ENGLISH

22 އޭޕްރީލު 2025

Advertisement

ވަޒީރު ޑރ. ޝަހީމް ސަޢުދީ ދަތުރުފުޅަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފި

21 ޖެނުއަރީ 2025

|

އާމިނަތު މައިހާ

ފޮޓޯ: އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

ޕާކިސްތާނަށާއި ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

ވަޒީރު ޑރ. މުޙައްމަދު ޝަހީމް، މި މަހު 10 ވަނަ ދުވަހު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަކީ މުސްލިމް ވޯލްޑް ލީގުގެ ދަޢުވަތަކަށް، އިސްލާމީ މުޖުތަމަޢުތަކުގައި އަންހެންދަރީންނަށް ތަޢުލީމުދިނުމާ ބެހޭ ގޮތުން ބޭއްވި، ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މުސްލިމް ވޯލްޑް ލީގުގެ އެންމެ މަތީ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެ ތަމްސީލުކުރައްވާ މިނިސްޓަރު ޝަހީމް، އިސްލާމީ މުޖުތަމަޢުތަކުގައި ތަޢުލީމުގެ މުހިންމު ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާ، މަޖިލީހުގެ ރައީސްގެ ޚާއްސަ ނޯޓެއް ދެއްވާފައިވެއެވެ.

ޕާކިސްތާނަށް ފަހު ވަޒީރު ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅަކީ ސަޢުދީ ޢަރަބިއްޔާގެ ވަޒީރުލްޙައްޖު ޥަލްޢުމްރާ ޑރ. ތައުފީޤު ރަބީޢާގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި 1446 ވަނަ އަހަރު، ސަޢުދީގެ ޙައްޖު މިނިސްޓްރީން ބާއްވާ ޙައްޖު މައުރަޒުގައި ވަޒީރު ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ. މީގެ އިތުރަށް، ޙައްޖާ ބެހޭ ވަޒީރު ޑރ. ތައުފީޤު ރަބީޢާއާ ރަސްމީ ގޮތުން ބައްދަލުކުރައްވައި ޙައްޖާއި ޢުމްރާއާ ގުޅޭ ކަންކަމުގައި މަޝްވަރާކުރައްވައިފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޝަހީމް ވަނީ ސަޢުދީ ޢަރަބިއްޔާއާ އެކު އޮންނަ އުޚުއްވަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވައި އެ ކަމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވައިފައިވެއެވެ.

ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާ ބެހޭ ވަޒީރު ޑރ. ތައުފީޤު ރަބީޢާ ވަނީ ޙައްޖާ ގުޅޭ ކަންކަމަށް ދިވެހި ސަރުކާރުން ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވައި، އެ ކަމަށް ޓަކައި ދިވެހި ސަރުކާރަށް ޝުކުރުއަދާކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު