ENGLISH

22 އޭޕްރީލު 2025

Advertisement

އޭސީސީއަށް އައްޔަނުކުރަން ރައީސް ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުގެ ރުހުން

20 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

ރައްޔިތުންގެ މަޖިލީހުގެ ތަޅުން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ހުސްވެފައިވާ ދެ މަގާމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އޭސީސީއަށް އައްޔަނުކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވި މއ. ގޯލްޑަން މޫން، އަހުމަދު ނާޝިދު އަދި އަބްދުﷲ ނާޝިދު، ފަސާނާ، ރ. އަލިފުށީގެ ނަން، މަޖިލީހުގެ ތަޅުމަށް އިއްވައި، އެ މައްސަލަ ދިރާސާކުރުމަށް ފޮނުވީ ދައުރުން ބޭރުން މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.

ހެނދުނުގެ ޖަލްސާއަށް ފަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ބޭފުޅުންނާއި އިންޓަވިއުކުރުމަށް ފަހު ނިންމެވީ، އެ ބޭފުޅުންނަށް ރުހުންދޭން ފެންނަ ކަމަށެވެ. އެއާއެކު މިއަދު ހަވީރު ޖަލްސާއެއް ބާއްވައި މަޖިލީހުން ވަނީ، އެ ބޭފުޅުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ވޯޓެއް އަހައިފަ އެވެ.

އެ ވޯޓުގެ ނަތީޖާއަށް ބަލާއިރު އޭސީސީއަށް އަހުމަދު ނާޝިދު އައްޔަނުކުރަން މަޖިލީހުން ރުހުންދެއްވީ 68 މެމްބަރުންގެ ވޯޓާއެކު އެވެ. އަދި އެ ކޮމިޝަނަށް އަބްދުﷲ ނާޝިދު އައްޔަނުކުރަން ފެންނަ ކަމަށް ވެސް 68 މެމްބަރުން ވޯޓު ދެއްވި އެވެ.

އޭސީސީގެ ދެ  މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ނައިބު ރައީސަކަށް ހުންނެވި އަބްދުއް ސަލާމާއި މެމްބަރަކަށް ހުންނެވި ތޯހާ މުހައްމަދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ. އެ މެމްބަރުން އިސްތިއުފާ ދެއްވީ، ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ނިންމައި، އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަޖިލީހުން ތައްޔާރުވެފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު