ENGLISH

22 އޭޕްރީލު 2025

Advertisement

ޚާރިޖީ ވަޒީރު އިންޑިއާގެ އައު ސަފީރުއާ ބައްދަލުކުރައްވައިފި

20 ޖެނުއަރީ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

އިންޑިއާ ސަފީރު ޖީ. ބަލަސުބްރަމަނިއަމް އާއި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޖީ. ބަލަސުބްރަމަނިއަމް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަށް މިނިސްޓަރު މަރުޙަބާ ދެންނެވިއެވެ. އަދި ދެ ޤައުމުގެ މެދުގައި އޮތް ގާތް ގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

‎މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ދެެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް ރަހްމަތްތެރިކަން ފާހަގަކުރައްވައި، އިންޑިއާ ސަރުކާރުގެ ފަަރާތުން ރާއްޖެއަށް ފޯރުކޮށްދެއްވާފައިވާ އެހީތެރިކަމަށްޓަކައި ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވާފައެވެ.

‎މި ބައްދަލުވުމުގައި އިންޑިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމަށް ފައިދާހުރި ކަންތައްތައް ހާސިލްކުރުމަށްޓަކައި ސަރުކާރާއެކު ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އެރުއްވިއެވެ.

 މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި ފޮރިން ސެެކްރެޓަރީ ފާތިމަތު އިނާޔާ، އެމްބެސެޑަރ އެޓް ލާޖް، މުހައްމަދު ފަހުމީ ހަސަން، އިންޑިއާ ޑިވިޜަންގެ ޖޮއިންޓް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ، ޑިރެކްޓަރ އަޙްމަދު ސުޒިލް އަދި ޑިރެކްޓަރ އާއިޝަތު ޝަހުލާ ބައިވެރިވެވަޑައިގެންނެވިއެވެ. އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ އަރިހުގައި ޑެޕިއުޓީ ހައިކޮމިޝަނަރ ކުމާރް ގޯރަވް ބައިވެރިވެވަޑައިގަތެވެ.

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޖީ. ބަލަސުބްރަމާނިއަން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުގައެވެ.  

ކިޔުންތެރިންގެ ހިޔާލު