ENGLISH
22 އޭޕްރީލު 2025
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެމެރިކާގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ތަހުނިޔާ ވިދާޅުވެއްޖެ
21 ޖެނުއަރީ 2025
|
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގެ ހުވާ ކުރައްވައި، މަޤާމާއި ޙަވާލުވެވަޑައިގެންނެވި ޖޭމްސް ޑޭވިޑް ވޭންސަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ތަހުނިޔާގެ މެސެޖެއް ފޮނުއްވަވައިފިއެވެ.
ނައިބު ރައީސް ވޭންސަށް ފޮނުއްވެވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އެމެރިކާގެ ރައްޔިތުންގެ ކުރިމަގު ބައްޓަންކޮށް، ޤައުމު ތަރައްޤީކުރުމުގައި ރައްޔިތުން އެމެރިކާގެ އައު ރައީސް ހިޒް އެކްސެލެންސީ ޑޮނަލްޑް ޖޭ. ޓްރަމްޕާއި ނައިބު ރައީސް ވޭންސަށް އޮތް އިތުބާރާއި ޔަގީންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މެސެޖުގައި މިފެށޭ ދައުރުގައި އެމެރިކާގެ ރައްޔިތުންނަށާއި، ދުނިޔޭގެ އެހެން ޤައުމުތަކުގެ ލާބައާއި މަންފާއަށްޓަކައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
އެމެރިކާ އާއި ދިވެހިރާއްޖޭގެ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖެއިން އެމެރިކާގެ ގުޅުމަށް އަބަދުވެސް އިސްކަންދެއްވާނޭކަން ހާމަކުރައްވާފައެވެ. މީގެއިތުރުން ވިޔަފާރިއާއި، އިޤްތިޞާދީ ތަރައްޤީއާއި، އިންވެސްޓްމަންޓާއި، ދިފާޢީ އަދި ސަލާމަތީ ދާއިރާއާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްވާފައިވެއެވެ.