ENGLISH
22 އޭޕްރީލު 2025
މާލެ- ހުޅުމާލެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތުގެ 65 އިންސައްތަ ނިމިއްޖެ
20 ޖެނުއަރީ 2025
|
މާލެ އާއި ހުޅުމާލެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތުގެ 65 އިންސައްތަ ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއްޖެއެވެ.
އެމްޑަބްލިއުއެސްސީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަޝްރޫޢު އެކި ސަބަބު ތަކާހުރެ 2016 ވަނަ އަހަރު މަޑު ޖެހުމަށްފަހު، އަނެއްކާވެސް މަސައްްކަތް މިދިޔަ އަހަރު ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތް މިހާރު ވަރަށް ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށްވެސް އެމްޑަބްލިއުއެސްސީން ފާހަގަކުރެއްވިއެވެ.
އެ ކުންފުނިން ވިދާޅުވީ މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާ ޓްރާންސްފާ ޕަމްޕް ސްޓޭޝަންތަކުގެ ފައުންޑޭޝަން މަސައްކަތްތައް ނިންމައި އިމާރާތުގެ އޮނިގަނޑުގެ މަސައްކަތް މިހާރު ވަނީ ފަށައިފައި ކަމަށެވެ. އަދި މާލޭގެ ޕަމްޕް ސްޓޭޝަންގެ މުޅި މަސައްކަތުގެ 25 އިންސައްތަ މަސައްކަތް ނިންމާފައިވާއިރު، ހުޅުމާލޭގެ ޕަމްޕް ސްޓޭޝަންގެ 60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ.
އެމްޑަބްލިއުއެސްސީން އިތުރަށް ފާހަގަކުރީ މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ 20 އިންޗި ޑައިމީޓަރު އަދި ފަސް ކިލޯމީޓަރު ދިގު މައި ހޮޅި ސާފުކޮށް، ޑިސްއިންފެކްޓް ކުރުމާއި ޕްރެޝާރ ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މި އަހަރުގެ މާރޗު މަސް ނިމުމުގެ ކުރިން ޕަންޕު ސްޓޭޝަންތަކުގެ އިމާރާތްތަކުގެ މަސައްކަތް ނިންމުމަށް އެމްޑަބްލިއުއެސްސީން ވަނީ ޢަމާޒު ހިފާފައެވެ.
މި އަހަރުގެ ދެވަނަ ކުއާޓާގައި، އިމާރާތްތަކުގެ މަސައްކަތް ނިންމާ ޕަންޕު ބެހެއްޓުމަށްފަހު އެ ނިމާޒުމުތައް ބޭނުން ކުރަން ފަށާނެއެވެ. މާލެ އާއި ހުޅުމާލެ ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫޢު ނިމުމުން މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިނަ މާލެއަށް 800 ޓަނުގެ ފެން ޕަންޕު ކުރުމުގެ ގާބިލްކަން ލިބޭނެއެވެ.