަތީ ފެންވަރުގެ ތަމްރީނުތައް ލިބުމުގެ އިތުރުން، ދިވެހިރާއްޖޭގައި ބައިނަލްއަޤުވާމީ ފެންވަރުގެ ފޮރެންސިކް ލެބޯޓަރީއެއް ގާއިމުކުރުމަށް ވެސް މަގުފަހިވެގެންދާނެއެވެ.
މީގެއިތުރުން، މި ދަތުރުގައި އެމްޕީއެސްގެ ވަފުދުން ބައްދަލުކުރެއްވި މުއައްސަސާތަކުގެ ތެރޭގައި ހައިދަރާބާދުގެ ނޭޝަނަލް ޕޮލިސް އެކަޑަމީ (އެންޕީއޭ)، ގުޖުރާތުގެ ނޭޝަނަލް ފޮރެންސިކް ސައިންސް ޔުނިވަރސިޓީ (އެންއެފްއެސްޔޫ) އަދި ރަޝްޓްރިޔާ ރަކްޝާ ޔުނިވަރސިޓީ (އާރްއާރްޔޫ) ހިމެނެއެވެ. މި މުއައްސަސާތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގެ މަންހަޖު އެކްރެޑިޓްކުރުމާއި، މުދައްރިސުން ބަދަލުކުރުމާއި އަދި ޓެކްނިކަލް އެހީތެރިކަން ލިބިގެންދާނެއެވެ.
ފުލުހުންގެ ޚިދުމަތުގެ ތަހުގީގީ އަދި އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށްޓަކައި ފުންނާބު އުސް ތަމްރީނުދޭ މަރުކަޒުތަކާއެކު މަޝްވަރާކުރުމުގެ ތެރެއިން --- ފޮޓޯ: ފުލުހުން
މި އެއްބަސްވުންތަކުގެ ދަށުން، އެންއެފްއެސްޔޫއިން ދިވެހިރާއްޖޭގައި ކެމްޕަހެއް ގާއިމުކުރުމަށް ހުށަހަޅުއްވާފައިވެއެވެ. އޭގެ އިތުރުން، ޒަމާނީ ޑިޖިޓަލް ފޮރެންސިކް ލެބޯޓަރީއެއް ތަރައްއްގީކުރުމަށް އެހީތެރިވުމަށްވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
އާރްއާރްޔޫއިން ވަނީ އެމްޕީއެސްގެ ފަސް އޮފިސަރުންނަށް ސްކޮލަރޝިޕް ފުރުސަތު ދިނުމަށާއި، ދެ ކެމްޕަހުގައި ކިޔަވައިދޭ ކޯސްތަކާއި، މާލީ ކުށްތަކާއި ކަނޑުގެ ސަލާމަތާ ގުޅޭ މަތީ ފެންވަރުގެ ތަމްރީނުތައް ހިންގުމަށް މަޝްވަރާ ކުރައްވާފައެވެ.
މި ދަތުރުފުޅަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ފުލުހުންގެ މަސައްކަތުގެ މިންގަނޑުތައް ޒަމާނީ ކުރުމަށާއި، އޮޕަރޭޝަނަލް އަދި ތަހުޤީޤީ ގާބިލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.