ENGLISH
22 އޭޕްރީލު 2025
ޔޫޕީއާރު ވޯކިން ގުރޫޕްގެ 48 ވަނަ ބައްދަލުވުމުގައި ރާއްޖެ ބައިވެރިވެއްޖެ
20 ޖެނުއަރީ 2025
|
ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރް) ގެ 48 ވަނަ ބައްދަލުވުމުގައި ރާއްޖޭ ބައިވެރިވެއްޖެއެވެ.
ޖެނީވާގެ ޕެލޭ ޑި ނޭޝަންސްގައި މި ބައްދަލުވުން ކުރިއަށް ދާނީ މި މަހުގެ 20 އިން 31 ގެ ނިޔަލަށެވެ. ޔޫޕީއާރްގެ މި ސެޝްނަގައި ރިވިއު ކުރެވޭ 14 ގައުމަކީ އެންގޯލާ، ބޮލީވިއާ، ބޮސްނިއާ އެންޑް ހަރޒެގޮވީނާ، މިސްރު، އެލް ސަލްވަޑޯ، ފިޖީ، ގެމްބިއާ، އީރާން، އިރާގު، އިޓަލީ، ކަޒަކްސްތާން، މެޑަގަސްކާ، ސެން މެރީނޯ އަދި ސްލޮވީނިއާއެވެ.
ޔޫޕީއާރު ވޯކިން ގްރޫޕުން އަހަރަކު އެެއް ފަހަރު ބާއްވަނީ ތިން ބައްދަލުވުމެކެވެ. ޔޫޕީއާރްގެ ހަތަރުވަނަ ރިވިއު ސައިކަލް 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ފަށައިފައެވެ. މި ސައިކަލް ނިމޭނީ 2027 ވަނަ އަހަރުއެވެ.
ޔޫޕީއާރްއަކީ އ.ދ.ގެ މެމްބަރު ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ މުޅި ހާލަތަށް ރިއާއަތްކޮށް އެ ގައުމަކުން އިންސާނީ ހައްގުތައް ނަގަހައްޓާ މިންވަރު ވަޒަންކުރުމަށް އެކުލަވާލެވިފައިވާ ނިޒާމެކެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުއެވެ. އަދި މި ވަފުދުގައި ކައުންސެލާ އާދަމް ހާމިދުއާއި، ކައުންސެލާ އާމިނަތު ޝިފާޔާ އިބްރާހީމް އާއި އެޓާޝޭ މުޙައްމަދު ރާއިދު ސައީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ފަހަރުގެ ޔޫޕީއާރު ބައްދަލުވުމުގައި ވެސް ދިވެހިރާއްޖޭގެ ވަފުދުން ބައިވެރިވެ، ދިވެހި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިނާކުރަނިވި އިސްލާޙުތަކެއް ރިވިއުކުރެވޭ ޤައުމުތަކަށް ހުށަހަޅާނެއެވެ.
އެގޮތުން، އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅު ކުރުމަށާއި، އިންސާނީ ހައްގުތައް ކަށަވަރުކުރުމުގައި މެމްބަރު ގައުމުތަކުން ހޯދާފައިވާ ކުރިއެރުން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ހުށަހެޅުމުގެ ފުރުސަތު ޔޫޕީއާރު މެދުވެރިކޮށް ލިބެއެވެ.
އަދި ޔޫޕީއާރްގެ ނިޒާމު ގާއިމުކޮށްފައިވަނީ އިންސާނީ ހައްގުތަކާ ގުޅޭ އިލްތިޒާމުތައް އުފުލުމުގައި މެމްބަރު ގައުމުތަކުން އިތުރަށް ރަނގަޅުކުރަން ފެންނަ ކަންކަން ހުށަހަޅައި، އެ ގައުމުތަކުން ކުރަމުން އަންނަ މަސައްކަތް އަގުވަޒަންކުރެވޭނެ ފަދަ ގޮތަކަށެވެ.