ENGLISH
22 އޭޕްރީލު 2025
ލޯނުތައް ނެގީ ކުޑަ އިންޓަރެސްޓެއްގައި މުހިންމު މަޝްރޫޢުތަކަށް: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2025
|
މި ސަރުކާރުން ލޯނުތައް ނަގާފައިވާނީ އިންޓްރެސްޓް ރޭޓު ކުޑަކޮށް، ރައްޔިތުންނަށް ފައިދާހުރި އެންމެ މުހިންމު މަޝްރޫޢުތައް ހިންގުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރު ސަރުކާރުން ވަނީ ޖުމްލަ ނުވަ ލޯނަކަށް 334 މިލިއަން ޑޮލަރު ނަގާފައެވެ.
މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި ލޯނުތަކުގެ ބޮޑުބައެއް ހޭދަ ކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓްގެ މަޝްރޫއަށެވެ. މިދިޔަ އަހަރު ވަނީ އަތޮޅުތަކުގެ ބައެއް ހޮސްޕިޓަލްތައް އެޅުމަށާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިން ހަމަޖައްސަން ވެސް ލޯނު ނަގާފައެވެ. އެ މިނިސްޓްރީން ވިދާޅުވީ، މިކަންތައްތަކަށް ނެގި ލޯނުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމަށާއި އިމްޕޯރޓަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ އަށް ކާބޯތަކެތި އުފެއްދުމަށް އެހީތެރިވުމަށް ވެސް ލޯނު ނެގި އެވެ.
ދެހާސް ސައްވީސް ވަނަ އަހަރުގެ ހުރިހާ ލޯނެއް ވެސް ނަގާފައިވާނީ ކޮންސެޝަނަލް އަދި ސެމީ ކޮންސެޝަނަލް ރޭޓެއްގައި ކަމަށްވާތީ، ކޮމާޝަލް ލޯނުތަކާ އަޅާ ބަލާ އިރު ރާއްޖެއަށް ލޯނު ލިބުނީ އަގުހެޔޮ ރޭޓުތަކެއްގައިކަންވެސް މިނިސްޓްރީއިން ވަނީ ފާހަގަކުރައްވައިފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ބޮޑު ލޯނެއް ނެގީ ސަޢުދީ ފަންޑު ފޯރ ޑިވެލޮޕްމަންޓުންނެވެ. އެ އިދާރާ މެދުވެރިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް 150 މިލިއަން ޑޮލަރު ނެގި އެވެ. ދެ ވަނަ އަށް އެންމެ ބޮޑު ޢަދަދެއް ހޯދީ އެކްސްޕޯޓު އިމްޕޯޓު ބޭންކް އޮފް ޗައިނާ (ޗައިނާ އެގްޒިމް) ބޭންކުންނެވެ. އެ ބޭންކުން ނެގީ 75 މިލިއަން ޑޮލަރުގެ ލޯނެކެވެ. އެ ލޯނު ނެގީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯރޓު ޕްރޮޖެކްޓުގެ ރީފައިނޭންސިން އާއި އަޕްގްރޭޑު ކުރުމަށެވެ.
ތިން ވަނަ އަށް އެންމެ ބޮޑު ލޯނެއް ނެގީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) މެދުވެރިކޮށެވެ. އެ ބޭންކު މެދުވެރިކޮށް ނެގި ދެ ލޯނަށް 40 މިލިއަން ޑޮލަރު އަރައެވެ. އައިޑީބީން ލޯނު ނަގާފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރެއްވި މަޢުލޫމާތުތަކުގައިވާ ގޮތުން ދައުލަތުގެ ޖުމްލަ ދަރަނި މިދިޔަ އަހަރު ހުރީ 139 ބިލިއަން ރުފިޔާގަ އެވެ. ދައުލަތުގެ ދަރަނި މި އަހަރު 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައި ވެއެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 124 އިންސައްތައެވެ.